ޤިޔާމަތް ދުވަސް
ޙަސާޒިމް | 08 ފެބުރުއަރީ 2021
ޤިޔާމަތް ދުވަހަށް ނިސްބަތްކޮށް
އެކިގޮތްގޮތަށް ބުނެވެއެވެ. އެގޮތުން މަޙްޝަރު ދުވަސް ކަމުގައާއި ފަހުދުވަސް ކަމުގައާއި
ހިސާބު ބައްލަވާ ދުވަސްކަމާއި މިފަދަ ގޮތްގޮތަށް މިޚާޠަބުކޮށް ނުވަތަ ނިސްބަތް
ކުރެވެމުންދެއެވެ. މިއިން ކޮންމެ ގޮތަކަށް ބުނެވުނު ނަމަވެސް އެ ބުނެވެނީ އެއްދުވަހެއްގެ
ވާހަކައެވެ.
ޤިޔާމަތްދުވަހޭ ބުނެވޭ ބަހުގެ މާނާއަކީ ކޮޅަށް ތިބޭ ދުވަހެވެ. އަދި މަޙްޝަރު
ދުވަހޭ ބުނެވެނީ މަޙްޝަރުގެ ބިމަށް މީސްތަކުން ޖަމާކުރެވިފައި ތިބޭ ދުވަސްކަމަށް
ވާތީއެވެ. ޤިޔާމަތްދުވަހަކީ މި ދުނިޔޭގެ ދިރިއުޅުން ނިމި ދުނިޔޭގައި މީސްތަކުން
ކުރިހާ ޢަމަލުތަކުގެ ޙިސާބު ބައްލަވާ އޭގެ ނަތީޖާއެއްގެ ގޮތުން ހެޔޮލަފާ
އަޅުންނަށް ސުވަރުގެ އަދި ނުބައި ޢަމަލުތައްކޮށް އުޅުނު މީހުން ނަރަކައަށް ވަށްދަވާ
ދުވަހެވެ.
ނަބީންނާއި ރަސޫލުން ފޮނުއްވެވުމުގެ
އެއްމެ ބޮޑު ބޭނުމަކި ޤިޔާމަތްދުވަހަށްޓަކައި މީސްތަކުން ތައްޔާރު ކުރެއްވެވުމެވެ.
ޤިޔާމަތްދުވަހަށް އީމާންވުމަކީ އިމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިންސާނާގެ ހިސާބު ބެއްލެވޭ ދުވަހެއްވާކަމަށް
އޭނާ ޤަބޫލޫ ނުކުރާކަމުގައިވާނަމަ އޭނާ ދުނިޔެމަތީގައި އުޅޭކަށް ވަކިގޮތެއް އަދި ކުރާކަށް
ވަކިކަމެއް ނޯންނާނެއެވެ. އެފަދަމީހާގެ
ނަޒަރުގައި ދުނިޔޭގެ ޙަޔާތް ނިމުމުން އެނިމުނީއެވެ. އެހެންނަމަވެސް ޤިޔާމަތްދުވަހަށް
އީމާންވާމީހާގެ ޢަމަލުތައް ހުންނާނީ އޭނާ މަރުވުމަށްފަހު އަލުން ދިރިގެން ޤިޔާމަތް
ދުވަހު އޭނާއަށް ލިބިދާނެ ސަވާބަކާއި ނުވަތަ ޢަޒާބެއްގެ މައްޗަށް ބިނާކުރެވިފައެވެ.
ދުނިޔެއާއި އެއްމެހާ ޢާލަމްތައް ފަނާވެދިއުމަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ ޤިޔާމަތްދުވަހުން އަލުން ހުރިހާ އިންސާނުންނާއި ޖިންނީން ހައްދަވާ އެބައިމީހުންގެ ހިސާބު ބައްލަވާނެއެވެ. ކީރިތި ޤުރުއާނުގައިވެސް އެދުވަހަކާއި ބެހޭގޮތުން އެއްމެ ގިނައިން އައިސްފައިވާ ދުވަހަކީ ޤިޔާމަތް ދުވަހުގެ ވާހަކައެވެ.
No comments:
Post a Comment