Thursday, May 21, 2020

ޖުވާ ކުޅުމާއި އެސް.އެމް.އެސް އިން ނަސީބު ވަޒަން ކުރުން.


ޖުވާ ކުޅުމާއި އެސް.އެމް.އެސް އިން ނަސީބު ވަޒަން ކުރުން.


ހަސާޒިމް | 20 މެއި 2020 | ޒިމްސް ދަރުބާރު



















ޒަމާނާއި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއިއެކު ކަންކުރާގޮތާއި ކަންކުރާތަން ތަފާތުވީއެވެ. އެހެންނަމަވެސް ކުރަނީ ހަމައެއްކަމަކެވެ. އޭގެ ނަތީޖާއާއި މަޤުޞަދުވެސް ހަމަ އެކައްޗެކެވެ. އަޅުގަނޑު ލިޔަން މިއުޅެނީ ކީކޭބާއޭ ކިއުންތެރިޔާގެ ހިތަށް ފަހަރެއްގައި އަރާފާނެއެވެ. ވިދާޅުވަމުން ގެންދަވާށެވެ! އަޅުގަނޑު މިލިއުމުގައި އަލިއަޅުވާލަން ބޭނުންވާ ކަންތަކަށް އަލިއަޅުވާލެވޭތޯ މަސައްކަތް ކުރާނަމެވެ.

"ކޮބާ ކިހެނެއް ކަންތައްތައް، ކޮފީއަކަށްވެސް އަރާ ނުލެވޭތާ ވަރަށް ދުވަސް ވެއްޖެދޯ؟" ކޮފީއަށް އައިސް ގޮނޑި ދަމާލާފައި އިށީނުމާއިއެކު ޝިޔާރު އަހާލިއެވެ.
"ކިހިނެއްވާނީ، ވަރަށް ސަކަރާތް، ހަމަ މިދަނީ ދެކޮޅު ނުޖެހިގެން" ސުވާލަކާއި އެކުގައި އަހަރެން ޝިޔާރަށް ޖަވާބު ދިނީ ފުންނޭވާއެއް ބޭރުކޮށްލަމުންނެވެ.
"އާން ތިކަން އޮތީ ތިހެން، ކޮންމެވެސް ގޮތަކުން ލާރިގަނޑެއް ލިބޭނެ ގޮތެއް ހޯދަންވީ" އަހަރެން ބުނިއެއްޗަކާއި ބައިވެރި ވެލުމުގެ ގޮތުން ޝިޔާރު ބުންޏެވެ.
"އެބައޮތް މޮޅު ގޮތެއް" ކޮންމެވެސް މޮޅު ޚިޔާލެއް އައުމުން ބޯޖަހާލާ ފާޑަށް ބޯޖަހާލަމުން ޝިޔާރު ބުންނެލިއެވެ.
"ކޮބާ، އަނެއްކާ ކޮންކަމެއް؟" އެއީ ކޮންކަމެއްކަން ހޯދަން އަހަރެން އަވަހަށް ބޭނުންވިއެވެ.
"މިހާރު ދިރާގުން ހުޅުވާލާފަ އެބައޮތް އެސް.އެމް.އެސް ނަސީބު ވެރިޔަކު ހޮވުމުގެ ފާޑެއްގެ ކަމެއް. ވިންވާ ފަރާތަކަށް ވަރަށް ގިނަ ފައިސާ އެމީހުންދޭ، އެހެންވީމަ އެސް.އެމް.އެސް ކުރަން ފަށަން ވީނުން. ހަމަ ފަހަރުގަ ލައްވާވެސް ލާފާނެ ނުން، އެހެންނުން؟" ޝިޔާރުގެ ޚިޔާލަށް އައިކަންތައް ހުށަހަޅާލިއެވެ.
"ރަނގަޅު ކަމެއް، އެކަމު ތިއީ ވިސްނާލަންވެސް ޖެހޭ ކަމެއް" އަހަރެން ބޯޖަހާލަމުން ބުނެލީމެވެ.
"މަށަށް ތި އެސް.އެމް.އެސް ކުޅިވަރު ކުޅުމަކީ ޖުވާ ކުޅުންފަދަ ކަމެއް" އަހަރެން އެކަމާއި މެދު ދެކޭގޮތް ހާމަކުރީމެވެ. ކޮންމެ ކަމެއް ކުރިނަމަވެސް އެކަމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ އަހަރެން ވިސްނާ ފިކުރު ކުރަމެވެ.

މުސްލިމް މަންމައަކާއި ބައްޕައަކަށް އުފަންވީތީވެ މުސްލިމް ނަމެއް ކީއެއްކަމަކު، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ބަދުބަޔަކަށް މެނުވީ ދީނުގެ މައިގަނޑު ރުކުންތަށްވެސް އޮޅުންފިލާފައި ނުވެޔޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. މިހެންކަމާއިއެކު ކަމެއް ކުރުމުގެ ކުރިން އެކަމަކީ އިސްލާމީ ޝަރީޢާގައި ހުއްދަކަމެއްތޯ ނުވަތަ ހުއްދަނޫން ކަމެއްތޯ ބެލުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ކުރާކަމެއް ނޫނެވެ.

ޖުވާއާއި ޖުވާގެ ގިންތީތެރޭގައި ކުޅެވޭ ކުޅިވަރުތަކަކީ ކޮބައިތޯ ބަލާލަމާތޯއެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭގައި އިންސާނުންނަށްޓަކައި ލައްވަވާފައިވާ ކަންކަމުގެ ތެރެއިން ހަރާމް ކުރައްވާފައިވަނީ އެކަންކަމުގެ ތެރެއިން ވަރަށް މަދު މިންވަރެކެވެ. ހަމަ އެފަދައިން ކުޅިވަރު ތަކުގެ ތެރެއިންވެސް ގިނަކުޅިވަރުތައްވެސް މުއުމިނުންގެ މައްޗަށް ހުއްދަކުރައްވާފައިވެއެވެ. އެހެންނަމަވެސް ޖާހިލިއްޔަ ޒަމާނުން ފެށިގެން ކުޅިވަރެއްގެ ގޮތުގަޔާއި ނަސީބު ބެލުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ކުޅެމުން އައި ޖުވާ އާއި ނަސިބު ބެލުމަށް ކުރެވޭ އެއްމެހާކަންކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މުއުމިނުންގެ މައްޗަށް ހަރާމް ކުރައްވާފައެވެ. އަދި އެކަންކަމަކީ ރާބުއިންފަދަ ބޮޑެތި ފާފަ ތަކުގެ ތެރެއިން ވާކަންކަމަކެވެ. އެހެންކަމާއި އެކު ރާބުއިމާއި ޖުވާކުޅުމާއި ނަސީބު ބެލުމަށް ކުރެވޭ އެއްމެހާކަންކަން މުއުމިނުންގެ މައްޗަށް ނަހީކުރައްވާ ބާވައިލައްވާފައި ވަނީ އެކުއެކުގައެވެ. މިކަންކަމާއި ގުޅިގެންވާ ޤުރުއާނުގެ ދަލީލަށް އަޅުގަނޑުމެން ބަލާލަމާތޯއެވެ:
އަލްމާއިދާ ސޫރަތުގެ 90 އަދި 91 ވަނަ އާޔަތުގެ މާނާގައިވަނީ މިފަދައިންނެވެ.
90 ވަނަ އާޔަތުގެ މާނަ " އޭ! އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާއާއި، ޖުވާކުޅުމާއި އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިތޯނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެކަންތަކާއި ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވާ ނަޞީބު ލިބުމަށްޓަކައިއެވެ." އަދި 91 ވަނަ އާޔަތުގެ މާނާގައި ވަނީ މިފަދައިންނެވެ. "ޝައިތޯނާ އެދޭކަން ކަށަވަރީ ރަލާއި ޖުވާގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަދުމަކުރުމާއި ނަމާދުކުރުމަށް ތިޔަބައިމީހުނަށް ހުރަސް އެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަން ހެއްޔެވެ؟ (އެބަހީ އެކަންކަން ހުއްޓާލާށެވެ!)  

ޖުވާ ނުވަތަ ގޭމްބްލިންގ އަކީ ނަސީބު ހުރިގޮތް ބެލުމަށް ކުޅެވޭ ޝައިތޯނީ ކުޅިވަރެކެވެ. މިކަންކަމަކީ ޖާހިލިއްޔަ ޒަމާނުންސުރެ ކުރެވެމުން އަންނަ ކަންކަމެވެ. އެހެންނަމަވެސް އިސްލާމްދީން އައުމަށްފަހު ޖުވާއާއި ޖުވާއާއި އެއްފަދަ އެއްމެހާ ކުޅިވަރުތަކާއި އެއްމެހާކަންކަން ވަނީ މުސްލިމުންގެ މައްޗަށް ހަރާމް ކުރައްވާފައެވެ. އެގޮތުން ބެޓްކޮށްގެ އިނާމު ނުވަތަ ވަކި މަންފާއެއް ލިބޭގޮތަށް ކުރެވޭ ކަންކަމާއި ނަސީބު ހުރިގޮތް ބެލުމަށް ކުޅުވޭ ކުޅިވަރުތަކާއި ގިނަބަޔަކު ފައިސާ ބަހައްޓައިގެން މޮޅުވާފަރާތަކަށް އެފައިސާ ލިބޭގޮތަށް ކުޅެވޭ ކުޅިވަރުތައް ހިމެނެއެވެ.

އެހެންނަމަވެސް ހިތާމައަކީ މިއަދު ޖުވާއާއި ޖުވާއާއި އެއްގޮތަށް ކުޅެވޭ ކުޅިވަރު ތަށްވަނީ އިސްލާމީ މުޖުތަމަޢުގައިވެސް ހުއްދަކަންކަން ކަމުގައި ހަދާފައެވެ. އަދި އެކަންކަން ފުޅާ ދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއެވެ.  މިގޮތުން އެސް.އެމް.އެސް މެދުވެރިކޮށް ކުރާ ވިޔަފާރިތައް މިއަދު މިވަނީ ވަރަށް ފުޅާވެފައެވެ. ޚާއްޞަކޮށް މުއާސަލާތީ ޚިދުމަތް ދޭ ފަރާތްތަކުންނާއި އަދި މަލްޓި މީޑިއާ ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ ސްޓޭޝަންތައް ހިންގާ ފަރާތްތަކުން މިކަމުގައި ބޮޑު ފައިދާއެއް ނަގަމުން ދެއެވެ.
މިއަދު ޓީވީ ސްޓޭޝަން ތަކުންނާއި ރޭޑިއޯ ސްޓޭޝަންތަކުން ގެނެސްދޭ ހަމަ ކޮންމެ ޕްރޮގްރާމަކީވެސް މިފަދަ އެސް.އެމް.އެސް ނަސީބު ވެރިޔަކު ހޮވާގޮތަށް އެ އެސް.އެމް.އެސް ފޮނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން އެއިން ކޮންމެވެސް ފަރާތަކަށް ޚާއްޞަ ހަދިޔާއެއް ދޭގޮތަށް ކުރެވޭކަންކަމެވެ. މިކަންކަމުގައި ބައިވެރިންނަކީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކެވެ. އަދި މިކަމަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކުރިއަށް ގެންދާ ކަންކަމެވެ.

އެކިއެކި ކަންކަމާއި ގުޅިގެން މިފަދަ ކުންފުނި ތަކުން އަގުބޮޑެތި މުދަލާއި އެތައް ފައިސާއެއް މިކަންކަމުގައި ބައިވެރިވެ ނަސީބު ދިމާވާ ފަރާތްތަކަށް ހުށަހަޅައެވެ. އަދި އެފައިސާ ނުވަތަ މުދާ ހޯދުމުގެ ދަހިވެތިކަން ގިނަބައެއްގެ ހިތަށްވަދެ އެތަކެއް ބަޔަކު އެތަކެއް ރުފިޔާއެއް އެއިނާމް ތަކާއި ފައިސާ ނުވަތަ މުދާ ހޯދުމަށް ހޭދަ ކުރެއެވެ. އަދި އަޅުގަނޑުމެންނަށް މިކަން އެއްމެބޮޑަށް ފާހަގަވެގެން އަންނަނީ މާތްވެގެންވާ ރަމަޟާން މަހުގައި އަޅުގަނޑުމެން ހިފާ ރޯދައާއި ގުޅުވައިގެންނެވެ.

ބައެއް ފަރާތްތަކުން މިފަދަ މުދަލާއި ފައިސާ ހޯދުމަށް އެހެންމީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެން ފޯނަށް ފައިސާ ޖަމާކޮށް ހާހުން ގުނާލެވޭވަރަށް އެސް.އެމް.އެސް ކޮށް ހަދަމުން ގެންދެއެވެ. އެހެންނަމަވެސް މިހާވަރަށް ހޭދަކޮށްގެންވެސް ނަސީބު ދިމާނުވެ ގިނަ ފަހަރު ދަނީ ފެއިލްވެގެންނެވެ. އެހެނީ މިފަދަ ކުޅިވަރު ތަކަކީ އެތައް ސަތޭކަ އެތައް ހާސްބައެއްގެ ތެރެއިން އެއްމެ މީހަކަށް ނުވަތަ މަދު ބަޔަކަށް އެއްޗެއް ދޭގޮތަށް ހަމަޖެހިފައި އޮންނަ ކަންކަމެވެ. އަދި އެފައިދާ ލިބޭފަރާތަށް ލިބިގެންދަނީ އެކަމުގައި ބައިވެރިވި އެއްމެގެ ފައިސާއިން ބައެކެވެ. އޭގެ ބޮޑުބައިގެ ފައިދާ ނަގަނީ އެކަން ރާވާހިންގާ ފަރާތުންނެވެ. ގިނަފަހަރަށް ކުރިމަތިވަނީ ބޮޑު ގެއްލުމަކާއިއެވެ.  މިފެއިލް ވެގެން ދާއިރު ތިމާއޮންނަނީ ދަރަނިވެރިވެސް ވެފައެވެ. އެއާއިއެކު އެކަމާއި ގުޅިގެން އެތަކެއް މައްސަލަތަކެއް އުފެދިގެންދެއެވެ. ދަރަނި އަދާކުރެވޭނޭ ގޮތެއް ނޯވެއެވެ. އޭގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައި ރުޅިވެރިކަމާއި ފިތުނަތައް އުފެދިގެންދެއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަމަށްވީތީ ކޮންމެކަމެއް ކުރުމުގައިވެސް އެކަމަކީ އިސްލާމްދީނުގައި ކޮންކަހަލަ ކަމެއްތޯ އެނގިފައި އޮތުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި މިކަމަކީ މިކަމާއިމެދު އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެކެވެ.

ޖުވާ ކުޅުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި އެކަމަކީ އިސްލާމްދީނުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެއްވެސް މެއެވެ. އެއީ އެކަމުން މަދު ބަޔަކަށް ފައިދާއެއް ލިބުނު ކަމުގައިވިޔަސް އާއްމުކޮށް މީސްތަކުންނަށް ބޮޑު ގެއްލުމެއް ލިބޭކަމެއްކަމުގައި ވާތީއެވެ. ޖުވާ ކުޅުމަށް ޓަކައި މީސްތަކުން އެކަމަށް ހޭދަކުރަނީ އެކަމުން ލިބިދާނެކަމަށް ހީވާ ބޮޑު ފައިދާގަނޑެއްގެ ދަހިވެތި ކަމުގައެވެ. ޖުވާ ކުޅުމާއި އެސް.އެމް.އެސް މެދުވެރިކޮށް އިނާމާއި ފައިސާ ހޯދުމަށް ކުޅެވޭ ކުޅިވަރުތައް ކުޅުމަށްވެސް އެއްފަހަރާ މާބޮޑު އެއްޗެއް ހޭދަކުރާކަށް ނުޖެހެއެވެ. ހޭދަ ކުރަނީ ކޮއިންސް އިން ނުވަތަ މަދު އަދަދެއްގެ ކުޑަ ފައިސާ ކޮޅެއް ބޭނުން ކޮށްގެން ނުވަތަ އެކަންކުރުމަށް ހަމަޖެހިފައި އިންނަ ޤަވައިދުގެ ތެރެއިން ދައްކަން ޖެހޭ އެއްޗެއް ދައްކައިގެންނެވެ. މިކަމަށްޓަކައި މިކަންކަން ރާވާ ހިންގާފަރާތްތަކުން އެކަންކަމުގައި މީސްތަކުން ބައިވެރި ކުރުވުމަށް ބޮޑެތި ކެމްޕެއިންތައް ހިނގަމުންދެއެވެ. އަދި މިއީ ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ވިޔަފާރިއެއްވެސް މެއެވެ. އެކަމުގައި ކާމިޔާބު ލިބޭ މީހަކަށް ގިނަ އަދަދެއްގެ ފައިސާ ލިބިގެން ދެއެވެ. ކުއްލި މުއްސަނދިކަމެއް އެމީހަކަށް ލިބިގެން ދެއެވެ. އެހެންނަމަވެސް ދެން އެކަމުގައި ހޭދަކުރި އެންމެން ޖެހެނީ ހުސްއަތާއި ދާށެވެ. އަދި ހޭދަކުރިއެއްޗެއްވެސް ނުލިބެއެވެ.

ޖުވާގެ އެއްމެހާ ކުޅިވަރުތަކުގެ ނަތީޖާއާއި އެކު ޝައިތާނާ މިކަން މެދުވެރިކޮށް އިންސާނުންގެ މެދުގައި ފިތުނަ އުފައްދައެވެ. އެއީ މާބޮޑު ކަމެއް ކަމަށް ހީނުވާ ކަންތައްތައް މެދުވެރިކޮށް މީސްތަކުން ﷲގެ މަގުން އެއްކިބާ ކުރާނެ ކަމީ އިންސާނާއަށް ޝައިތޯނާ ގެ ހިތުގައި ޙަސަދަވެރިކަން އުފެދުނު ދުވަހު އޭނާ ވެފައިވާ ވަޢުދެކެވެ. އެބައިމީހުން މިކަމުގެ ތެރޭގައި ބޮޑެތި މަކަރާއި ހީލަތް ހެދުމުގެ ސަބަބުން މީސްތަކުންގެ މެދުގައި ބޮޑެތި ތަޅާފޮޅުން ހިނގާ މީހުންގެ ފުރާނަ ގެއްލިގެން ދެއެވެ. އެހެންނަމަވެސް މިކަން މީހުން ކުރަނީ ފަސޭހަކަމާއި އެކު ކުރު މުއްދަތަކުން މުއްސަނދިވުމުގެ ބޭނުމުގައެވެ. އަދި މިކަމަށް ދެވި ހިފުމުން އެކަމުން ނިކުންނާނެ މަގެއް ނުފެނި މީހާ އެކަމުގައި އޭނާގެ މުޅި ދިރިއުޅުން ހަލާކުވެ ދެއެވެ. ފަހަރެއްގައި މިފަދަ ކަމަކުން މީހަކަށް މަންފާއެއް ލިބުނު ކަމުގައި ވިޔަސް އެ މަންފާއާއި ތަނަވަސްކަން ދެމިގެން ނުދާނެއެވެ. އެހެނީ ﷲ ހަރާމް ކުރައްވާފައިވާ މަގަކުން ހޯދާ ތަކެތީގެ ބަރަކާތް އެކަލާންގެ ކަނޑުއްވަވައެވެ. އަދި މުދަލަށް އެއްމެ ބޭނުންވާ ދުވަހު އެތަކެތި އޭނާގެ އަތުން ގެއްލިދާނެގޮތް މެދުވެރިވެއެވެ. އެއަށްވުރެވެސް ބޮޑު ކަމަކީ އެކަންކަމުގެ ސަބަބުން ޤިޔާމަތް ދުވަހުން ލިބޭނޭ ނަރަކައިގެ އަޛާބެވެ.

އަޅުގަނޑުގެ ނަޒަރުގައި އެސް.އެމް.އެސް ފޮނުވައިގެން މިކުރެވެނީ ހަމަ މިފަދަ ކަމެކެވެ. އަދި މިކަމަކީ އިސްލާމީ ބޮޑެތި ޢިލްމުވެރި މިކަންކަމާއި ދެކޮޅަށް ފަތުވާތަށް ނެރުވައްވާފައިވާ ކަމެއްވެސް މެއެވެ. އެކިއެކި ކުއިޒް މުބާރާތްތަކުގެ ނަމުގަޔާއި އަދިވެސް އެހެނިހެން ނަންނަމުގައި މިކުރެވެނީ ހަމަ އެއް ކަމެކެވެ. ތަފާތަކީ ކުލަބަކަށް ނުވަތަ އެނޫންވެސް އެފަދަ ތަނަކަށް އެއްމެން ޖަމާވެގެން އެކަން ނުކުރާކަމެވެ. ޒަމާން ތަރައްޤީވެ ދިއުމުގެ ސަބަބުން މިހާރު ދުރުދުރުގައި ތިބެގެން ވެސް އެކަން ކުރެވޭނެ މަގު އޮތީމާ ކޮންމެހެން އެއްމެން އެއްފުރާޅެއްގެ ދަށުގައި އެކަން ކުރަން ނުޖެހެނީއެވެ. ޓެކްނޮލޮޖީ ޒަމާނަށް ގެނެސްދިން ބަދަލާއި އެކު މީގެ ކުރިން ވަކިތަނަކަށް ގޮސްގެން ކުރަމުން އައި ވަރަށް ގިނަކަންތައް މިވަނީ އަޅުގަނޑުމެންގެ އަތުގައި އޮންނަ ފޯނުން ކުރެވޭގޮތަށް ބަދަލުވެފައެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި މަޝްހޫރު ކެސީނޯ ތަކުންވެސް އިންޓަނެޓްގެ ޒަރީއާ މެދުވެރިކޮށް ޖުވާކުޅުމުގެ ހަރަކާތްތަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދެއެވެ.

މިސާލެއްގެ ގޮތުން ދަންނަވާލަމެވެ. ހުކުރުދުވަހު ޓީވީއެމް އިން ގެނެސްދޭ ހޭޔާންބޯ ޝޯގައި މިފަދަ ވަރަށް ގިނަ ކަންތައް ތައް ކުރެއެވެ. އެއްމެ 600 ރުފިޔާ އަށް ދޭ ސެންޓް ފުޅިއެއް ނުވަތަ 300 ރުފިޔާ އަށް ލިބޭ ޑީވީޑީ ޕްލޭޔަރ އެއް ހޯދުމަށް އެތައްހާސް ބަޔަކު އެސް.އެމް.އެސް އެބަކުރެއެވެ. ޓީވީއެމް އަށް އެ ހުށަހަޅާފައިވާ އެއްޗެއްގެ އެތަށްގުނައެއްގެ ފައިދާ ލިބިގެން ދެއެވެ. އެލިބޭ ފައިދާގެ ތެރެއިން އެއްކަލަ އިނާމަށް ހުށައަޅާފައިވާ އެތީގެ އަގު ކަނޑާލުމުން އެކަން ކުރާފަރާތަށް ބޮޑު ފައިދާއެއް ލިބެއެވެ. އެ އިނާމު ލިބިގެން މިދަނީ އެއްމެ ފަރާތަކަށެވެ. ފަހަރެއްގައިވެސް މިދެންނެވި އިނާމަކީ ނުވަތަ ހަދިޔާ އަކީ އެކަން ރާވާ ހިންގާ ފަރާތުން އެމީހުންގެ އަތުން ޚަރަދެއް ކޮށްގެން ދޭއެއްޗެއް ނޫނެވެ.

އަޅުގަނޑުމެންގެ އަތްމަތި ދަތި ދުވަސްވަރާއި ތިޔާގިދުވަސްވަރު އަންނާނެއެވެ. އެހެންނަމަވެސް ފައިސާ ހޯދުމުގައި އެފައިސާ ހޯދެނީ ހުއްދަ ގޮތަކުންތޯ ނުވަތަ ހުއްދަ ނޫން ގޮތަކުންތޯ ވިސްނާލުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ ނަޒަރުގައި ކޮންމެ މާނައެއްގައި ކޮންމެ ނަމެއްގައި ކުރިނަމަވެސް ޙަރާމް ކަމެއް ވާނީ ހަމަ ޙަރާމް ކަމަކަށެވެ.

އެހެން ނަމަވެސް އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމަޢުތަކުންވެސް މިއަދު ފެންނަމުން މިދަނީ ޔަހޫދީންވެސް ކަންކުރި ބީދައިން ކަން ކުރަމުންދާތަނެވެ. ޔަހޫދީންނަށް ސަރުބީ ހަރާމް ކުރެއްވުމުން ސަރުބީ ބޭނުން ކުރުމުގެ ބަދަލުގައި ސަރުބީއިން ތެޔޮހާނައިގެން އޭގެ ތެޔޮ އެމީހުން ބޭނުން ކުރަން ފެށިއެވެ. އަދި ޔަހޫދީންނަށް ﷲ އަށް އަޅުކަން ކުރުމުގައި ޚާއްޞަ ދުވަހެއްކަމުގައި ހޮނިހިރު ދުވަސް ލެއްވެވިއެވެ. އަދި އެދުވަހު ދުނިޔެވީ މަސައްކަތް ކުރުމާއި މަސްހިފުން ފަދަ ކަންކަން އެބައިމީހުނަށް ހަރާމް ކުރެއްވެވިއެވެ. ކަން ވާންފެށި ގޮތަކަކީ ކޮންމެ ހޮނިހިރު ދުވަހެއްގައިވެސް މަސްތައް އާދަޔާއި ޚިލާފަށް އަންނަން ފަށައިފިއެވެ. މިހެންކަމާއި އެކު މިބައިމީހުން މި މަސްތައް ހިފާނެގޮތަކާއި މެދު ވިސްނާ މަސްތައް އައިސް ވަދެ ބެދޭނެހެން ތަނެއް ހެދިއެވެ. އަދި ހޮނިހިރު ދުވަހުގައި މަސްތައް ހައްޔަރުކުރުމަށް ފަހު އާދީއްތަ ދުވަހުގައި މަސް ހިފަންފެށިއެވެ. މިހެން ހެދުމުން މިމީހުން ﷲގެ އަމުރުފުޅާ ޚިލާފު ނުވާނެކަމަށް އެމީހުން ނިންމިއެވެ. އެހެންނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއީ މީސްތަކުންގެ ހިތުގެ ނިޔަތާއި މަކަރާއި ހީލަތް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ކަން މިހެން ވުމާއިއެކު އެބައިމީހުންގެ ތެރޭގައި ތިބި އީމާނުގެ އަހުލުވެރިން އެނޫން މީހުންނާއި ވަކިވެ އެދެބައިމީހުންގެ ދެމެދުގައި ފާރެއް ލިޔެވެ. ދެން މަސް ހިފި މީހުންގެ ޚަބަރެއް ނުވެގެން އީމާނުގެ އަހުލުވެރިން އެބައިމީހުން ކޮބައިތޯ ފާރުމަތިން އަރާބެލިހިނދު އެބައިމީހުނަށް ފެނުނީ އެބައިމީހުންގެ ތެރެއިން އެއްބަޔަކު ރާމާ މަކުނުތަކަކަށް ބަދަލުވެފައި ވާތީއެވެ. އަދި އަނެއް ބަޔަކު އޫރުތަކަކަށް ބަދަލުވެފައިވާތީއެވެ. މިވާހަކަތަކާއި ޙާދިސާތައްވަނީ ކީރިތި ޤުރުއާނުގައި މީސްތަކުންނަށް އިބުރަތެއް ކަމުގައި ﷲ ބާވާލައްވާފައެވެ.

ކަން މިހެން ހުރުމާއިއެކު ﷲ ނަހީކުރައްވާ، ހަރާމް ކުރައްވާފައިވާ މިފަދަ ފާފަތަކަށް އަރައިގަތުންވާނީ އަޅުގަނޑުމެންނަށް އެކަމުގެ އަޛާބާއި ދުނިޔެއާއި އާޚިރަތުގައިވެސް ކުރިމަތިވެދާނޭ ކަމަކަށެވެ. އެކަލާންގެއީ އޭރުވެސް އަދި މިހާރުވެސް ކޮންމެކަމަކަށްމެ ކުޅަދުންވަންތަ އިލާހެވެ.  އެހެންނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމަޢުގައިވެސް މިފަދަކަންކަން އެއްވެސް ޖެހިލުމަކާއިނުލާ ފާޅުގައި ކުރަމުންދާ ބަޔަކުވެސް އުޅެމުންދާކަމެވެ. އަޅުގަނޑުމެންގެ އަމިއަލަ ޤައުމާއި އަވަށްޓެރި ޤައުމުތަކަށްގޮސްވެސް މިފަދަ ކުޅިވަރުތަކުގައި ބައިވެރިވެ ހަދަމުން ދާކަމެވެ.

އެހެންނަމަވެސް އަޅުގަނޑުމެންނީ އިސްލާމުންނަށް ވީތީވެ، އަޅުގަނޑުމެން އިސްލާމްދީނަށް ވަންނަން ޖެހޭނީ އެކީއެކަށްޗަކަށެވެ. އޭގެތެރެއިން އަޅުގަނޑުމެން ބަޔަކަށް އީމާންވެފައި އަނެއްބަޔަކަށް އީމާން ނުވާނަމަ ހަޤީގީ މުއުމިނުން ކަމުގައި އަޅުގަނޑުމެންނަށް ނުވެވޭނެއެވެ. ވީމާ، މިފަދަ އެއްމެހާ ޝައިތޯނާގެ މަޅިތަކުން އަޅުގަނޑުމެން ސަލާމަތްވާން ޖެހެއެވެ. މުއުމިނުން ވާންޖެހޭނީ އަބަދުވެސް ޝައިތޯނާގެ އަދުއްވުންކަމުގައެވެ. އޭނާގެ މަކަރުވެރި ހީލަތްތެރިކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރާބަޔަކު ކަމުގައެވެ. އަޅުގަނޑުމެންނީ ޖުވާއާއި މިފަދަ އެއްމެހާ ފާހިސް ނުބައި ކަންކަމުން ދުރުވެ ދީންދެކެ ލޯބިވާ ދީނުގެ އެއްމެހާކަންކަމަށް ފަރުވާތެރިވާ ﷲ އަށް ބިރުވެތިވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން.


No comments:

Post a Comment