މާލެ ސިޓީ ގައިވާ އެ
ހިތްގައިމު ސަރަހައްދު
ޒިމް | ޒިމްސް ދަރުބާރު | 22 މެއި 2020
ރޭގަނޑުގެ ހަތަރުދަމު ނުނިދާ ހުރުމުން ފަތިސްނަމާދުކޮށް ނިންމާލިއިރު އާފުރި ނިދީގެ
ވަރުބަލިކަމާއި ލޮޑުކަން ހަށިގަނޑަށް ވެރިވާންފެށިއެވެ. ފަތިހާ ވެހެންފެށި ބޯ ވާރެޔާއި
ޖެހެމުންދިޔަ ވައިގެ ސަބަބުން ލިބިފައިވާ ފިނިކަމާއިއެކު އެދުމަތީގައިވާ ކުއިލްޓްގެ
ދަށަށް ވަދެ އެނދުގައި ހަމަޖެހިލީމެވެ. ނިދީގެތެރެއަށް ގެނބިގެން ދިއުމަށް މާގިނަ
އިރުތަކެއް ނުވެއެވެ. ހުވަފެނީ ޢާލަމުގެ ތަފާތު މަންޒަރުތައް
ސިފަވާންފެށިއެވެ.
ކޮންމެވެސް ބޭނުމެއްގައި އަހަރެން މާލެ ދިޔައީމެވެ. ކޮރޯނާ ބަލީގެ ސަބަބުން
މާލެ ފުރަބަންދު ކުރުމުގެ ސަބަބުން އޭރުވެސް މާލޭގެ މަގުތަކުގައި މީހުނާއި
ދުއްވާއެއްޗެހި ވަރަށް މަދެވެ. މަގުތައް ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. ވަރަށް
މަދު ފިހާރައެއް ނޫނީ ހުޅުވާފައި ނުވެއެވެ. އަދި ސައި ހޮޓާތަކާއި ކެފޭތައްވެސް
ހުޅުވާފައި ވާތީ ނުފެނެއެވެ. ފެންނަ
ފެނުމުގައި ކޮރޯނާގެ ސަބަބުން އޭރުވެސް މާލޭގެ ޙާލަތު އާއްމު ޙާލަތަކަށް ނާދެއެވެ.
ކާތަކެތި ވިއްކާ ފިހާރަތަކުގައިވެސް ފެންނަނީ ވަރަށް މަދު އަދަދެއްގެ މުދާ
ވާތީއެވެ.
އަހަރެން ބަނޑުހައިވެގެން ކާއެއްޗެއް ލިބޭތޯ އުޅެވެސް އެއްވެސް ކެފޭ އެއް
ހުޅުވާފަ ނެތުމުގެ ސަބަބުން ފިހާރައަކުން ބަނދުކޮށްފައިވާ ރޮށި ޕެކެޓަކާއި
ގެރިކިރުދަޅެއް ގަނެގެން އައިސް އަހަރެން އަތުގައިވާ ތައްޓަކަށް ރޮށިތައް ކުދިކޮށް
އަޅާ ގެރިކިރާއިއެކު މޮޑުމަށްފަހު މަގުގެ އެއްފަރާތު ފާރުގައި ލެނގިލައިގެންހުރެ
ކާންފެށީމެވެ. އަހަރެން ކައިރީގައި ކޮންމެވެސް އެހެން މީހަކުވެސް ހުއްޓެވެ.
އެހެންނަމަވެސް އެއީ ކާކުކަމެއް އަހަރެންނަކަށް ނޭންގެއެވެ. ބޮޑަށް ލަފާކުރެވެނީ
އަހަރެންކައިރީގައި ހުރިމީހަކީ ބަނގުލަދޭސީ މީހެކެވެ.
އަހަރެން ހުރީ ސޯސަންމަގު އޭ.ޑީ.ކޭ ހޮސްޕިޓަލު ހުރި ސަރަހައްދުގައެވެ.
އަހަރެން ކައި ނިމުނުތަނާ އެ.ޑީ.ކޭ ހޮސްޕިޓަލު އެހުރި ތަނުގައިވާ ކެފޭއެއްގައި ތިބި
ބަޔަކު އަހަރެންނަށް ފެނުނެވެ. އެތަނަކީ ދެބުރިއަށް ނަގާފައިވާ ތަނެކެވެ. އެމީހުން
ތިބީ އެތަނުގެ ދެވަނަ ބުރީގައެވެ. އަހަރެން އެމީހުންގެ ކައިރިއަށް ދިޔައީމެވެ.
އެތަނުގައި މޭޒެއްގެ ކައިރީގައި ތިން މީހުން ކާން ތިއްބާ އަހަރެންނަށް ފެނުނެވެ.
އެމީހުން ތިބީ ކޮންމެވެސް ވާހަކައެއްގައެވެ.
އަހަރެން އެމީހުނަށް ބަލާލީމެވެ. އޭގެތެރެއިން އެކަކީ ޣައްސާން މައުމޫނެވެ.
އަނެއްދެމީހުން އަހަރެންނަށް ސާފުކޮށް ނޭންގެއެވެ. އަހަރެން އަތުގައި ބޯނެ
ފެންފޮދެއް ނެތުމުން ޣައްސާނު މައުމޫނު ކައިރީ މޭޒުމަތީގައިވާ ފެންތައްޓަށް އިޝާރާތް
ކުރުމަށްފަހު އެ ފެންތަށި އަހަރެން ބޯލިޔަސް އެއްމެ ރަނގަޅުތޯ އޭނާ ކުރެން
އެހީމެވެ. އޭނާ އާއެކޭ ބޯލިޔަސް އެއްމެ ރަނގަޅޭ ބުނުމުން އަހަރެން އެ ފެންތަށި
ބޯލުމަށްފަހު ތަށި މޭޒުމަތީގައި ބަހައްޓާ އޭނާއަށް ޝުކުރު އަދާކުރީމެވެ. އަހަރެން
އަތުގައިވާ ގެރިކިރު ހުސްކުރި ދަޅު މަގުމައްޗަށް އެއްލާ ނުލަންވެގެން އަހަރެން އެ
ދަޅު ޣައްސާނުމެން ތިބި މޭޒުމަތީގައި ބަހައްޓާފައި އެތަނުން ނިކުތީމެވެ.
އަހަރެންނަށް އަނެއްކާވެސް މަގުމަތިން ބަނގުލަދޭސީ މީހަކާއި ދިމާވިއެވެ. އެއީ
ހަމައެތާކައިރިންނެވެ. އެތަނަކީ އަހަރެން ހުރުމަށް ނިންމާފައިވާ ގެ ހުރި
ސަރަހައްދެވެ.
"މިހާރު އެކޮޓަރީގައި 40 މީހުން ނިދާ" ބިދޭސީ މީހާ
އަހަރެންކައިރީގައި އެބުނީ އަހަރެން ނިދަން ދާން ހުރި ކޮޓަރީގެ ވާހަކައެވެ. ހީވާ
ގޮތުން އޭނަ އަކީވެސް އެކޮޓަރީގައި ނިދާ މީހެކެވެ.
"އާން އެތަނަށް 40 ބާލީސް އެތާ ބޮޑުމީހާ ގަތް، އެވެސް ގަތީ އަހަރުމެން ރުފިޔާ ދިނީމަ" އަހަރެން އެކަމާއި ހައިރާންވެގެން ކޮންމެވެސް އެއްޗެއް ބުނުމުން އޭނާ ބުންޏެވެ.
"އާން އެތަނަށް 40 ބާލީސް އެތާ ބޮޑުމީހާ ގަތް، އެވެސް ގަތީ އަހަރުމެން ރުފިޔާ ދިނީމަ" އަހަރެން އެކަމާއި ހައިރާންވެގެން ކޮންމެވެސް އެއްޗެއް ބުނުމުން އޭނާ ބުންޏެވެ.
އަހަރެން އޭނާ އާއިއެކު އެގެއަށް ދިޔައީމެވެ. އެއީ ސޯސަންމަގު އޭ.ޑީ.ކޭ
ހޮސްޕިޓަލް ކުރިމަތީވާ ގޯޅިތެރޭގައިވާ ގެއެކެވެ. އެ ކޮޓަރި ހުރީ އެގޭގެ މަތީ ފަންގިފިލާއެއްގައެވެ.
އަހަރެން އެގެއަށް ވަނީމެވެ. އެގެއަށް ވަންނަ ހުރި ދޮރަކީވެސް ފާރުން ކަނޑާފައިވާ
އާނގައެއްފަދަ ބާގަނޑެކެވެ. އެ ކޮޓަރިއަށް ވަންއިރު އެތަނުގައި ވަރަށް ގިނަ މީހުން
ތިއްބެވެ. އެތަނުގައި އަހަރެން ދަންނަ އެއްވެސް މީހެއްނެތެވެ. އެމީހުން ތިބީ
ނިދަން ތައްޔާރުވެގެންނެވެ. އެހެންނަމަވެސް ފެންނަ ފެނުމުގައި އެއީ ދުވާލުގެ ވަގުތެވެ.
އެއީ ފުދޭވަރެއްގެ ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގެ ފާރުތަކުގައި ހުދުކުލަ ލާފައިވާއިރު
ތަޅުމުގައި ވަނީ އަޅި އަދި މުށި ފާޑުގެ މުއްޓެއްޖަހާފައެވެ.
ކޮޓަރިއަށް ވަނުމާއިއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ކޮޓަރީގައިވާ
މޭޒެއްގެ މަތީގައި މަތިން އޮރެންޖު ކުލައިގެ ކުޑަ ތުވާއްޔެއް އަޅާފައިވާ
ކަޅުކުލައިގެ ދަބަހެކެވެ. އެދަބަސް ފެނުމާއިއެކު އެއީ އަހަރެން ގެންގުޅޭ ރުފިޔާ
ދަބަސްކަން އަހަރެންނަށް އެނގުނެވެ. އޭގައި ފުދޭވަރެއްގެ ގިނަ އަދަދެއްގެ ފައިސާ
ހުންނާނެކަން އަހަރެންނަށް އެނގެއެވެ. އަހަރެން ހިތައްއެރިއެވެ. އެދަބަސް ނުލާ އަހަރެން
ދިޔައީ ކީއްވެބާއެވެ. އެހެންނަމަވެސް އޭގެ މަތީގައިވާ ތުވާލިކޮޅު އޮތްގޮތުން އެ
ދަބަހާއި އެވެސް މީހަކު ގާތްވެފައި ނެތްކަން އަހަރެންނަށް އެނގުނެވެ.
އެކޮޓަރީގައި އެ މޭޒު ފިޔަވާ އެއްވެސް ފަރުނީޗަރެއް ނެތެވެ. އެތާންގެ
ތެރޭގައިވާ މީހުން ތިބީ ތަޅުން މަތީގައެވެ. އަހަރެން ބޭނުންވީ ނިދުމުގެ ކުރިން ފެންވާރާލާށެވެ.
ކޮޓަރިއަށް ވަންނަން ހުރި ދޮރުގެ އިތުރުން ދެކޮޅުގައި ދެދޮރު ހުއްޓެވެ. އަހަރެން ސޯޓެއް
ލައިގެން ހުސްގަޔާ ކޮނޑުމައްޗަށް ތުވާއްޔެއް ލައިގެން ކޮޓަރީގެ ދެކުނުފަރާތަށްވާ
ދޮރާދިމާއަށް ގޮސް އެދޮރު ހުޅުވާލީމެވެ. އަހަރެން ނަށް ފެނުނީ ސަރާ ސަރު ބޮޑު
ބެކްޔާޑެއްގޮތަށެވެ. އަހަރެންނަށް ސިފަވީ އެ ކޮޓަރިއަކީ ފަޅު ރަށެއްގައިވާ
ތަނެއްކަމެވެ. އެކޮޓަރިއަކީ ގެއެއްގެ މަތީ ބުރީގައިވާ ކޮޓަރިއެއްނަމަވެސް އެތަން
ފެންނަން އޮތީ ބިންމަތީގައިވާ ތަނެއްގެ ގޮތުގައެވެ. އެތަނަކުން ފެންވެރޭނެ ގޮތެއް
ނެތެވެ. އަހަރެން އެދޮރު ލައްޕާލުމަށްފަހު ކޮޓަރީގެ އަނެއްކޮޅުގައިވާ ދޮރު ހުޅުވާލީމެވެ.
އެއީ ވަރަށް ތަނަވަސް ބޮޑު ފާޚާނާއެކެވެ. ތަން ހަދާފައިވަނީ ހަދާނެ ޖާގަ އޮތީތީ
ބޮޑުކޮށެވެ. ފާޚާނާގެ ތެރޭގައި ފާޚާނައިން ކޮންމެވެސް އެހެން ދިމާލަކަށް ނިކުމެވެން
ހުރި ދޮރެއް ހުއްޓެވެ.
ފާޚާނާގެ އެތެރޭގައިވާ ދޮރު އަހަރެން ހުޅުވާލީމެވެ. އަހަރެންނަށް ފެނުނީ ވަރަށް
ރީތި ގުދުރަތީ މަންޒަރެކެވެ. ޖަޒީރާވަންތަ ރަށެކެވެ. އަހަރެން ކޮނޑަށް ތުވާލިކޮޅުލައިގެން
ހުސްގަޔާ ސޯޓުގައި އެދޮރުން ބޭރަށް ނިކުތީމެވެ. އަދި އެތަނުގައި
ޖަހާފައިވާ ދަނޑިން ހަދާފައިވާ ކޮށިގަނޑެއްގައި އަތް އަޅުވާލުމަށް ފަހުން އެތަނަށް
ބަލާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ތަންކޮޅެއް ދުރުން ވަރަށް ބޮޑު
ކެޔޮދަނޑެއް ފެންނަން އޮތެވެ. ވަރަށް ރީއްޗަށް ބޯކޮށް ހެދިފައިވާ ކެޔޮގަސްތަކެކެވެ.
ގަސްތަކުގެ ފަތްތަކުގައިވާ ފެހިކުލަ ގަދައެވެ.
އެދިމާލު އަނެއްފަރާތަށް ބަލާލުމުން ފެންނަން އޮތީ ވަރަށް ރީތި ދޮންވެލީގެ
އަތިމައްޗެކެވެ. ހެދިފައިވާ ދިގު ރުއްތަކާއި މަގޫގަސްތައް ފެންނަން ހުއްޓެވެ. ވަރަށް އުޑުމަތި ސާފު ރީތިދުވަހަކެވެ.
ކުއްލިއަކަށް އަހަރެންނަށް ފެނުނީ އަތިރިމައްޗާވި ފަރާތުން ބުލްޑޯޒާރ ތަކެއް
ދުއްވާތަނެވެ. އެއްބުލްޑޯޒަރުން ހޭޅިމަތީގައިވާ ގަސްތައް ހަލާކުކުރަނީއެވެ. އަނެއް
ބުލްޑޯޒާ ބޮޑު ބަނބުކެޔޮ ގަހެއް ނަގައިގެން ބާރަށް ދުއްވާފައި ގޮސް އެގަސް އެހެންތަނެއްގައި
އިންދަން އުޅޭތީ ފެނެއެވެ.
އަހަރެން އަނެއްފަރާތަށް ބަލާލިއިރު ތަންކޮޅެއް ދުރުގައި ދިގުހެދުން ލައިގެން
މަގުގެ އެއްފަރާތުގައި ފައިދަމާލައިގެން އިށީންދެގެން ތިބި ހަރުފުރާގެ އަންހެނުންތަކެއް ފެނުނެވެ. އެމީހުން ތިބީ ކޮންމެވެސް އޮލަ ވާހަކައެއްގައެވެ. އެމީހުން
ތިބި މަގުގެ އަނެއްފަރާތުގައި ފަނުން އަޅާފައިވާ ގެތަކެއް ހުރިހެން އަހަރެންނަށް
ހީވެއެވެ. އޭގެތެރެއިން ދެމީހަކު އެއީ
އަހަރެން ދަންނަ ދެމީހުންނެވެ. އެކަކީ މުދިންގޭ އާމިނާފުޅެވެ. އަނެކަކީ ކަލައިދޫ
ޝަރީފާއެވެ. އެމަންޒަރު އަހަރެންނަށް ސިފަވީ ކުރީޒަމާނުގެ ރަށްފުށުގެ ހަމަހިމޭން
މަންޒަރެއްގެ ގޮތުގައެވެ. އެމީހުން ނޫން އެއްވެސް ބަޔަކު ފެންނާކަށް ނެތެވެ. ޚާއްޞަކޮށް
މިޒަމާނުގެ ތަރައްޤީގެ އެއްވެސް ކުލަވަރެއްވެސް ފެންނާކަށް ނެތެވެ. އަހަރެން
ހިތައްއެރިއެވެ. މިފަދަ ރީތި ބޮޑު ސަރަހައްދެއް މާލޭގައި ވާއިރު މީހުންނަށް ނުވެސް
އެނގެނީބާއެވެ.
އަހަރެން ކޮޓަރިއަށް ވަންއިރު އެތަނުގައި އަހަރެންގެ ބޭބެ ޞަލާޙު އުޅެއެވެ. ހީވާގޮތުން
އޭނާވެސް އެތަނަށް އައިސް އެހުރީ ނިދާށެވެ. އަހަރުމެން ދެމީހުން ނިދަން އޮށޯވެފައި
ބަލާލިއިރު އެތަނުގައި ކުރުގެޅިގެން ކަހަލަ ގޮތަކަށް އަހަރެންގެ ރައްޓެއްސެއްކަމުގައިވާ
ހަމީދު ކިޔާމީހަކު ނިދާފައި އޮތެވެ. އޭނާ އަކީ އަހަރެންނާއި އެއްބެޗެއްގައި ކޮލެޖްގައި
އިންޖިނީރިން ކިޔަވަން އުޅުނު ނައިފަރު މީހެކެވެ. ޞަލާޙު ބުނިގޮތުން އެތަނުގެ ވެރިޔަކީ
އޭނާއެވެ. އޭނާ އެތަނުގައި މީހުން ނިންދަވަނީ ހިލޭ ސާބަހަށެވެ. އެހެން މީހުން
ނިދުމުން އޭނާ ނިދަނީ ވަރަށް ދަތިކޮށެވެ. ޙަމީދު އެހެން އޮށްވާ ފެނުމުން އަހަރެން ޞަލާޙާއި
ދިމާއަށް ބުނީމެވެ. އޭނާ އެހާލުގައި އޮށްވާ އަހަރެމެން މިތާ ނިދުން ރަނގަޅެއް
ނޫނެވެ.
"ހިނގާބިލާ މާއެއްކޮށް މިތާ ބޭރަށް، ވަރަށް ރީތި ތަނެއް ދައްކާން"
ޞަލާޙުވެސް އާއެކޭ ބުނެފައި ތެދުވުމުން އަހަރެން އެހެން ބުނީމެވެ. އެހެން ބުނެފައި
އަހަރުމެން ދެމީހުން އެކުގައި ބޭރަށް ނިކުތީމެވެ. އެއްކަލަ ތަން ފެނި ޞަލާޙަށްވެސް
ލިބުނީ ހައެރާން ކަމެކެވެ.
އަހަރުމެން ދެމީހުން ބޭރަށް ނިކުމެގެން ހިނގަން ފެށީމެވެ. އަދި އެރީތި
ސަރަހައްދު ފޮޓޯ ނަގަންފެށީމެވެ. އެތަނުގައި އަހަރެމެން ދެމީހުން ނޫނީ އެހެން
އެއްވެސް މީހަކު ނެތެވެ.
އެތަނުގައި ވެލިންވާ ވަރަށް ދިގު މަގެއްވެއެވެ. އެއީ ވަރަށް ސާފުކޮށް
ރީތިކޮށްވާ މަގެކެވެ. އެއްވެސް ވަރަކަށް ހަލާކުވެ ހަޑިވެފައި ނުވެއެވެ. މަގުގެ ދެފަރާތް
ޒީނަތްތެރި ވެފައިވަނީ ފެހި ގަސްތަކުންނެވެ. މަގުގެ ހުޅަނގު ފަރާތުން ފެންނަން
އޮތީ ވަރަށް ރީތި ސާފު ދޮންވެލީގެ ވެލިމަލަ އެކެވެ. އަދި ދިގުކޮށް ހެދިފައިވާ ރުށްތައް
ފެންނަން ހުއްޓެވެ. އުޑުމަތި ސާފުވެފައި އެއްމެ ވިލާކޮޅެއްވެސް ފެންނާކަށް ނެތެވެ.
ދުވާލުގެ ވަގުތު ނަމަވެސް އަވީގެ ހޫނުކަމެއް ނުވެއެވެ. އަދި މަޑު މަޑު ވައިރޯޅިއެއް
ޖެހެމުންދިޔައެވެ. ހީވާގޮތުން އެއީ ހަވީރުގެ ފިނިޖެހިފައިވާ ވަގުތެކެވެ.
ޞަލާޙު އަޑު އަޅަމުން ވީޑިއޯ ކުރަމުން އަމިއްލަ އަށް އެސަރަހައްދު ޑޮކިއުމެންޓް
ކުރަމުން ދިޔައެވެ. އެ ދިގުމަގުގެ ހުރަހައްވާ ވަރަށް ރީތި ހަނިހަނި މަގެއް އޮތެވެ.
އެމަގުގެ ދެފަރާތުގައި ވަނީ ކައިރިކައިރީގައި ދިގު ރުއްތައް އިންދާފައެވެ. އޭގެ
އަނެއް ފަރާތުގައި ހަނި ފެންކޯރެއް އޮތެވެ. އަހަރެން އެތަން ފޮޓޯ ނަގަމުން
ދިޔައީމެވެ. އެ މަންޒަރުތައް އެހެންމީހުނަށްވެސް ދައްކާލުމުގެ ބޭނުމުގައެވެ. އެފަދަ ރީތި ހިތްގައިމު ތަނެއް އަހަރެން މީގެ
ކުރިޔަކުން ނުދެކެމެވެ.
އަހަރެމެން އެއްމެ އަޖައިބުވި ކަމަކީ މާލޭގައިވާ އެރީތި ހިތްގައިމު ސަރަހައްދު އެހެން މީހުންނަށް ނުފެންނާތީއެވެ. އަދި މާލެ މަތިން ބަލާއިރުވެސް އެފަދަ ސަރަހައްދެއް ފެންނަން ނެތީމައެވެ. އެކަމާއި އަޖައިބު އެވާހަކަ ދައްކަން ދެމީހުން ތިއްބާ އަހަރެން ނަށް ނިދިން ހޭލެވުނެވެ. އަދި އަހަރެންނަށް ފެނުނީ ރީތި ހުވަފެނެއްކަން އެނގުނެވެ.
އަހަރެމެން އެއްމެ އަޖައިބުވި ކަމަކީ މާލޭގައިވާ އެރީތި ހިތްގައިމު ސަރަހައްދު އެހެން މީހުންނަށް ނުފެންނާތީއެވެ. އަދި މާލެ މަތިން ބަލާއިރުވެސް އެފަދަ ސަރަހައްދެއް ފެންނަން ނެތީމައެވެ. އެކަމާއި އަޖައިބު އެވާހަކަ ދައްކަން ދެމީހުން ތިއްބާ އަހަރެން ނަށް ނިދިން ހޭލެވުނެވެ. އަދި އަހަރެންނަށް ފެނުނީ ރީތި ހުވަފެނެއްކަން އެނގުނެވެ.

No comments:
Post a Comment