އަމިއްލަ
ހަށިގަނޑު ސާފުތާހިރު ކުރުން.
ހަސާޒިމް | 19 މެއި 2020 | ޒިމްސް ދަރުބާރު
އަޅުގަނޑު މި ލިއުމުގައި އަލިއަޅުވާލުމަށް
ގަސްތުމިކުރަނީ، ގިނަބަޔަކު ފަރުވާ ކުޑަކޮށްލާފައިވާ އަދި އެކަމެއްގެ ސަބަބުން
އެހެންމީހުނަށްވެސް އޭގެ އުނދަގޫ ފޯރާ ސީރިއަސް މައްސަލައެއްގެ މައްޗަށެވެ. މިކަމާއި
އެއްމެގިނައިން ކުރިމަތިލާން މިޖެހެނީ އާއްމު ޚިދުމަތްދޭ ތަންތަން ނުވަތަ
ގިނަބަޔަކު ޖަމާވާ ތަންތަނުގައެވެ. ޚާއްޞަ ގޮތެއްގައި ފެރީ އަދި ބަސް ފަދަ އާއްމު
ދަތުރުފަތުރު ކުރުމުގެ ނިޒާމުތައް ބޭނުން ކުރާއިރު މިކަން ވަރަށް ގިނައިން
ދިމާވެއެވެ. އަދި މިސްކިތައް ޖަމާޢަތަށް ނަމާދަށް ދާދިއުމުގައިވެސް މިކަމާއި
ކުރިމަތިލާން އެބަޖެހެއެވެ. މިކަމާއި މެދު އަޅުގަނޑު ދެކޭގޮތާއި ކިއުންތެރިންގެ
ޚިޔާލު ތަފާތު ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަން އެހެން އޮތްނަމަވެސް ގިނަ
ބަޔަކު އެއްބަސްވާނޭ ފަދައިން މިކަމަކީ މައްސަލައެކެވެ.
ބައެއްފަހަރު ފެރީއަށް ނުވަތަ ބަހަށް އެރުމަށްފަހު ނުވަތަ
ޖަމާއަތުގައި ނަމާދު ކުރާއިރު ކައިރީގައި އިށީންނަ ނޫނީ ހުންނަ މީހެއްގެ ސަބަބުން ގިނަ
އިރުތަކެއް ވާންދެން ހާސް ކަމާއިއެކު ނޭވާ ހިފަހައްޓާލަން ޖެހެއެވެ. މިކަން މިވަނީ
ކޮންމެހެން އިންތިޒާރުކޮށްގެން ހުންނަކަމަކަށް ނިމުން އަންނަފަދަ ވަގުތެއްގައި ނޭވާ
ހިފަހައްޓާލާ ފަދައަކުން ނޫނެވެ. މި ނޭވާ ހިފަހައްޓާލުމަކީ ކައިރީގައި އިށީންނަ
މީހާގެ ގައިންދުވާ ނުބައި ވަހުގެ މައްސަލައެކެވެ. މިކަމަކީ ގިނަބަޔަކު ފަރުވާ
ކުޑަކޮށްލާފައިވާ ކަމެވެ. ބައެއްމީހުނަށް ނޭންގޭތީއެވެ. އަނެއްބަޔަކު ކަންނެއް ކަމާއި
ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުންނެވެ. އަނެއްބަޔަކު އެބައިމީހުން ޤަބޫލު ކުރާ
ޤަބޫލު ކުރުމަކާއި ގުޅިގެންނެވެ. މީގައި އެއްމެ ހިތާމަ ކުރަން ޖެހޭ އެއްކަމަކީ
މިފަދަ ކަންކަމަކީ ބައެއްމީހުންގެ ނަޒަރުގައި ދީނި ކަމަކަށް ވެސް ހަދާތީއެވެ.
މިކަމަކީ ޒުވާން އަންހެނުންނާއި ފިރެހެނުންގެ ތެރޭގައިވެސް ވާ މައްސަލައެވެ.
ގިނަފަހަރު ރީތިވެލައިގެން ތިބޭއިރު ރީތިކޮށްލަނީ ހަމައެކަނި މޫނެވެ. ދެން
ހަށިގަނޑުގައި ހުންނަ އެހެން ބައިތަކަކީ އެހާ ފަރުވާބަހައްޓާ އަޅާލާ ތަންތަން
ކަމުގައި ނުވެއެވެ. މޫނުގައި ނިކަން ގިނަ ކްރީމް އުނގުޅާ ދޮންކޮށް ތުންފަތުގައިވެސް
ނެތްވަރަށް ކުލަ ޖައްސާފައި ވާއިރު، ފަޔަށް ބަލާލައިފިނަމަ ފައިތިލަ ހީވާނީ
ހިރަފުސްވެފައިވާ ތަނެއްގައި އުޅެފައިވާ އަސްދޫންޏެއްގެ ދެފައިހެންނެވެ. ރީތިވާން
އަތުގެ އިނގިލީގެ ނިޔަފަތިތައް ދިގުކޮށްފައި ވާއިރު ނިޔަފަތިތައް ދަށުގައި ހުންނަ
މިލަތައްވެސް ސާފުނުކުރެއެވެ.
ގައިން ވަސްދުވުމުގެ މައްސަލާގައި ބައެއް ދީނީ
ހަރުކަށި އުސޫލުތަކާއި ވިސްނުން ގެންގުޅޭމީހުން މިކަމަކީ ދީނީ ކަމަކަށް ހަދައެވެ.
އަދި މިފަދަ މީހުން ބުނާގޮތުން މީރުވަސްދުވާ ސެންޓް ފަދަ ތަކެތި ބޭނުން ކުރުމަކީ
ދީނީ ގޮތުން ހުއްދަ ކަމެއްނޫނެވެ. އެހެންނަމަވެސް އެކަން އެހެންވާނީ
ކިހިނަކުންތޯއެވެ. ސާފުތާހިރު ކަމާއި ގައިގާ ހުވަނދުލާ މީރުވަސް ދުވާތަކެތި ބޭނުން
ކުރެއްވުމަކީ ރަސޫލުﷲ ޞައްލަﷲ އަލަހި ވަޞައްލަމަ ނުހަނު ބާރު އަޅުއްވާފައިވާ
ކަމެކެވެ. އެކަންވެސް ގޯސްވެގެންދަނީ އެކަން މެދުވެރިކޮށް އަންހެނުންނާއި ފިރެހެނުން
ތިމާގެ މައްޗަށް ހިތްލަންބުވާ އަދި އެކަން މެދުވެރިކޮށް ފާހިސް ޢަމަލުތައްކަށް
މަގުފަހިކުރުމުގެ ނިޔަތުގައި އެކަން ކުރާނަމައެވެ. ގިނަފަހަރު ޒުވާނުންގެ މެދުގައި
މިމައްސަލަ އުފެދިފައި ވަނީ ހަށިގަނޑަށް ދޭންޖެހޭ ސަމާލުކަށް ނުދީ އަދި ސާފުތާހިރު
ނުވެވޭތީއެވެ. ބައެއް ކުދިންނަކީ ދޮވެ ސާފުކުރުމެއް ނެތި ހެދުމާއި ޖަނގިޔާ އަދި
ބުރާ ފަދަ ތަކެތި ގިނަދުވަސް ވާންދެންވެސް ލާ ކުދިންނެވެ. މިފަދަ ކުދިންނަކީ
ބަލާބެލުމަށް ދުރުން ރީތިނަމަވެސް ކައިރިއަށް އައުމުން އެއްފަހަރާ ހިތް ފޫހިވާ
ފަދަ ކުދިންނެވެ. ގައިގައި ނުބައިވަސް ހިފާފައި ހުރުމަކީ ގިނަމީހުން ތިމާދެކެ
ފޫހިވާނޭ ކަމެއްކަމާއިމެދު ޝައްކެއްނެތެވެ. އަދި މިކަމަކީ އެކަމުގެ ސަބަބުން ތިމާ
ގިނަބައެއްގެ ތެރޭގައި ލަދުވެތިކަމާއި ކުރިމަތިލާން ޖެހޭފަދަ ކަމަކަށްވެސް
ވެދެއެވެ.
ސާފުތާހިރުވުމުގައި ފަރުވާ ކުޑަކޮށްލެވޭ ބައެއްކަންތައްތައް:
* ފެންވަރާ ސާފުތާހިރު ވާންޖެހޭ މިންވަރަށް އެކަން
ނުކުރެވުން.
* ދަތް އުނގުޅާ ސާފުތާހިރުވާން ޖެހޭ މިންވަރަށް
އެކަން ނުކުރެވުން.
* ގައިގެ އެކިތަންތާންގައި ހުންނަ އިސްތަށި ބޭލުމާއި
ކޮށުމުގައި ފަރުވާ ކުޑަ ކުރެވުން.
* ލާ ހެދުމާއި ހަރުވާޅު އަދި ޖަނގިޔަލާއި ބުރާ ފަދަ
ތަކެތި ބަދަލުކުރުމެއް އަދި ދޮވެ ސާފުކުރުމެއްނެތި ގިނަ ދުވަހު ލުން.
ގައިގާ ހިފާ ވަސް ވިލުވާލާ ސާފުތާހިރުކަންމަތީގައި ހުރުމަށް
ކުރެވިދާނެ ބައެއް ކަންތައްތައް:
* ވީހާވެސް ގިނަގިނައިން ފެންވަރާ ސާފުތާހިރުވުން
އަދި މިގޮތަށް ސާފުތާހިރުވާއިރު ރަނގަޅު ސައިބޯންޏާއި ޝޭމްޕޫފަދަ ތަކެތި ބޭނުން
ކުރުން.
* ގައިން ފެންހިއްކަން ގެންގުޅޭ ތުވާލި ދޮވެ
ސާފުތާހިރުކުރުން. އަދި އެއް ތުވާއްޔަށް ވުރެ ގިނަ ތުވާލި ގެންގުޅުން ރަނގަޅެވެ.
އާއްމުކޮށް ބޭނުން ކުރާ ތުވާއްޔާއި ފެންވެރުމަށްފަހު ފެން ހިއްކުމަށް ބޭނުންކުރާ ތުވާއްޔަކީ
ދެ ތުވާއްޔެއް ކަމުގައި ހެދުން.
* ގިނަގިނައިން ދަތް އުނގުޅާ އަނގަ ސާފުކުރުން، އަދި
އަނގަ ސާފުކުރުމަށްޓަކައި މައުތް ވޮޝް އެއްފަދަ އެއްޗެއް ބޭނުން ކުރުން. އަދި
މިންޓްފަދަ އަނގައިގެ ވަސް ރަނގަޅު ކުރާ މެޓާ ޗުވިންގަމް ފަދަ އެއްޗެއްވެސް ބޭނުން
ކުރެވިދާނެއެވެ.
* ގިނަގިނައިން ސައިބޯނި ލައިގެން އަތާއި ފައި ދޮވެ
ސާފުކުރުން. އަދި އަތްފައިގާ އުނގުޅުމަށް ޚާއްޝަ ކުރެވިފައި ހުންނަ ލޯޝަނާއި
ގްރިސް ފަދަތަކެތި ބޭނުން ކުރުން.
* ކިހިލަ ފަތްދޮށާއި އަދި ކުރިމަތި ފަރާތުގައި
ހުންނަ އިސްތަށި ބާލާ ސާފުތާހިރުކޮށް ބެހެއްޓުން އަދި ރޯލޯންފަދަ އެއްޗެއް ބޭނުން
ކުރުން.
* އަދިވެސް ސާފުތާހިރު ވުމަށް ކުރެވިދާނެ ކިތައްމެ
ކަމެއް ހުންނާނެ ކަން ޔަގީނެވެ.
އާއްމުގޮތެއްގައި ފައިފަޅައިގެން ދިއުމާއި އަދި
ހަމުގެ ބަލިފަދަ ކަންކަން ދިމާވުމަށް މެދުވެރިވަނީ ހަށިގަނޑުގެ ސާފުތާހިރުކަމަށް
ބަލަންވާވަރަށް ނުބެލޭތީއެވެ. އެގޮތުން ސާފުތާހިރު ނުވުމުން އާއްމު ގޮތެއްގައި ގައިގާ
ބިހި ނެގުމާއި އަދި ފެތުރި، ދަދު ފަދަ ތަކެތި ނަގައެވެ. އަދި ނިދާ ތަންމަތީގައި
ތަންމަކުނު އެޅުމާއި ބޮލުގައި އުކުނު އެޅުންފަދަ ކަންކަމަކީވެސް ސާފުތާހިރުކަން
ކުޑަވުމާއި ގުޅިގެން ދިމާވާ މައްސަލަތަކެވެ.
މިކަމަކީ ވަރަށް ކުޑަ ކަމެއް ކަމުގައި ދެކުނު
ނަމަވެސް މިއީ ވަރަށް ސީރިއަސް މައްސަލަ ތަކެވެ. އެހެނީ ސާފުތާހިރުކަން
ގުޅިފައިވާނީ ބަލިތަކުން ސަލާމަތް ވުމާއި ތިމާގެ އަބުރާއި އިއްޒަތްވެސް
ހިފެހެއްޓުމާއެވެ. ވީމާ އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ހަށިގަނޑުތަކަށް ފަރުވާ
ބަހައްޓާ، ސާފުތާހިރު ބައެއްކަމުގައި ވަމާތޯއެވެ. ހަށިގަނޑު ސާފުތާހިރު
ނުކުރެވިގެން ލަދުވެތިކާމާއި ބަލިތަކާއި ކުރިމަތިވާ ބައެއް ކަމުގައި ނުވަމާތޯއެވެ.

No comments:
Post a Comment