Sunday, August 16, 2026

އިސްލާމީ ޝަރީޢަތުގެ ދެވަނަ މަސްދަރު: ކީރިތި މާތް ނަބިއްޔާގެ ސުންނަތް

ޙަސާޒިމް | ޒިމްސް ދަރުބާރު | 16 އޯގަސްޓް 2026







އިސް ބަސް

މިއީ އަޅުގަނޑު ޝަރީއާ އެންޑް ލޯ ގެ ބެޗެލަރސް ޑިގްރީ ހެދިއިރު ޝަރީއާގެ މޮޑިއުލެއްކަމުގައިވާ ޕްރިންސިޕަލްސް އޮފް އިސްލާމިކް ޖުރިސްޕްރިޑެންސްގައި ލިއުނު އެސައިމަންޓުން ނަގައިގެން ލިޔެފައިވާ ލިއުމެވެ. މިލިއުން ލިޔެ ޝާއިއުކުރުމުގެ ބޭނުމަކީ އަޅުގަނޑަށް ލިބިފައިވާ ޢިލުމުން އަޅުގަނޑަށްވުރެ ފަހުން މި ޢިލްމު ހޯދާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ. އަދި މިކަމުގެ ސަބަބުން އެފަރާތްކަށް މަންފާއެއްކޮށް އެކަމުގެ ހެޔޮދަރުމައާއި ޘަވާބު އަޅުގަނޑަށް ﷲގެ ޙަޟްރަތުން ލިބުމުގެ އުންމީދުގައެވެ.

އިންސާނާ ދުނިޔޭގައި ލައްވަވާ އޭނާ ނުދަންނަކަންތައްތައް އުނގަންނަވާ ދެއްވެވި "العليم" މާތް ﷲ ސުބުޙާނަހޫ ވަޠަޢަލާއަށް ޙަމްދާއި ޝުކުރުހުއްޓެވެ. މީސްތަކުންގެ އުޅުމާއި ގުޅުމާއި ބަހައްޓަންވީ ގޮތާއި އެބައިމީހުންގެ ވެރިރައްބަށް އަޅުކަންކުރަންވީ ގޮތާއި އެބައިމީހުންގެ މެދުގައިދިމާ މައްސަލަތަކަށް ޙައްލު ހޯދާނޭގޮތް މީސްތަކުންނަށް ބަޔާންކޮށްދެއްވާ އުނގަންނައިދެއްވުމަށް ފޮނުއްވެވި މާތް ނަބިއްޔާ މުހައްމަދު  އަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރަމެވެ. އެކަލޭގެ ފާނަކީ އެ އެއްޗެއްގައި މީސްތަކުން ހިފަހައްޓައިގެން ތިބެއްޖެނަމަ މީސްތަކުން މަގު ފުރެދި ނުދާނޭ ދެ ވަސީލަތްކަމުގައި ވާ މާތްﷲ ގެ ފޮތާއި އެކަލޭގެ ފާނުގެ ސުންނަތް މީސްތަކުންނަށް ބަޔާންކޮށްދެއްވާ އަންގަވާ ދެއްވެވި މީސްތަކުންގެ މައްޗަށް ރަޙުމަތެއް ކަމުގައި ފޮނުއްވެވި ސާޙިބާމެއެވެ. މާތްނަބިއްޔާއަށް ކިޔެވޭ ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ ފަރާތްޕުޅުން މިއަދާއި ހަމައަށް އެކަލޭގެ ފާނުގެ ސުންނަތް ގެނެސްދިނުމުގައި މެދުވެރިވި އެކަލޭގެފާނުގެ މާތް ޞަޙާބީންނާއި އެއްމެހައި ޢިލްމުވެރިން ސާމިލުކުރަމެވެ.

 

މިއެސައިމެންޓް ތައްޔާރު ކުރެވިފައިމިވަނީ " އިސްލާމީ ޝަރީޢަތުގެ ދެވަނަ މަސްދަރު: ކީރިތި މާތް ނަބިއްޔާގެ ސުންނަތް" މި މަޢުލޫގެ މައްޗަށެވެ. މާތް ނަބިއްޔާގެ ސުންނަތާއި އޭގެ މަތިވެރިކަމާއި އިސްލާމްދީނުގެ ފުރިހަމަކަމާއި ދުނިޔެ ހުސްވަންދެން އެކަމާއިމެދު ވާހަކަދެއްކިޔަސް ކޮޅުންލާނެ ވާހަކައެއް ނޫނެވެ. އެހެންކަމުން މިފަދަ ކުޑަކުޑަ އެސައިމެންޓެއްގައި ޚުލާޞާގޮތެއްގައި މަތިމަތިން ނޫނީ އެފަދަ ފުރިހަމަ ފުޅާ މަޢުލޫއަކަށް އިންޞާފުކުރާނީ ކިހިނެއްތޯއެވެ؟

ސުންނަތަކީ ކޮބާ؟

ހަމަ ޔަޤީނުންވެސް "ސުންނަތް" މި ބަހަކީ މުސްލިމުންނަށް ބީރައްޓެހި ބަހަކަށް ނުވާނެއެވެ. ސުންތަކީ އިސްލާމްދީނާއި ގުޅިފައިވާ ކަމެއްކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ.  އެހެންނަމަވެސް އަސްލު ސުންނަތަކީ ކޮބައިކަމާއި ދީނާއި ސުންތާއިވަނީ ކިހާވަރެއްގެ ގުޅުމެއްކަން ގިނަބަޔަކަށް އެނގިފައިވާކަމަށް ނުބެލެވޭ ސަބަބަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ސުންނަތާއިމެދު ދެކޭ ގޮތާއި އަދި އެކަމަށް ދޭ އަހުމިއްޔަތުގެ ކުޑަކަމުންނެވެ.

 

ސުންނަތް ( سنه) މި ބަހަކީ ޢަރަބި ލަފުޒެކެވެ. ބަހުގެ މާނައަށް ބަލާލާއިރު "މި ބަހުގެ މާނައަކީ އާދަވެ ކަންކުރަމުން އަންނަ ގޮތެވެ. އަދި އެއީ މުސްލިމުންގެ ސަޤާފީ، އިޖުތިމާޢީ އަދި ޝަރުޢީ ކަންކަމުގައި ކަންކުރަމުން އަންނަގޮތެވެ. މުސްލިމުންގެ މުޤައްދަސް ފޮތް ކީރިތި ޤުރުއާނާއި  މުސްލިމުންގެ މާތް ނަބިއްޔާ މުޙައްމަދު ގެ ޙަދީޘް އަށް ބަލާނަމަ، ސުންނަތަކީ މުސްލިމުންގެ ޝަރީޢަތުގެ މައިގަނޑު އެއް މަސްދަރެވެ."[1]

އިސްވެދިޔަ މާނައަށް ބަލާއިރު ސުންނަތަކީ މުސްލިމުންގެ ދީނާއި ގުޅިފައިވާ ކަމެއްކަން އެބައެނގެއެވެ. ދެންބަލާލަން ޖެހެނީ އިސްލާމްދީނުގައި ސުންނަތަކީ ކޮބައިތޯއެވެ.

 

"ސުންނަތަކީ ކީރިތި ރަސޫލާގެ  އަރިހުން ނަކަލުކުރެވިފައިވާ ޙަދީޘްފުޅުތަކާއި (ބަސްފުޅުތަކާއި) އެކަލޭގެފާނު ކުރެއްވިކަމަށް އެނގިފައިވާ ކަންތައްތަކާއި އެކަލޭގެފާނުގެ އަރިހުގައި ނުވަތަ އެކަލޭގެފާނަށް އެނގިވަޑައިގެން ކަމެއް ހިނގައި، އެކަމެއް މަނާނުކުރައްވާ ކޮންމެކަމެއްކެވެ.

ކީރިތި ރަސޫލާގެ ސުންނަތަކީ ކީރިތި ޤުރުއާނަށްފަހު އެއްމެ އިސްކަންދެވޭ (އަދި އިސްކަންދޭންޖެހޭ) އިސްލާމްދީނުގެ ދެވަނަ މަސްދަރެވެ. ކަމަކާއިބެހޭ ޙުކުމުއް ކީރިތި ޤުރުއާނުން ނުފެނިއްޖެނަމަ އަޅުގަނޑުމެންނަށް ދާންޖެހޭނީ ރަސޫލާގެ ސުންނަތަށެވެ. ކީރިތި ރަސޫލާގެ ސުންނަތަކީ ކީރިތި ޤުރުއާނުގައިވާ ޙުކުމެއްގެ ބަޔާނެއްކަމުގައި ފަހަރެއްގައި ވެދާނެއެވެ. (މިސާލަކަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ ނަމާދު ކުރާށެވެ. ނަމާދު ކުރާނެގޮތާއި ނަމާދާއިބެހޭ ހުރިހާ ތަފްޞީލުތަކެއް އެނގެނީ ސުންނަތުންނެވެ.)"[2]

މިހެން ކަމުން ސުންނަތާއި ނުލައި އެއްވެސް މީހެއްގެ އީމާންކަން އަދި އިސްލާމްކަންވެސް ފުރިހަމަ ނުކުރެވޭނެކަން އެބައެނގެއެވެ.  އެހެނީ ސުނަތުގެ ޢަލީގައި މެނުވީ އީމާން ކާމާއި އިސްލާމްކަން ދެނެނުގަނެވޭނެތީއެވެ. އަދި ދީނުގެ އިބާދާތު ( އަޅުކަމުގެ) އެއްމެހާ ރުކުންތަކާއި އެކަންކަން ކުރާނެ ޞައްޙަ މަގު އެނގޭ މަސްދަރަކީ މާތް ނަބިއްޔާގެ ސުންނަތް ކަމުގައި ވާތީއެވެ.

ސުންނަތަކީ "ކަންހިނގާގޮތޭ" ކުރިން ބުނެވިދިޔަ މާނައިގެ މައްޗަށް ބާރުލިބެނީ ކީރިތި ޤުރުޢާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަވާފައިވާ މި ބަސްފުޅުންނެވެ. އެކަލާންގެ ވަޙީކުރައްވަވާފައިވަނީ:

﴿ سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا ۖ وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا ﴾ (سورة الإسراء، ٧٧) މާނައީ: "(އެއީ) ތިމަންރަސްކަލާންގެ ރަސޫލުންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި ރަސޫލުންނާއިމެދު، ކަންތައް ހިންގެވިގޮތެވެ. އަދި ތިމަންރަސްކަލާނގެ ކަންހިންގަވާގޮތް، އެހެންފަރާތަކަށް އަނބުރާލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."[3]

އެހެންނަމަވެސް ސުންނަތުގެ އަސްލުމާނައާއި އިސްލާމްދީނުގައި ސުންނަތައް ދެވިފައިވާ ޤަދަރާއި އަހަމިއްޔަތު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އޮންނީ އޮޅިފައެވެ.  މިހެންވަނީ ދީނުގެ ޢިލްމު އުނގެނުމަށް މީސްތަކުން އަހަމިއްޔަތުކަން ނުދިނުމުގެ ސަބަބުންނެވެ.  ސުންނަތާއިމެދު ކުށްހީވެފައިވާ މީހުނަށް ހީވަނީ، އެކަމަކީ ކުރިޔަސް އަދި ނުކުރިޔަސް ހެޔޮކަމަށް ދީނުގައި ދޫކޮށްލާފައިވާ ކަންކަން ކަމުގައެވެ. ކޮށްފިނަމަ ތިމާއަށް އިތުރަށް ޘަވާބެއް ލިބިދާނެކަންކަން ކަމުގައެވެ. ދީނުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.  މިސާލަކަށް ފަރުޟު ނަމާދުތަކާއި އެކުގައިވާ ސުންނަތް ނަމާދު ތަކެވެ. ނުވަތަ ރަމަޟާންމަސް ނޫން އެހެން މަސްތަކުގައި ރޯދަހިފުމެވެ.  ޙަޤީގަތުގައި މިދެންނެވި ކަންކަމަކީ އަޅުކަމުގެ ތެރޭގައި ހިމެނޭ ސުންނަތް ކަންތައްތަކެވެ.  ބުނެވިމިދިޔަ ކަންކަމަށް އިސްލާމްދީނުގައި ދެވިފައިވާ ނަމަކީ "މަންދޫބު ނުވަތަ މުސްތަޙައްބު" ކަންކަމެވެ. އަޅުގަނޑުމެން މިތަނުގައި ވާހަކަ ދައްކަމުން މިގެންދާ "ސުންނަތަކީ" އިސްލާމީ ޝަރީޢަތުގެ އެއްމެ މުހިއްމު އެއްމަސްދަރު ކަމަށްވާ މާތް ނަބިއްޔާ މުޙައްމަދު ގެ އުޅުއްވުމާއި އެކަލޭގެ ފާނުގެ އަމުރުފުޅުތަކުގެ ވާހަކައެވެ.  މިކަންކަމަކީ އެއާއިއެއްގޮތަށް ޢަމަލުކޮށްގެން ނޫނީ މުސްލިމުންގެ އިމާންކަމާއި އިސްލާމްކަން ފުރިހަމަ ނުވާނޭ އެބައިމީހުންގެ އަޅުކަމާއި ދިރިއުޅުމާއި ގުޅިފައިވާ އެއްމެހައި ކަންކަމެވެ.

މުސްލިމުންގެ ދިރިއުޅުމުގެ އެއްމެހާ ކަންކަމުގައި ނަމޫނާއެއް ކަމުގައި ބަލަން ޖެހޭނީ އެ ނަމޫނާއެއްގައި އުނިކަމެއް ނުވާ މާތް ނަބިއްޔާގެ ޙަޔާތްޕުޅަށްށެވެ. އާދެ އެކަލޭގެ ފާނުގެ ސުންނަތަށެވެ.

މިކަން ބަޔާން ކުރައްވާ މާތްﷲ ސުބުހާނުހޫ ވަތަޢަލާ ކީރިތި ޤުރުއާނުގައި މީސްތަކުންނަށް އިރުޝާދު ދެއްވާފައިވަނީ މާތް ރަސޫލާ މުޙައްމަދު  މީސްތަކުން އެބައިމީހުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެ ރިވެތި ނަމޫނާ ލިބެނިވި ފަރާތަކީ އެކަލޭގެ ފާނުކަމުގައެވެ.  އެކަލާންގެ ވަޙީ ކުރައްވަވާފައިވެއެވެ:-

﴿ لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ  ﴾ ( سورة الأحزاب ٢١)، މާނައީ: "ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުނަށް ރިވެތިވެގެންވާ ނަމޫނާއެއް ވިއެވެ."[4]

ވަކިކަމެއް ކުރުމުގައި ނުވަތަ ވަކިގޮތަކަށް އުޅުމުގައި ނަމުނާއެއް ޚިޔާރު ކުރާނަމަ ޚިޔާރު ކުރަންޖެހޭނީ އޭގައި އުނިކަމެއްނުވާ ފުރިހަމަ އެއްޗެކެވެ. އެހެންކަމުގައި ނުވާނަމަ އެއީ ނަމޫނާއަކަށް ކަމުދާ އެއްޗެއް ކަމުގައި ނުވާނެއެވެ.

ޙަދީޘް ޢިލްމު 

ރަސޫލު  ގެ ސުންނަތާއި އެއްގޮތަށް ޢަމަލުކުރަން އެދޭމީހާ އެއްމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ޞައްޙަ މަގުން ވާރިދުވެފައިވާ އެކަލޭގެފާނުގެ ސުންނަތް ދަސްކުރުމެވެ. އެއީ އެކަލޭގެ ފާނަށް ތަބަޢުވެ ވަޑައިގެންނެވި މާތް ޞަޙާބީންނާއި އެބޭކަލުން ނަށް ތަބަޢުވި ތާބިޢީންނާއި ސަލަފުއްޞާލިޙުން ޢަމަލު ކުރެއްވިގޮތެވެ.  އެބޭކަލުންނަކީ އަމާނާތްތެރިކަމާއިއެކު މިއަދު އަޅުގަނޑުމެންނާއި ހަމައަށް މާތް ނަބިއްޔާގެ ސުންނަތް ގެނެސްދެއްވި ބޭކަލުންނެވެ. 

"ރަސޫލު ގެ ޞަޙާބީން އެކަލޭގެ ފާނުގެ އަރިހުން ދީނުގެ ޢިލްމު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރެއްވެވިއެވެ.  ޤުރުޢާނުގައި އިޖްމާލީކޮށް އައިސްފައިވާ މައްސަލަތަކުގެ ތަފްޞީލުތައް އޮޅުފިލުއްވައި، އެއްބޭކަލުންނަށް ފަހުމުވެ ވަޑައި ނުގަންނަވާ ކަންތައްތަކާއިމެދު ސުވާލު ކުރައްވަވާ ހެއްދެވިއެވެ. އެބޭކަލުން ނަބިއްޔާގެ އަރިހުން އުނގެނި ވަޑައިގެން، އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ބޭކަލުންނަސް އެތަކެތި އުނގަންނަވައިދެއްވެވިއެވެ. އެބޭކަލުންނަށް ތަބާވެވަޑައިގެނެވި ތާބިޢީ ބޭކަލުން ދީނުގެ ކަންކަން އޮޅުންފިލުއްވަވައި ޢިލުމުހޯއްދެވުމުގައި ޞަޙާބީންނަށް ތަބާވެވަޑައިގެންނެވިއެވެ. ނަމަވެސް އުއްމަތުގައި ފިތުނަވެރިކަން އުފެދި އުއްމަތް ބައިބައިވާން ފެށުމުން އިސްލާމީ ޝަރީޢަތާއި ރަސޫލު ގެ ސުންނަތް ރައްކާތެރި ކުރެއްވުމަށްޓަކައި ފެއްޓެވި މަސައްކަތުގެ ތެރެއިން ހަދީޘް ޢިލުމުގެ ފޮތްތައް ލިޔެ ރައްކާކުރަން ފެށުނެވެ."[5]

ޢުލޫމުލް ޙަދީޘް ނުވަތަ ޙަދީޘް ޢިލްމު މައިގަނޑު ދެބަޔަކަށް ބެހިގެން ވެއެވެ.

"އޭގެތެރެއިން ފުރަތަމަ ބަޔަކީ ނަބިއްޔާގެ އަރިހުން އައިސްފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އިޤްރާރުވެވަޑައިގެންނެވި ކަންތައްތަކާއި ސިފަފުޅުތައް ނަޤުލު ކުރުމެވެ. އެއީ އެކަކު އަނެކަކުންގެ ކިބައިން ރިވާކޮށްގެންނާއި ލިޔެ ތަދުވީނުކޮށްގެނެވެ.

ދެވަނަބަޔަކީ، ހަދީޘެއް ޤަބޫލުކުރުމާއި ޤަބޫލުނުކޮށް ދޫކޮށްލުމަށްޓަކައި، އެޙަދީޘެއްގެ ސަނަދާއި މަތުނުގެ ޙާލަތައް އެނގޭ އުސޫލުތަކާއި ޤަވާއިދުތައް ހިމެނޭ ޢިލްމެވެ.  ޖުމްލަގޮތެއްގައި  ސުންނަތާއި ޙަދީޘްއާއި ގުޅުންހުރި ހުރިހާ ޢިލްމުތަކެއް އެއްކޮށް "ޢުލޫމުލް ޙަދީޘް" އޭ ކިޔައެވެ."[6]   

ޙަދީޘް ޢިލްމުގެ މަޝްޙޫރު ޢިލްމުވެރިން ނާއި ބައެއް ފޮތްތައް

"ކީރިތި މާތް ނަބިއްޔާ ގެ ޙަދީޘްތައް އެއްކޮށް ޖަމްޢުކޮށް ވަރަށް ގިނަ ފޮތްތައް ލިޔެވިގެންވެއެވެ. އޭގެތެރެއިން އެއްމެ ޞައްޙަކަން ބޮޑު ފޮތްތަކުގެ ގޮތުގައި ނުވަ ފޮތެއް ފާހަގަވެގެންވެއެވެ. އޭގެތެރެއިން "ޞަޙީޙުލް ބުޚާރީ" އާއި "ޞަހީޙުލް މުސްލިމް" އަކީ الصحىحىن ގެ ނަމުން ނަންދެވިގެންވާ ދެފޮތެވެ.  ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މާތްނަބިއްޔާގެ ޙަދީޘް އެކުލެވިގެންވާ ފޮތްތަކުގެ ތެރެއިން އެއްމެ ޞައްޙަ ދެފޮތަކީ މިއީއެވެ."[7]

އޭގެތެރެއިންވެސް މަޝްހޫރުވެގެންވާ އެއްމެ ޞައްޙަ ހަ ފޮތެއްވެއެވެ.  އެފޮތްތަކަކީ:

1.     صحىح البخارى :

"ޞަޙީޙުލް ބުޚާރީ ގެ ނަމުން މަޝްހޫރުވެފައިވާ މި ފޮތަކީ ޙަދީޘް ޢިލްމުގައި އެއްމެ ޞައްޙަކަންބޮޑު އަދި އެއްމެ މަޝްހޫރު ފޮތެވެ. ޞަޙީޙުލް ބުޚާރީގައި ޖުމްލަ 7275 ޙަދީސް ވެއެވެ. މި ފޮތުގެ މުސައްނިފަކީ އަލް އިމާމް މުޚާރީގެ ފާނެވެ.  އެކަލޭގެ ފާނުގެ އަސްލު ނަންފުޅަކީ އަބޫ އަބްދިއްލާހު އިބްނު އިސްމާއީލް އިބްނު އިބްރާހީމް އިބްނު އަލް މުޣީރާ އިބްނު ބަރުދިޒްބާޙު އަލްޖުލްފިޢީ އަލް ބުޚާރީއެވެ. އެކަލޭގެ ފާނު އުފަންވެ ވަޑައިގަތީ ހިޖުރައިން 194 ވަނަ އަހަރު ޝައްވާލު މަހު 13 ވަނަ ދުވަހު ބުޚާރާ އޭ ކިއުނު ރަށުގައެވެ. އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގެންފައިވަނީ ހިޖުރައިން 256 ވަނައަހަރުގެ ފިތުރު ޢީދުވިލޭރޭގައެވެ."[8]

 

2.     صحىح مسلم :

"ޞަޙީޙު މުސްލިމް ގެ ނަމުން މަޝްޙޫރުވެފައިވާ މި ފޮތް ލިއުއްވާފައިވަނީ އަލް އިމާމް މުސްލިމް އެވެ.  މިކަލޭގެ ފާނުގެ އަސްލު ނަންފުޅަކީ އަބޫ ޙުސައިން މުސްލިމް އިބްނު ދާވޫދު އިބްނު ކައުޝަދު އަލް ޤުޝައިރީ އަލް ނިޝާބްރީ އެވެ. މިކަލޭގެފާނު އުފަންވެ ވަޑައިގަތްކަމަށް މަޝްހޫރުވެގެން ވަނީ އިޖުރައިން 204 ވަނަ އަހަރު ޚުރާޝާންގެ ނިޝާބޫރު ގައެވެ. އަދި މިކަލޭގެ ފާނު އަވަހާރަވެ ވަޑައިގެންފައިވަނީ ހިޖުރައިން 261 އަހަރު އެކަލޭގެ ފާނުގެ އުމުރުފުޅުން 55 އަހަރުގައެވެ.  "ޞަޙީޙު މުސްލިމް" ގައި ތަކުރާރު ކުރެވިފައިވާ ޙަދީޘް ތަކާއިއެކު ޖުމްމަ 12000 ޙަދީޘް ވެއެވެ."[9]

 

3.     سن ابو داود :

"އިމާމް އަބޫ ދާވޫދު ލިއުއްވާފައިވާ މި ފޮތުގެ އަސްލު ނަމަކީ السن އެވެ. އިމާމް އަބޫދާވޫދުގެ ފުރިހަމަ ނަންފުޅަކީ އަބޫދާވޫދު ސުލައިމާން އިބްނު އަޝްޢަތު އިބްނު އިސްޙާޤު އަލް ސަޖިސްތާނީ އެވެ. އެކަލޭގެ ފާނުގެ އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 202 ވަނަ އަހަރު އެވެ. އަދި އަވަހާރަވެ ވަޑައިގެންފައިވަނީ ހިޖުރައިން 275 ވަނަ އަހަރުގައެވެ. މިފޮތުގައި 5274 ޙަދީޘް ވެއެވެ."[10]

 

4.     سنن التر مذى:

" 3956 ޙަދީޘް ހިމެނޭ މި ފޮތް ލިއުއްވާފައިވަނީ އަލް އިމާމް އައްތިރުމިޛީ އެވެ.  އެކަލޭގެ ފާނު އުފަންވެ ވަޑައިގެންފައިވަނީ ހިޖުރައިން 209 ވަނަ އަހަރުގައެވެ. އަދި އަވަހާރަވެ ވަޑައިގެންފައިވަނީ ހިޖުރައިން 279 ވަނަ އަހަރުގައެވެ."[11]  

 

5.     سنن النسا ئ:

" ސުނަނު ނަސާއީ ލިއުވާފައިވަނީ ހިޖުރައިން 215 ވަނަ އަހަރު އުފަންވެ ވަޑައިގެންނެވި އަލް އިމާމް އައްނަސާއީ އެވެ. މިފޮތުގައި 5774 ޙަދީޘް ވެއެވެ. އެކަލޭގެ ފާނު އަވަހާރަވެ ވަޑައިގެންފައި ވަނީ ހިޖުރައިން 303 ވަނަ އަހަރުގައެވެ."[12]  

 

6.     سنن ابن ماجه:

މިސުނަނު ލިއުއްވި އަލް އިބްނު މާޖާ އުފަންވެ ވަޑައިގެންނެވީ ހިޖުރައިން 209 ވަނައަހަރުގައެވެ. އެކަލޭގެފާނު ވަނީ މި ފޮތުގައި 4341 ހަދީޘް ލިއުއްވާފައެވެ.  އެކަލޭގެފާނު އަވަހާރަވެ ވަޑައިގެންފައިވަނީ ހިޖުރައިން 273 ވަނަ އަހަރުގައެވެ. 

 

ބުނެވި މިދިޔަ ހަފޮތަކީ ޙަދީޘް ޢިލްމުގައި އެއްމެ މަޝްހޫރުވެގެންވާ ފޮތްތަކެވެ. މިފޮތްތަކުގައި ޙަދީޘްތައް އެކި ރިވާޔަތްތަކުން އައިސްފައިވެއެވެ.  އަދި ބައެއް ފޮތްތަކުގައި ޙަދީޘްތައް ތަކުރާރު ކުރައްވަވާފައިވެއެވެ.  އަދި މިނޫނަސް ތަފާތު ހަދީޘް ފޮތްތައް އެކިއެކި ޢިލްމުވެރި ބޭކަލުން ލިއުއްވާފައިވެއެވެ. އަދި މިޒަމާނަށް ބަލާއިރު މި ހުރިހާ ފޮތްތަކެއް އެކުލެވޭގޮތައް އިންޓަނެޓްގެ ވެބްސައިޓުތައް ހެދިފައިވެއެވެ. އަދި މިހާރުވެސް ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ޙަދީޘް އިލްމު އުނގަންނައިދިނުމުގެ މަސައްކަތާއި ހަދީޘްތައް ދިރާސާ ކުރައްވަވާ ޒަމާނުގެ އެކިއެކި ކަންކަމަށް ދިނީގޮތުން ސުވާލު އުފެދިފައިވާ ކަންކަމަށް ފިޤުހީގޮތުން ލިބެން ހުރި ހައްލުތައް ޙަދީޘް ޢިލްމުގެ އެހީގައި ދަނީ ހޯދަމުންނެވެ.  މިހެންކަމުން އިސްލާމީ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ އިސްލާމީ ޢިލްމުވެރިންގެ ފިޤުހު އެކަޑަމީތައް ޤާއިމު ކުރެވިފައިވެއެވެ.  މި އެއްމެހައިފަރާތްތަކުންވެސް އަސްލެއް ކަމުގައި ބަލަނީ ބުނެވިމިދިޔަ ޙަދީޘް ޢިލްމުގެ ފޮތްތަކެވެ.  

 

އިސްލާމީ ޝަރީއަތުގެ މަސްދަރުތަކާއި ނަބިއްޔާގެ ސުންނަތައް ޢަމަލުކުރުން

އިސްލާމްދީނަކީ ފުރާ ފުރިހަމަވެ، ދީނުގެ އަޅުކަމާއި އިންސާނާގެ ދިރިއުޅުމުގެ އެއްމެހާ ކަންކަން ވަކި އުޞޫލުތަކަކާއި ޤަވައިދުތަކެއްގެ ތެރެއިން ހަމަޖެހިފައިވާ ފުރިހަމަ ނިޒާމެކެވެ. އެގޮތުން ދީނުގައި ކޮންމެ ކަމެއްވެސް ކުރުމުގައި ބަލަންޖެހޭ ވަކި އުސޫލުތަކަކާއި ހަމަތަކަކާއި ތަރުތީބުތަކެއްވެއެވެ.  އެގޮތުން އިސްލާމީ ޝަރީޢަތްވަނީ ތަރުތީބުވެގެން އަންނަ ހަތަރު މަސްދަރެއްގެ މައްޗަށެވެ. އެއީ:

1.     ﷲ ގެ ކަލާމް ފުޅު (ކީރިތި ޤުރުއާން)

2.     މާތް ނަބިއްޔާ  صلى الله عليه وسـلم ގެ ސުންނަތް

3.     ޢިލްމުވެރިން އިޖްމާއު

4.     ޤިޔާސް

 

މީގެ ތެރެއިން ބަލާލާނީ ދެވަނަ މަސްދަރު ކަމުގައިވާ ނަބިއްޔާގެ ސުންނަތަށެވެ. ސުންނަތަކީ މީސްތަކުންގެ މެދުގައި ގޮތް ކަނޑައަޅާ ޙުކުމް ކުރުމުގައި އެކަމެއް ޤުރުއާނުން ނުފެނިއްޖެނަމަ ދެން ބަލަން ޖެހޭ މަސްދަރެވެ.  އަދި މި މަސްދަރަކީ މިކަމާއި ނުލާ މުސްލިމުންގެ ދީނާއި ދިރުއުޅުން ފުރިހަމަ ނުވާނެ ކަމެކެވެ. އެހެނީ ޤުރުއާނަކީ މުސްލިމުން ގެ ޤާނޫނޫ އަސާސީއަށް ވީހިނދު، އެ ޤާނޫނު އަސާސީގެ ދަށުން މީސްތަކުން އުޅެންވާ ގޮތާއި އެބައިމީހުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތް ބުނެދޭ ޤާނޫނު ތަކާއި ޤަވައިދުތަކާއި އުސޫލުތައް ބުނެދެނީ ސުންނަތުންނެވެ. އަދި މާތް ނަބިއްޔާގެ ސުންނަތަކީ ކޮންމެ މުސްލިމަކު އެއަށް ތަބާވުން ވާޖިބުވާނެ އެއަށް މަތީ މަޤާމެއް ދެވިފައިވާ އެއްޗެކެވެ. 

މާތް ނަބިއްޔާ މުޙައްމަދު ގެ ފާނުގެ މައްޗަށް ޝަރީއަތެއް ކަމުގައި އިސްލާމްދީން ބާއްވާލެއްވެވުމަށްފަހު އެއަށްފަހު  މީސްތަކުން އުޅެން ޖެހޭ ދީނަކީ އިސްލާމްދީން ކަމުގައި ﷲ ސުބުޙާނަހޫ ވަޠަޢާލާ ވަނީ ކަނޑައަޅުއްވަވާ ނިންމަވާފައެވެ.  އަދި އެނޫން ދީނެއް އެއްވެސް މީހެއްގެ ކިބައިން ޤަބޫލު ނުކުރައްވަވާނެކަންވެސް ވަނީ އަންގަވާފައެވެ. މާތްﷲ އެކަލާންގެ ރަސޫލާ ފޮނުއްވެވީ މީސްތަކުންނަށް އެކަލާން ޝަރީޢަތް އުނގަނަވާ ބަޔާންކޮށްދެއްވެވުމަށްށެވެ. އެކަލޭފަނު ފޮނުއްވަވާފައިވަނީ އެކާލާންގެ ކަލާމްފުޅު ކީރިތި ޤުރުއާނައިގެންނެވެ. އެ ކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެކަލާންގެ ކަލާމްފުޅު މީސްތަކުންނަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވުމަށެވެ. އަދި މީސްތަކުންނަށް އަންގަވާ އަމުރުކުރައްވަވާފައިވަނީ ﷲ އާއި އެކަލާންގެ ރަސޫލާއަށް ކިޔަމަންވުމަށެވެ.  މާތް ނަބިއްޔާ ވަނީ ﷲ ސުބުޙާނަހޫ ވަޠަޢާލާ އަމުރުކުރެއްވެވި ފަދައިން މީސްތަކުންނަށް އެކަލާނގެ ޝަރީޢަތް ބަޔާކޮށްދެއްވަވާ އެކަލޭގެފާނާއި ހަވާލުކުރެއްވެވި ޒިންމާ ފުރިހަމައަށް އަދާކުރައްވަވާފައެވެ. ދެން މީސްތަކުންނަށް އޮތީ ﷲ އަށް އީމާންވުމާއިއެކު އެކަލާންގެ ރަސޫލާއަށް ބޯލަނބާ ކިޔަމަންވުމެވެ. އެކަލޭގެ ފާނަށް ކިޔަމަންވުމަކީ އެކަލޭގެފާނު ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ހިފުމެވެ. އަދި އެކަލޭގެ ފާނު މަނާކުރެއްވި ކޮންމެ ކަމަކުން ދުރުވުމެވެ. އެގޮތަށް ޢަމަލުކޮށްގެން ނޫނީ މީސްތަކުންނަށްނަށ ތެދުމަގު ނުލިބޭނެއެވެ.

މާތް الله ވަޙީ ކުރައްވިއެވެ. ﴿  يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ ﴾ ( سورة محمد ٣٣) މާނައީ: "އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން الله އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލު ތައް ތިޔަބައިމީހުން ބާޠިލު ނުކުރާހުށިކަމެވެ."[13]

 

މާތް ﷲ އަށް އީމާންވާ މީހާ މާތް ނަބިއްޔާ މުޙައްމަދު އަށް ކިޔަމަންވުން ވާޖިބުވާނޭކަމަށް ކީރިތިޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންނަށް ކުރައްވަވާފައިވާ އަމުރުތަކުން އެނގެއެވެ. އެހެނީ އެކަލޭގެފާނު ގެނެސްދެއްވާފައިވާ ކޮންމެ އެއްޗަކީ ﷲ ގެ ބަސްފުޅުތަކާއި އަމުރުފުޅުތަކެވެ.  އެކަލާންގެ ވަޙީކުރައްވާފައިވެއެވެ.  ﴿ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا (سورة الحشر ٧ )  މާނައީ: "އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!"[14]

މިފަދަ އާޔަތްތަކުން މާތް ނަބިއްޔާގެ ސުންނަތުގެ މާތްކަމާއި ދަރަޖައިގެ މަތިވެރިކަން އެނގި ހާމަވެއެވެ. އެކަލޭގެ ފާނުގެ ސުންނަތައް ތަބަޢުނުވާ އެއާއިއެއްގޮތައް ޢަމަލު ނުކުރާ މީހަކީ މާތްﷲ އަށްވެސް އިމާންނުވާ އަދި ކިޔަމަންނުވާ މީހެއްކަން އަޅުގަނޑުމެންނަށް މިފަދަ އާޔަތްތަކުން ސާފުކޮށް އެނގިގެން އެބަދެއެވެ. އެހެނީ މާތް ނަބިއްޔާ  އަކީ އެކަލޭގެ ފާނުގެ ހަވާނަފުސަށް އަމިއްލަ ފުޅަށް އެއްވެސް ވާހަކަފުޅެއް ދައްކަވާނޭ ބޭފުޅެއް ނޫންކަމާއި އެކަލޭގެފާނު މީސްތަކުންނަށް އަންގަވާފައިވާ ކޮންމެ އެއްގެވުމަކީވެސް އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީކަން ބަޔާންކުރައްވަވާ އަންގަވާފައިވަނީ ހަމަ އެކަލާންގެއެވެ. ކީރިތި ޤުރުއާނުގައި އެކަލާން ވަޙީ ކުރައްވަވާ އަންގަވާފައި ވަނީ މިފަދައިންނެވެ.  ﴿ وَمَا يَنطِقُ عَنِ الْهَوَىٰ  ، ﴿  إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ( سورة النجم  ٣، ٤މާނައީ:  "އަދި ކަލޭގެ ފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެ ފާނަށް އިއްވަވާ ވަޙީއެއް ކަމުގައި ނޫނީ ނުވެއެވެ"[15]

މީސްތަކުން ތެދުމަގުގައި ސާބިތުވެ ތިބުމަށާއި ދިންނަވާ ނަސީބު ލިބުމަށްޓަކައި މާތް ﷲ ގެ ކަލާމް ފުޅާއި މާތް ނަބިއްޔާ ސުންނަތުގައި ހިފަހައްޓަން ޖެހެއެވެ.  ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. (  "‏ تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ ‏"‏ ‏.‏) މާނައީ: "ތިޔަބައިމީހުންގެ ތެރެއަށް ބަޔާން ވެގެންވާ ދެއެއްޗެއް ތިމަން ނަބިއްޔާ ދޫކުރީމެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ހިނދަކު، ދުވަހަކުވެސް ތިޔަބައިމިހުން މަގުނުފުރެދޭނެއެވެ. އެއީ ﷲ ތަޢާލާގެ ފޮތާއި އެއިލާހުގެ ނަބިއްޔާގެ ސުންނަތެވެ."[16]

އެހެންކަމުން އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ލާޒިމުވެގެން ވަނީ ރަސޫލުﷲ ގެ އެންމެހާ ބަސްފުޅުތަކާއި އެންމެހާ ޢަމަލުފުޅުތައްއެއީ އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް ބަހައްޓަންޖެހޭ ނަމޫނާކަމުގައި ބަލައިގަތުމެވެ. އެހެނީ މާތް ﷲ އާއި އެލާންގެ ރަސޫލާ އެއްވެސް ކަމެއްގައި ވަކިގޮތެއް ކަނޑައަޅުވަވާ އަންގަވާފައިވާނަމަ އޭގެ މައްޗަށް ގޮތްކަނޑައެޅުމުގެ ބާރެއް އެއްވެސް ފަރާތަކަށް ލިބިގެންނުވެއެވެ. އެއީ ނަމޫނާ ކަމުގައި ބަލައި ނުގަނެވޭނަމަ އަދި މުސްލިމުންގެ ކަންކަން ނިންމުމުގައި އަސާސަކީ ޤުރުއާނާއި ނަބިއްޔާގެ ސުންނަތް ކަމުގައި ބަލައި ނުގަނެވޭނަމަ ތެދުމަގުން ކައްސާލައިގެން ހިގައިދާނެއެވެ.

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަވާ އަންގަވާފައިވަނީ: ﴿ وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا  (سورة الأحزاب ٣٦)  މާނައީ: " އަދި ﷲ އާއި ރަސޫލާ ކަމަކަށް ނިޔާ ކުރައްވައިފިހިނދު، މުއުމިން ފިރެހެނަކަށްވެސް، އަދި މުއުމިން އަންހެނަކަށްވެސް އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި، އެކަލާންގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ"[17]

މި އާޔަތާއިމެދު އަޅުގަނޑުމެން ނަޟަރު ހިންގާލައިފިނަމަ، ﷲ އާއި އެކަލާންގެ ރަސޫލާ އަށް އުރެދޭ މީހުނަށް އެވަނީ ގަދަފަވެގެންވާ އިންޒާރަކުން އިންޒާރު ދެއްވަވާފައިކަން ސާފުކޮށް އެބައެނގެއެވެ.  އެކަލާނގެ އާއި ރަސޫލާ ވަކިގޮތަކަށް ކަމެއްގައި ނިޔާ ކަނޑައަޅުއްވާފައި ވުމަކީ ދީނުގައި އެކަން ކުރަން ޖެހޭނެ ވަކިގޮތެއް ކަނޑައެޅި ބަޔާންވެފައިވުމެވެ. ދީނުގައި އެކަމުގެ ޙުކުމް ވަކިގޮތަށް އެނގެން އޮންނަ އެއްވެސް ކަމެއްގައި އޭގެ މައްޗަށް މުއުމިނުންގެ ތެރެއިން އެއްވެސް މީހަކަށް ގޮތެއް ކަނޑަ ނޭޅޭނެކަން އެވަނީ ސާފުކޮށް އަންގަވާފައެވެ.  އަދި އެކަން އެގޮތަށް ކޮށްފި މީހާ މަގުފުރެދިގެން ދާނޭކަންވެސް އެވަނީ ސާފުކޮށް ބަޔާން ކޮށްދެއްވަވާފައެވެ. އޭރުން އެމީހަކު ނުވަތަ އެބަޔަކު ވެގެންދާނީ ދުނިޔެއާއި އާޚިރަތުގައިވެސް ގެއްލެނިވެގެންވާ ބަޔަކުކަމުގައެވެ.

ސުންނަތަށް ޢަމަލުކުރުމުގައި ބައެއްކަންކަން ސުންނަތުގައިވާ ގޮތަށްކޮށްފައި އަނެއްބައިކަންކަން ތިމާމެންގެ ހަވާނަފުސަށް ފެންގޮތަށް ކުރުމުގެ އިޚްތިޔާރެއް މުއުމިނުންނަކަށް ނުވެއެވެ.  މުއުމުމިނުން އެބައިމީހުނަށް ޖެހޭ ހަމަ ކޮންމެކަމެއްގައި އެކަމެއްގެ ޙައްލު ހޯދަންޖެހޭނީ ﷲ އާއި އެކަލާނގެ ރަސޫލާގެ ކިބައިންނެވެ. މާނައަކީ އެކަމެއްގައި ގޮތްކަނޑައެޅުމުގައި ނުވަތަ އެކަމުގައި ޢަމަލު ކުރުމުގައި ބަލަން ޖެހޭނީ އެކަކަމަކާއިމެދު ޤުރުއާނާއި ސުންނަތުގައިވާ އެއްޗަކަށެވެ. އެކަމެއް ޢިލްމުވެރިންގެ އިޖްމާއު އާއި އަދި ޤިޔާސް ކޮށްގެން އެކަމުގެ ޙުކުމެއް ކަނޑައެޅިކަމުގައިވިޔަސް އެކަމެއް އެ ރައްދުވަނީ ﷲ އާއި ރަސޫލު  އަށެވެ.  އެނޫންގޮތަކަށް އެކަންކަމަށް ބެލުމެއްނެތި ތިމާމެންގެ ބުއްދިއަށް ފެންނަގޮތް އެއީ އެއްމެ ޢަދުލުވެރި އެއްމެ ޙައްޤު ގޮތް ކަމުގައި ކަނޑައަޅަންވެއްޖެނަމަ އެބަޔަކު މަގުފުރެދި ހިނގައިދާނެއެވެ.    

 

މުސްލިމުންނަށް ސުންނަތުގެ މުހިއްމުކަން. 

މާތް ނަބިއްޔާ މުޙައްމަދު ގެ ސުންނަތާއި ނުލާ މުސްލިމުންގެ ދީނާއި ދިރިއުޅުން ފުރިހަމަ ނުވާނެއެވެ. އަދި އެބައިމީހުނަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަންވެސް ނުލިބޭނެއެވެ. އެހެނީ އެކަލޭގެފާނަކީ މުއުމިނުންގެ އުޅުމާއި ގުޅުންތައް ބިނާކުރަންޖެހޭ އެ ނަމޫނާއަކަށް ބެލުމަށް މާތް ﷲ ކަނޑައަޅުއްވާ ފޮނުވާފައިވައިވާ ނަމޫނާއޭ ބުނެވުނު ބަސް މީގެކުރިންވެސް އިސްވެ ހިނގައްޖެއެވެ. އެކަލޭގެފާނަކީ އެއްމެމަތިވެރިވެގެންވާ އެއްމެ ރިވެތިވެގެންވާ ޚުލުޤުފުޅުގައިވާ އިންސާނާއެވެ. މުއުމިނުތަކުން ނޫނަސް އެއްމެހާ އިންސާނުން އެބޭކަލަކަށް ތަބާވުމަށް އެބޭކަލެއްގެ ކިބައިން ނަމޫނާ ލިބިގަތުމަށް ފޮނުއްވެވި ފަރާތަކީ މާތް މުޙައްމަދު ރަސޫލުﷲ އެވެ. އެކަލޭގެފާނުގެ ޚުލުޤުފުޅާއިމެދު ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ:

﴿وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴾ (سورة القلم ٤) މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނުވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ"[18]

މި ބަހުގެ މައްޗަށް އިތުރަށް އެއްޗެއް ބުނެވޭނީ ކޮންފަރާތަކަށްތޯއެވެ.  އެކަލޭގެފާނު ވަނީ މުއުމިނުން އެބައިމީހުންގެ އެއްމެހާ ކަންކަމުގައި ޢަމަލުކުރަންވީ ގޮތްބަޔާންކޮށްދެއްވާފައެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ އެކަލޭފާނު މެދުވެރިކުރައްވަވާ އިސްލާމްދީނަކީ އެއްމެ ފުރިހަމަ ދީންކަމުގައި ލައްވަވާފައެވެ. އިސްލާމެއްގެ ކިބައިގާ އުނިކަމެއްވީނަމަވެސް އިސްލާމްދީނުގައި އުނިކަމެއް ނުވެއެވެ. އިންސާނާއަށް ބޭނުންވާ ހުރިހާ ކަމެއްގެ ޙައްލު ހޯދާދެނީ އިސްލާމްދީނެވެ.

ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފި މީހަކު މުއުމިނަކު ކަމުގައި ނުވާނެކަން ކަށަވަރެވެ. އެހެނީ މުއުމިނަކު ކަމުގައި ވުމަށް އީމާންކަމާއި އިސްލާމްކަމަކީ ކޮބައިކަން މީސްތަކުންނަށް ދެނެގަނެވޭނީ ސުންނަތުގެ އަލީގައެވެ.  ކީރިތި ޤުރުއާނަކީ މުސްލިމުން ދުސްތޫރު ކަމަށްވީހިނދު އެ ދުސްތޫރާއި ޤުޅޭ ޤާނޫނުތަކާއި ޤަވައިދުތަކާއި އުސުލޫތަކާއި ހަމަތަކުގެ ތަފްޞީލުކޮށްބަޔާންކޮށްދޭ މަސްދަރަކީ މާތް ނަބިއްޔާގެ ސުންނަތެވެ. މީހަކު ﷲ އަށް އީމާންވީ ކަމުގައިވިޔަސް ނަބިއްޔާގެ ސުންނަތަށް ނުބަލާ އޭނާއަށް މުސްލިމަކު ކަމުގައި ނުވެވޭނެއެވެ. އިސްލާމުން ނޫނަސް ﷲ އަށް އީމާންވާ މީހުނާއި ﷲ ވޮޑިގެންވާކަމާއި ސުވަރުގެ އާއި ނަރަކަށްވެސް ވާކަން ޤަބޫލުކުރާ މީސްތަކުން ދުނިޔޭގައި އުޅެއެވެ. އެހެންނަމަވެސް އެފަދަ ފަރާތްތަކަކީ މުއުމިނުން ކަމުގައި ނުވަނީ އެބައިމީހުން މާތް ނަބިއްޔާ މުޙައްމަދު އިމާން ނުވާތީއެވެ. އެކަލޭގެފާނަށް ތަބާނުވާތީއެވެ. އެފަދަ މީހާގެ ކަންކަން ހުންނާނީ އޭނާގެ ހަވާނަފުސަށް ކިޔަމަންކޮށްގެންނެވެ. އޭނާއެކޭ އެއްވެސް މިސްރާބެއް ނެތި ދަތުރުކުރާ އުޅަނދެކޭ އެއްފަދައެވެ. އެފަދަ މީހާގެ ހުރިހާ ކަމެއް ހުއްޓި ހުންނާނީ ދުނިޔޭގައި އޭނާއަށް ލިބޭނެ އެއްޗަކާއި ގެއްލޭނެ އެއްޗަކަށް ބިނާވެގެންނެވެ. އެހެންނަމަވެސް މުއުމިނު އަޅާގެ ހުރިހާ ކަމެއް ހުއްޓި ހުންނާނީ ﷲ ސުބުޙާނަހޫ ވަޠައާލާގެ ލޯބި ލިބިގަތުމާއި އާޚިރަތުގެ ގޯތި ބާއްޖަވެރި ކުރުމުގެ މައްޗަށެވެ. އޭނާ ކުރާ ކޮންމެ ކަމެއްގައި އޭނާ އެއްމެފުރަތަމަވެސް ބަލާނީ އޭނާއަށް އެކަމުގެ ސަބަބުން ﷲ ގެ ޙަޟްރަތުން ލިބޭނެ ދަރުމައާއި ޘަވާބަށް ނުވަތަ ލިބިދާނެ ޢަޒާބަކަށެވެ. އެނާ އެކަން ދޫކޮށްލާނީ ނުވަތަ ކުރާނީވެސް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށެވެ.      

ސުންނަތައް އިންކާރު ކުރުން . 

މާތް ނަބިއްޔާގެ ސުންނަތައް ފުރަގަސްދީ އެ ސުންނަތް ޤަބޫލު ނުކުރާބަޔަކު މުސްލިމުންގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދެއެވެ. "އަމިއްލަ އަށް "ޤުރުއާނީންނަށް" ނުވަތަ "ޤުރުއާނިސްޓުން" ގެ ނަންދީގެން އުޅޭ މިބައިމީހުން ސުންނަތާއި ދެކޮޅަށް އަޑު އުފުލާ ނަބިއްޔާ ގެ ސުންނަތާއި މީސްތަކުން ދުރަށް ގެންދިއުމަށްޓަކައި އެކިކަހަލަ ބާޠިލު ޝައްކުތަކާއި ދަޢުވަތުތައް ގެންގުޅެއެވެ.  ނަތީޖާއެއްގެ ގޮތުން ދީނުގެ ޞައްޙަ އިލްމު ލިބިފައި ނުވާމީހުންނާއި އީމާންތެރިކަން ބަލިކަށި މީހުން މިބައިމީހުންގެ ދަލުގައިޖެހި ދީނުން ބޭރުވެއެވެ."[19] މަގުފުރެދިފައިވާ މިބައިމީހުންގެ މި ވާހަކަތަކަށް ވިސްނާ ފިކުރު ކޮށްލައިފިނަމަ އަދި ޢިލްމީގޮތުން މިކަންކަމުގެ ޙަޤީގަތައް ބަލާލައިފިނަމަ މިބައިމީހުން މިދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް ބާޠިލު ވާހަކަތަކެއްކަން ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކަށްވެސް އެނގޭނެއެވެ. ތިމަންމެން ޤަބޫލު ކުރަނީ ހަމައެކަނި ޤުރުއާނޭ ބުނާއިރު ޤުރުއާނުގައިވާ އެއްޗެއްވެސް މިބައިމީހުނަށް ނޭންގޭ ކަމީ މިފަދަމީހުން އެކުރަނީ މީސްތަކުން ދީނުން ފިތުނަވެރި ކުރުމަށް ކުރާ ދޮގު ދައުވާއެއްކަން ޤުރުއާނުން ދަލީލުކޮށްދެއެވެ. 

ކުރިން އިސްވެދިޔަ، ޤުރުއަނުގެ އެތައް އާޔަތަކުން އެނގިގެން ދަނީ ﷲ އަށް އީމާންވާ މީހާ ރަސޫލުﷲ އަށް ކިޔަމަންގަތުން ވާޖިބު ވާނޭ ކަމެވެ. އަދި އެކަލޭގެ ފާނަކީ އަމިއްލަފުޅަށް އެއްވެސް ވާހަކައެއް ދައްކަވާނޭ ބޭފުޅުންނޫންކަންވެސް އެވަނީ ސާފުކޮށް އަންގަވާފައެވެ.

މި ބާޠިލު ދަޢުވާ ކުރާއިރު އިސްލާމަކު ކަމުގައިވުމަށް މުސްލިމަކު ކުރަންޖެހޭ އަޅުކަންތަކުގެ ތަފްޞީލު ޤުރުއާނުގައި ނެތްކަމާއި އެކަންކަން އެނގެން އޮތް ހަމައެކަނި މަގަކީ ރަސޫލުﷲ ގެ ސުންނަތްކަންވެސް ހަމަ މިބައިމީހުންނަށްވެސް އެނގޭނެއެވެ. ސުންނަތާއި ނުލާ އީމާންކަމާއި އިސްލާމްކަމުގެ އެއްވެސް ރުކުނެއް ފުރިހަމަ ކުރެވޭނެ ގޮތެއް މިބައިމީހުންނަކަށް ބުނެއެއް ނުދެވެއެވެ. ކަމުގެ ޙަޤީގަތަކީ މިފަދަ މީހުންނަކީ މުސްލިމުންގެ ނަމުގައި ހެދިގެންއުޅޭ އިސްލާމްދީނުން މީސްތަކުން ދުރުކުރަން އުޅޭ ޝާޠާނީ ފާސިޤުންނެވެ.  ސުންނަތައް ތަބާވުމަށް ގޮވާލެވިއްޖެނަމަ އެފަދަ މީހުން އެކަމަށް ދެކޮޅުހަދަ ފުރަގަސްދެއެވެ.  މިބައިމީހުންނާއި ބެހޭގޮތުން ކީރިތި ޤުރުއާނުގައި ވަޙީކުރައްވަވާ އަންގަވާފައިވަނީ: ﴿ وَإِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ  (سورة النور ٤٨) މާނައީ: "އަދި އެއުރެންގެ މެދުގައި حكم ކުރެއްވުމަށް، اللَّه އާއި އެކަލާނގެ رسول ގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިނަމަ، އެހާރުން އެއުރެންގެ ތެރެއިން ބަޔަކު، އެނބުރި ފުރަގަސްދޭބަޔަކު ކަމުގައިވެއެވެ."[20]

ﷲ ސުބުޙާނަހޫ ވަޠަޢާލާގެ ބަސްފުޅުގެ ތެދުކަމާއިއެވެ. އެފަދަ މީހުންގެ ކަންތައް ހުންނާނޭގޮތް ގެންނަވާފައި މިވަނީ ކީހާ ސާފުކޮށްތޯއެވެ. ތިމަންމެންނީ ޤުރުއާނަށް އިމާންވާ މީހުންނޭ ބުނާއިރު އެމީހުންގެ ކަންތައްވެސް މިވަނީ ޤުރުޢާނުގައި ބަޔާން ކުރައްވަވާފައެވެ. މިހެންކަމުން އެނގެނީ އެބައިމީހުންނަކީ ދޮގުވެރިންކަމެވެ.

އަދިވެސް އެކަލާންގެ ވަޙީ ކުރައްވާފައިވެއެވެ:

﴿ فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ ) سورة النساء: ٦٥) މާނައީ: " އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު حكم ވެރި ކޮށްފުމަށް ދާނދެން، އެއުރެން إيمان އެއް ނުވާނެތެވެ. އެހިނދު، ‘ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު’ އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ"[21]

 

"މިއާޔަތުގައި އެވަނީ އެކަލޭގެފާނު ޙުކުމްވެރިއަކު ކަމުގައި ހަދައިފުމަށްދާންދެން އެއްވެސް މީހަކު އީމާންވެސް ވިކަމުގައި ނުވާނެކަމަށް މީސްތަކުންގެ ހިތްތަކުގެ ޙާލަތު މޮޅަށް ދެނެވޮޑިގެންވާ އިލާހު ބަޔާންކުރައްވާވާފައެވެ. މިހެން ކަމުން މާތް ނަބިއްޔާގެ ޙުކުމްފުޅަށް ބޯލަނބާ ކިޔަމަންވެ އަދި އެމީހެއް ހިތުގެ އަޑިންއެއްވެސް ބުރަކަމެއް ނެތި ރުހެންޖެހޭނެކަން ﷲ ތަޢާލާ މިހާ ޞަރީހަކޮށް އަމުރުފުޅު ކުރައްވަވާފައިވާއިރު ނަބިއްޔާގެ ސުންނަތައް ޢަމަލުކުރުމަކީ ﷲ ގެ ޙުކުމްފުޅުގައި ޝަރީކުކުރުން ކަމުގައި ބުނުމަށް އެއްވެސް އިންސާނަކަށް އަދި މުސްލިމަކަށްވެސް ހެޔޮވާނެތޯއެވެ؟ އެފަދައިނ ބުނާމީހާ އެވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ. އެހެނީ ﷲ ކުރައްވަވާފައިވާ އަމުރުފުޅަކަށް ކިޔަމަން ނުވެއްޖެ މީހާއެވަނީ އެކަލާނގެއަށް އުރެދޭ އެކަލާނގެއަށް އީމާން ނުވާ މީހަކު ކަމުގައިކަން ޤައިމެވެ."[22]

 

މިފަދަމީހުންވެސް ދަޢުވާ ކުރަނީ ތިމާމެންނަކީވެސް އިސްލާމުން ކަމުގައެވެ. އެހެންނަމެވެސް އިސްލާމްކަމުގެ ތަނބު ކަމުގައިވާ ނަމާދު ކުރާނޭ ގޮތް މިފަދަ މީހުން ހޯދާނީ ކޮންތާކުންތޯ ސުވާލުކޮށްފިނަމަ އޭގެ ޖަވާބު ދޭނޭ ގޮތެއް އެބައިމީހުންނަކަށް ނުވެއެވެ. އެ ނަމާދު ކުރުމަށް އަންގަވާފައިވަނީ މާތްނަބިއްޔާ އެކަންކުރެއްވި ގޮތަށެވެ.

ރަސޫލުﷲ ޙަދީޘް ކުރައްވާފައިވެއެވެ. ( صَلُّوا كَمَا رَأَيْتُمُونِي أُصَلِّي )[23] މާނައީ: "ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުން ދުށް ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ!"[24]

 

މިހެންކަމުގައިވާނަމަ އެކަލޭގެ ފާނުގެ ސުންނަތައް ނުބަލާ އެކަލޭގެފާނު ނަމާދުކުރެއްވިގޮތައް ނަމާދުކުރަން އެނގޭނީ ކިހިނެތްތޯއެވެ؟ އެކަލޭގެފާނުގެ ސުންނަތް މީސްތަކުންނާއި ހަމައަށް ތެދުވެރިކަމާއިއެކު ގެނެސްދެއްވި ބޭކަލުންނަކީ އެކަލޭގެ ފާނުންގެ މާތްވި ޞަޙާބީންނެވެ. ދިންނަވާ ނަސީބު ލިބުމަށްޓަކައި މީސްތަކުންނަށް އޮތީ މާތް ކީރިތި ނަބިއްޔާގެ ސުންނަތައް ތަބާވެ އެސުންނަތާއި އެއްގޮތައް ޢަމަލުކުރުމެވެ.

ނިންމުން. 

މާތް ނަބިއްޔާ މުހައްދު  ގެ ސުންނަތަކީ ކުރުމުން ސަވާބު ލިބިފައި ނުކޮށް ދޫކޮށްލިޔަސް ފާފަވެރި ނުވާ އެއްޗެއްކަމަށް ހީވެފައިއޮންނަ އޮތުމަކީ ކުށްހީއެކެވެ. މި އެސައިމެންޓްގައި އިސްވެބުނެވުނު ފަދައިން އެއީ އަޅުކަމުގެ ތެރޭގައި ހިމެނޭ ސުންނަތްކަންތައް ތަކެވެ.  މިސާލަކަށް: ސުންނަތް ނަމާދުތައް ކުރުމާއި ސުންނަތް ރޯދަތައް ހިފުންފަދަ ކަންކަމެވެ. އެހެންނަމަވެސް ނަބިއްޔާގެ ސުންނަތަކީ އިސްލާމްދީން އެދެއެއްޗެއް މައްޗަށް ބިނާވެފައި ދީނުގެ ދެ މަސްދަރުގެ ތެރެއިން ދެވަނަ މަސްދަރެވެ. ﷲ އަށް އީމާވެ އެކަލާނގެ ކަލާމްފުޅު ކީރިތި ޤުރުއާނަށް ތަބާވާފަދައިން ނަބިއްޔާގެ ސުންނަތަށް ތަބާވުން ވާޖިބުވާނެއެވެ.

 

މި ދުނިޔެއަކީ އިންސާނާގެ އެއްމެ ފަހުގެ މަންޒިލެއް ނޫނެވެ. އަދި މިއީ ދާއިމީ ގޯއްޗެއްވެސް ނޫނެވެ. އިންސާނާއަކީ އާޚިރަތައް ދަތުރުކޮށްފައިދާ މުސާފިރަކަށް ވީހިނދު މިއީ ދަތުރުގެ ކޮއްތު ހޯދުމަށް މަޑުކޮށްފައިވާ ވަގުތީ މަންޒިލެކެވެ. ދާއިމީ މަންޒިލަށް ބޭނުންވާނެ ރަނގަޅު ކޮއްތު ހޯދެން އޮތް ހަމައެކަނި މަގަކީ އިސްލާމްދީނުގެ ތެދުމަގެވެ. އެމަގު ހޯދެން އޮތީ ﷲ އަށް އިމާންވެ އެކަލާންގެ ރަސޫލާ މުޙައްމަދު އަށް ކިޔަމަންވެ އެކަލޭފާނުގެ ސުންނަތައް ޢަމަލުކޮށްގެންނެވެ. އެކަލޭގެފާނަށް ކިޔަމަންގަތުމަކީ ސިއްރާއި ފާޅުގައި އެކަލޭގެފާނު ނަހީކުރެއްވި ކޮށްމެ ކަމާއި ދުރުވުމާއި އެކަލޭގެފާނު އެކަމެއްގައި ހިފުމަށް އެންގެވި ކޮންމެ ކަމެއްގައި ހިފުމާއި ކުރުމަށް އަމުރު ކުރައްވާފައިވާ ކޮންމެ ކަމެއް ކުރުމެވެ.  

މާތް ނަބިއްޔާ މިދުނިޔެއާއި ވަކިވެ ވަޑައިގަތުމުގެ އެއްމެ ފަހުވަގުތުގައި މީސްތަކުންނަށް ވަޞީއްޔަތް ކުރެއްވެވީ ނަމާދަށް ރައްކާތެރިވުމަށެވެ.  އެނަމާދަކީ ދީނުގެ ތަނބުމެއެވެ. ނަމާދަށް ރައްކާތެރިވުމަކީ ނަބިއްޔާ ނަމާދުކުރެއްވި ފަދައިން އެނަމާދުތައް ކުރުމެވެ. ކީރިތި ޤުރުއާނުގައި ނަމާދު ކުރުމަށް އަންގަވާފައި ވީނަމަވެސް އެނަމާދު ކުރާނެގޮތް އެނގެނީ މާތް ނަބިއްޔާގެ ސުންނަތުނެވެ. އެކަލޭގެ ފާނަކީ ކީރިތި ޤުރުއާނުގައިވާ އެއްޗެއް މީސްތަކުންނަށް ބަޔާންކޮށްދެއްވަވާ އެކަންކަން ތަފްޞީލު ކޮށްދެއްވެވުމަށް މާތްﷲ ފޮނުއްވެވި އެކަލާންގެ ރަސޫލާމެއެވެ.  ކޮންމެ މީހަކުވެސް ބޭނުންވާނީ އޭނާގެ ދުނިޔެއާއި އާޚިރަތުގައިވެސް ބާއްޖަވެރިމީހަކަށް ވުމަށެވެ. އަދި އޭނާގެ ޢަމަލުތަކަކީ ﷲ ގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ޢަމަލުތަކަށް ވުމަށެވެ. އެހެންކަމުން އެޢަމަލުތައް ޤަބޫލުކުރެވޭނެ ޝަރުތުތައް އެޢަމަލު ކުރުމުގައި ހަމަވާންޖެހޭނެއެވެ.  މިހެންކަމުން މުއުމިނުން ކުރާ ޢަމަލުތައް ބޭކާރުވެގެން ދިޔަނުދީ ﷲ ސުބުޙާނަހޫ ވަޠަޢާލާގެ ޙަޟުރަތުގައި މަޤުބޫލުވެވިގެންވާ ޢަމަލުތަކެއް ކަމުގައިވުމަށް އެދޭ މީހާ މާތް ނަބިއްޔާގެ ސުންނަތައް ޢަމަލު ކުރަންޖެއެވެ.  ކީރީތި ޤުރުއާނާއި މާތް ނަބިއްޔާ މުޙައްމަދު ސުންނަތަކީ އެދޭތި އެކަތި އަނެކައްޗާއި ވަކި ނުކުރެވޭނެދޭއްޗެވެ. އެދެމަސްދަރާއި ނުލާ އީމާންކަމާއި އިސްލާމްކަން ފުރިހަމަ ނުވާނެއެވެ. އަދި ދާއިމަށް ދެމިތިބެން އޮތް މަންޒިލު އެއާއިލައިގެން ނޫނީ ނުހޯދޭނެއެވެ. އާޚިރަތުގެ ގޯތި ބާއްޖަވެރި ކުރުމަށް އެދޭމީހާ ކީރިތި މާތް ނަބިއްޔާގެ ސުންނަތައް ރައްކާތެރިވާހުށިކަމެވެ.

 



[1]  އަސްމާ އަފްސަރުއްދީން، "ސުންނަތް"، އެންސައިކްކޮޕީޑިއާ ބްރިޓޭނިކާ، (09 މާރިޗް 2018)

https://www.britannica.com/topic/Sunnah.  (މަޢުލޫމާތު ނެގީ 11 މާރިޗް 2021)

[2]  އިބްރާހިމް ރަޝީދު މުސާ، "ފަސޭހަ ފިޤުހު" (ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، 05 ޑިސެމްބަރ 1995) ޞ 06.

[3]  ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ސޫރަތުލް އިސްރާ 77، (ރަޢީސުލް ޖުމްހޫރިއްޔާގެ އޮފީސް، 2008) ޞ 590.

[4]  ކުރީގެ މަރުޖިޢު، ސޫރަތުލް އަޙްޒާބު 21، ޞ 879.

 

[5]  މުޙައްމަދު ރަމީޒު އަޙްމަދު، "ޙަދީޘް ޢިލްމު، ޙަދީޘް ޢިލްމުގެ ތާރީޚް"، (ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް ، ދިވެހި ޤައުމީ ޔުނިވަރސިޓީ)، ތނ، ޞ 51

[6]  ކުރީގެ މަރުޖިޢު،

[7]  މުޙައްމަދު ރަމީޒު އަޙްމަދު، "ޙަދީޘް ޢިލްމު، ޙަދީޘް ޢިލްމުގެ ތާރީޚް"، ޞ 71، (ކުރީގެ މަރުޖިޢު)

[8]  "ދި ސިކްސް އޮތެންޓިކް ބުކްސް އޮފް ހަދީޘް"، އާސްކްއަވަރއިމާމް.ކޮމް، (6 އޭޕްރީލް 2016)

https://www.askourimam.com/2016/04/06/the-six-authentic-books-of-hadith/  (މަޢުލޫމާތު ނެގީ 17 މާރިޗް 2021)

[9]  ކުރީގެ މަރުޖިޢު

[10]  "ދި ސިކްސް އޮތެންޓިކް ބުކްސް އޮފް ހަދީޘް"، އާސްކްއަވަރއިމާމް.ކޮމް، (ކުރީގެ މަރުޖިޢު)

[11]  މުޙައްމަދު ރަމީޒު އަޙްމަދު، "ޙަދީޘް ޢިލްމު، ޙަދީޘް ޢިލްމުގެ ތާރީޚް"، ޞ 73، (ކުރީގެ މަރުޖިޢު)

[12]  "ދި ސިކްސް އޮތެންޓިކް ބުކްސް އޮފް ހަދީޘް"، އާސްކްއަވަރއިމާމް.ކޮމް، (ކުރީގެ މަރުޖިޢު)

[13]  ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ސޫރަތު މުޙައްމަދު 33، (ކުރީގެ މަރުޖިޢު) ޞ 1080.

[14]  ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ސޫރަތު އަލްޚަޝްރު 7، (ކުރީގެ މަރުޖިޢު) ޞ 1176.

[15]  ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ސޫރަތު އަލްނަޖުމް 4،3، (ކުރީގެ މަރުޖިޢު) ޞ 1119.

[16]  މުވައްތާ މަލިކު، ކިތާބް އަލް ޤަދުރު، ފޮތް 46، ޙަދީޘް 1628، ސުންނާ.ކޮމް

https://sunnah.com/urn/516070 ( މަޢުލޫމާތު ނެގީ 17 މާރިޗް 2021)

[17]  ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ސޫރަތު އަލްއަޙްޒާބް 36، (ކުރީގެ މަރުޖިޢު) ޞ 883-884.

[19]  އިބްރާހިމް ވާފިރު، "ސުންތައް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް 1"، ނިދާއު.ކޮމް، 19 ޖޫން 2018

https://nidhaau.mv/4977/ (މަޢުލޫމާތު ނެގީ 18 މާރިޗު 2021)

[20]  ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ސޫރަތު އަލްނޫރު 48، (ކުރީގެ މަރުޖިޢު) ޞ 736. 

[21]  ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ސޫރަތު އަލްނިސާ 65، (ކުރީގެ މަރުޖިޢު) ޞ 178.

[22]  އިބްރާހިމް ވާފިރު، "ސުންތައް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް 39"، ނިދާއު.ކޮމް، 04 ސެޕްޓެމްބަރ 2018

https://nidhaau.mv/5466/ (މަޢުލޫމާތު ނެގީ 18 މާރިޗު 2021)

[23]  ބުލުޣު އަލް މަރަމް، ކިތާބް އަލް ޞަލާތު، ރަވާހު އަލް ބުޚާރިއްޔު، ސުންނާ.ކޮމް
https://sunnah.com/bulugh/2/222 ( މަޢުލޫމާތު ނެގީ 19 މާރިޗު 2021)

[24]  ހުކުރު ޚުތުބާ، "ކީރިތި ރަސޫލާ ގެ ސުންނަތަކީ ޝަރީޢަތުގެ ދެވަނަ މަސްދަރު"، 27 ޑިސެމްބަރ 2019، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ޞ.4

No comments:

Post a Comment