Sunday, May 24, 2020

އުޅުމެއްނެތް އަންބެއްގެ ފަރާތުން ފެންނާނީ ކޮންކަންކަމެއް؟

އުޅުމެއްނެތް އަންބެއްގެ ފަރާތުން ފެންނާނީ ކޮންކަންކަމެއް؟


ހަސާޒިމް | 24 މެއި 2020 | ޒިމްސް ދަރުބާރު
















ދިރިއުޅުމުގައި ކިޔަމަންތެރި އުޅުން ހުރި ބައިވެރިޔަކު ލިބުމަކީ ކޮންމެ ފިރެހެނެއްގެވެސް އުއްމީދަކަށް އަދި ހުވަފެނަކަށް ވާނެކަން ޔަޤީނެވެ. ފޮނި އުއްމީދު ތަކަކާއިއެކު ފަށާ ގިނަ ކައިވެނިތައް ހަލާކުވެގެން ދަނީ ގިނަފަހަރު ތިމާމެން އަދާކުރަން ޖެހޭ ޒިންމާތަކާއި ވާޖިބުތައް އަދާ ނުކުރުމާއި ދިރިއުޅުމުގެ ކަންކަމާއިމެދު ފަރުވާކުޑަ ކޮށްލާ އިހުމާލުވުމުގެ ސަބަބުންނެވެ. ބައެއްފަހަރު ފެންނަ ފެނުމަށް ވަރަށް ހަމަޖެހިގެން ވަރަށް ލޯބިން އުޅޭ ދެމަފިރިންވެސް ކުއްލިއަކަށް ވަކިވެދާނެއެވެ. އެހެންނަމަވެސް މީހުނަށް އެނގިފައި ނެތްނަމަވެސް އެފަދަ ދެމަފިރިއަކު ވަކިވަނީ ގިނަފަހަރު އެތައް ސަބަބުތަކާއި ހުރެއެވެ.

ދިރިއުޅުމެއް ހަލާކުވެގެން ދާއިރު ދެފަރާތުންވެސް އިނގިލިދިއްކޮށް ނުބައިމީސް ކުރާނީ އަނެއް މީހާއެވެ. ވަރަށް މަދު މީހަކަށް ނޫނީ އޭނާގެ އަމިއްލަ ކުށްދެނެގަނެ އެކަން ޤާބޫލުކޮށް އިސްލާޙު ކުރާކަށް ބޭނުމެއް ނުވެއެވެ. ދެމީހެއްގެ ދިރިއުޅުމަށް ބަލާލާނަމަ، ޚާއްޞަގޮތެއްގައި ގެއެއްގެ ތެރެއިން ފެނިގެންދާ ކަންކަން ނިސްބަތްވެގެން ދާނީ އެގެއެއްގައި ދިރިއުޅޭ އަންހެނެއްގެ ހަރުދަނާކަމަށް ނުވަތަ އޭނާގެ އުޅުމެއް ނެތްކަމުގެ މައްޗަށެވެ. މުޖުތަމަޢުގައި މިފަދަ ފިރެހެނުންނާއި އަންހެނުންވެސް ވަރަށް ގިނައެވެ. މީހުން ބުނެ އުޅެއެވެ. ހަރުދަނާ ފިރެހެނަކަށް ވީޔާ ގިނަފަހަރު ލިބޭނީ އުޅުމެއްނެތް އަންހެނެކެވެ. އަދި އުޅުންހުރި ހަރުދަނާ އަންހެނަކަށް ވީޔާ ލިބޭނީ އުޅުމެއްނެތް ފިރެހެނެކެވެ.

މި ލިއުމުގައި އަޅުގަނޑު ބަލާލަން ބޭނުންވަނީ އުޅުމެއް ނެތް މުސްލިމް އަންހެނެއްގެ ކިބައިން ފެންނާނެ ބައެއް ކަންކަމުގެ މައްޗަށެވެ. މީހާއަކީ އުޅުންހުރި މީހެއްތޯ ނުވަތަ ނޫންތޯ ނިންމާނީ އޭނާގެ ޢަމަލުތަކުގެ މައްޗަށެވެ.   

1.    އޭނާއަކީ ފަތިހާ ފަތިސް ނަމާދަށް ތެދުވާ މީހަކަށް ނުވާނެއެވެ. އަދި އެފަދަ މީހަކަށް ފަތިސް ނަމާދު ކުރުންވާނީވެސް ވަރަށް ބޮޑު ކަމަކަށެވެ.
2.    ހެނދުނާ ތެދުވެ ފިރިމީހާ އާއި ދަރިންނަށް ނާސްތާގެ ކަންކަން ތައްޔާރު ނުކުރާނެއެވެ.
3.    ހެނދުނާއި ކުދިންނަގާ އެކުދިންގެ ކަންތައްތައް ނުކުރާނެއެވެ. 
4.    ދަރިންނަށް ޤުރުއާން ކިޔަވާދިނުމާއި އެކުދިންނަށް ކިޔަވާ ދިނުމުގައި ނޫޅޭނެއެވެ.
5.    ފިރިމީހާ އަމުރުކޮށްގެން ނޫނީ ނުވަތަ ހަނދާން ކޮށްދީގެން ނޫނީ އޭނާގެ އަންނައުނު ދޮވެ އިސްތިރިކޮށް އޭނާގެ ކަންކަން ނުކޮށްދޭނެއެވެ.  
6.    ކެއުމުގެ ވަގުތުތައް ކަނޑައަޅާ އެވަގުތުތަކަށް ކެއުންތައްޔާރުކޮށް ނުހަދާނެއެވެ.  
7.    ގެތޭރޭގައި ހުންނައެއްޗެއްސާއި ގޭތެރެ ސާފުކޮށް ތަރުތީބުކޮށް ބެހެއްޓުމަށް ސަމާލުކަމެއް ނުދޭނެއެވެ.
8.    ފާޚާނާފަދަ ތަންތަން ދޮވެ ސާފުކޮށް ރީތިކޮށް ބެހެއްޓުމަކީ އެފަދަ މީހަކަށް އެހާ މުހިއްމު ކަމަކަށް ނުވާނެއެވެ. އަދި އެކަން ކުރުންވާނީ އެފަދަ މީހަކަށް ވަރަށް ބޮޑު ކަމަކަށެވެ.
9.    ތަނަކަށް ދިއުމަށް މޭކަޕްކޮށް ރީތިވިނަމަވެސް އަމިއްލަ ނަފުސުގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ނުބަހައްޓާނެއެވެ.   
10. ދަރިންތަރުބިއްޔަތުކޮށް އެދަރިންނަށް ރީތި އާދަކާދަ ތަކާއި ދިރުއުޅުމުގެ ކަންކަން ދަސްކޮށްދިނުމަކީ އެފަދަ މީހަކަށް އެހާ މުހިއްމު ކަމެއްކަމުގައި ނުފެންނާނެއެވެ.  
11. ވަގުތު ހޯދައިގެން ދަރިންނާއި ފިރިމީހާއާއި އެކު ވަގުތުހޭދަކުރުމުގެ މުހިއްމު ކަމެއް އެފަދަ މީހަކަށް ނޭންގޭނެއެވެ.  
12. ފިރިމީހާއަކީ އަމިއްލަ ވިޔަފާރިއެއް ނުވަތަ އަމިއްލަ މަސައްކަތެއްކުރާ މީހަކު ނަމަ ފިރިމީހާގެ ކުރިއެރުމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކޮށްދިނުމަކީ އެފަދަ މީހަކު ކުރާނެ ކަމެއް ނޫނެވެ. އެފަދަ ކަމެއްގައި އެހީތެރިވުމަށް އެދުނު ނަމަވެސް ގިނަފަހަރު ދައްކާނީ ބަހަނާއެވެ.
13. އިލްމުހޯދާ އަމިއްލަ ނަފުސު ތަރައްޤީކުރުމަކީ އެފަދަމީހުން ކުރާކަމެއްނޫނެވެ، އޭނާގެ މުޅި ޙަޔާތް ދުއްވާލާނީ އެއްވެސް ކަމެއް އުނގެނުމެއް ނެތިއެވެ.  
14. ގޭތެރޭގެ ކަންކަން ކުރުމަށް ވަކި ވަގުތުތަކެއް ކަނޑައަޅާފައެއް ނުވާނެއެވެ. އަދި ގޭތެރެއިން ރީތިކަމެއް ތަރުތީބު ކަމެއް ނުފެންނާނެއެވެ.
15. ފިރިމީހާއަށް ދޭންޖެހޭ ލޯތްބާއި އަޅާލުން އޭނާ އެކަމަށް އެދުމުން ނޫނީ ދިނުމަކީ އެހާ މުހިއްމު ކަމެއްކަމުގައި ނުދެކޭނެއެވެ.  
16. ކުދިން ނިންދެވުމާއި އެކުދިން ހޭލެއްވުމާއި ކާންދިނުމަކަށް ވަކި ގަޑިތަކެއް ކަނޑައަޅާ އެގޮތަކަށް ޢަމަލެއް ނުކުރާނެއެވެ.
17. އެފަދަ މީހަކު ފިރިމީހާ ކޮށްދޭ އެއްވެސް ކަމަކަށް ޝުކުރުވެރިއެއް ނުވާނެއެވެ. އޭގެ ބަދަލުގައި ފެންނާނީ އަބަދުވެސް ފިރިމީހާގެ ކުއްދެއްކުމާއި އޭނާގެ ފަރާތުން ނުވެ އޮންނަ ކަމަކާއިމެދު ޝަކުވާކުރުމެވެ.
18. އެފަދަ މީހުންނަކީ އޭނާއަށް ކުރެވޭ ކުށް ޤަބޫލުކޮށް އެކަމަށް މާފަށް އެދުމުގެ ބަދަލު ކުށް ދިފާއުކޮށް އަނެކުންދެކެ ރުޅިއަންނަ ބައެކެވެ.
19. ނުކިޔަމަންތެރި އުޅުމެއްނެތް މީހުންނަކީ ފިރިންގެ މޫނުމަތީގައި ޒުވާބު ކުރުމާއި ހިތްހަމަ ނުޖެހުމުން ފިރިންގެ ގަޔަށް އަތްލާ ހަދާނެ ބައެކެވެ.
20.  ދެމަފިރިންގެ ދެމެދުގައި ދެބަސްވެވިއްޖެ ނަމަ އެފަދަ މީހުން އެއްމެ ފުރަތަމަވެސް އެދޭނެ ކަމަކީ ވަރިއެވެ. އަދި ވަރިކުރަން ނުކެރޭނެކަމާއި ވަރިކޮށްފިނަމަ އޭނާގެ ފިރިމީހާއަށްވުރެ މާ ރަނގަޅުމީހުންވެސް އޭނާއަށް ލިބޭނެ ކަމުގައި ބުނާނެއެވެ.

އަދި މިނޫނަސް މިފަދަ އެތަކެއް ގޯސް ނޭދެވޭ ސިފަތަކެއް ނުކިޔަމަންތެރި އުޅުމެއް ނުހުންނަ މީހުންގެ ކިބައިގާ ހުރެއެވެ. މިފަދަ ފަރާތަކާއިއެކު ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ހޯދުން ވާނީ ވަރަށްވެސް އުނދަގޫ ކަމަކަށެވެ.    

No comments:

Post a Comment