މާމަ
އާއި ކާފަގެ ހަރުދަނާ ކައިވެނި.
ހަސާޒިމް | 18 މެއި 2020 | ޒިމްސް ދަރުބާރު
މި ލިއުމަކީ އަޅުގަނޑުގެ ކާފަ އަލްމަރުޙޫމް މުންޑޫ ކަތީބު ބޮޑަގޭ އަލިފުޅާއި
އަޅުގަނޑުގެ މާމަ އަލްމަރުޙޫމާ ހައްވާ މޫސާ މީގެ 62 އަހަރު ކުރިން ހިޖުރީ ގޮތުން
1379 ވަނަ އަހަރު ކޮށްފައިވާ ކައިވެނީގެ ސެޓްފިކެޓް ގައިވާ ކައިވެނިކުރެވޭ
ދެމީހުނަށް އަންގާފައިވާ ލިއުންތަކެވެ. މި ކައިވެނީގެ ސެޓްފިކެޓްގައިވާ
ލިއުންތަކުން އަޅުގަނޑަށް އެނގުނީ އޭރުގެ ކައިވެނިތައް ކޮށްދީފައިވަނީ ހަރުދަނާ
އުސޫލުތަކެއްގެ މަތީގައި ކަމެވެ. ވުމާއި އެކު ކައިވެނި ތަކުގައި ގޮށްޖަހަމުން ދާ
ފަރާތްތަކަށް މިފަދަ ކައިވެނި ތަކުގެ ހަރުދަނާކަމުންވެސް އިބުރަތެއް ނުވަތަ
މައުލޫމާތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އަޅުގަނޑު މިލިއުން ހުށަހަޅާލަދެމެވެ.
އަޅުގަނޑު މި ލިޔެފައި މިވަނީ އޭގެ އަސްލަށް އެއްވެސް ބަދަލެއް ނުގެނެސް އޭގައިވާ
ގޮތަށެވެ.
ދެން ތިރީގައި މި ބަޔާން ކުރަނީ މިކައިވެނީގެ ސެޓްފިކެޓްގައިވާ ކައިވެނިވާ
ދެމީހުނަށް އަންގާފައިވާ އެންގުންތަކެވެ.
ކައިވެނިވާ ދެމީހުނަށް އަންގާ އެނގުންތަކެއް.
1. ކައިވެނި މަތީ ތިންގަޑެތި ދިނުން
ލަސްކޮށްގެން ނުވާނެއެވެ.
2. މާތްރަސްކަލާންގެ ކިބައަށް އުރެދުމެއް
ވެދާނޭ ކަމެއްގައި މެނުވީ، އަބިމީހާ، ފިރިމީހާއަށް ކިޔަމަންކަން
އަދާކުރަންވާނެއެވެ.
3. އަބިމީހާ ކިޔަމަން ކަމުގައި އިންހާ
ހިނދަކު، އެމީހާއަށް އިންނާނޭ ގެއަކާއި، ކައި، ބޮއެ، ހިނައި ޠާހިރުވެ، އުނުއަނދެ
ނިވާވެ އުޅެވޭނޭ ޚަރަދު ބަރަދު ދޭންވާނެއެވެ.
4. އެއްވެސް ބާވަތަކުން އަނިޔާއެއްކޮށް،
ހުތުރު އެއްޗެތިގޮވައި، އަނިޔާވެރިވެގެން ނުވާނެއެވެ.
5. ފިރިމީހާ އަނިޔާގެ ގޮތުން ކަމެއް
ކުޅައަސް އޭގެ ބަދަލުގައި ކަމެއްނުކޮށް، ފިރިމީހާ އާއި ދެކޮޅުވެރިނުވެ، އެކަން
ނައިބު ގެއަށް އަންގައިގެން ޞުލްޙަ އެއް ހޯދާނީއެވެ.
6. އަބިމީހާ ނުކިޔަމަންތެރިވެގެންފި
ހިނދަކު، އެމީހާއަށް ފިރިމީހާ ދޭންވާ، ޚަރަދު ބަރަދު ނުދޭނަމަ، ނުދީ ހުންނާންވާނީ،
އެކަން ނައިބު ގެއަށް ސާބިތު ކޮށްދިނުމަށްފަހު ގައެވެ. އެކަން ސާބިތުކޮށްދިނުމަކާއި
ނުލައި، ޚަރަދު ނުދީ ޞުލްޙައެއް ނުވެ، ހުރެއްޖެ ނަމަ، އަބިމީހާ ދަޢުވާ ކޮށްފިއްޔާ،
ޚަރަދު ނުދީ ހުރިހާ ދުވަހަކަށް، ޚަރަދު ލައްވާނެއެވެ.
7. ދެމީހުން ކުރެ ކޮންމެ މީހަކުވެސް، މި
އެންގިގޮތާއި ޚިލާފުވެއްޖެކަން ސާބިތު ވެއްޖެނަމަ ނައިބު ގެއިން އަދަބު
ލިބޭނެއެވެ.
13 .8 .1379 ހިޖުރީ
12 .2 .1960 މީލާދީ
ނަކަލުކޮށް ލިއުނު ތާރީޚް: 9 ނޮވެމްބަރ 2010 ވަނަ ދުވަހު.
ނަކަލުކޮށް ލިއުނީ : ޙަސަން ޢާޒިމް (ޒިމް)

No comments:
Post a Comment