Monday, June 1, 2020

ކުންނާރުގަސް

ކުންނާރުގަސް
ޙަސާޒިމް | ޒިމްސް ދަރުބާރު | 01 ޖޫން 2020
-----------------------------------------------------------------------------------------
















ކުންނާރަކީ މާބޮޑު އަޅާލުމެއްނުދިނަސް ފަސޭހައިން ކޮންމެ ތަނެއްގައިވެސް ފަސޭހައިން ހެދޭ ގިނަ ދުވަސްތަކަށް ދެމިހުންނަ މޭވާ ގަހެކެވެ. އަދި ވަކި މޫސުމެއްނެތި އަބަދުވެސް އާއްމުގޮތެއްގައި ކުންނާރު އަޅައެވެ. ކުންނާރުގެ ތަފާތު ބާވަތްތަކުގެ ގަސްތައް ދުނިޔޭގެ އެކި ޤައުމު ތަކުގައި ހެދިފައި ހުރެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ކުންނާރުގެ އެކި ސައިޒު ތަކާއި އެކި ބާވަތްތައް ހުރެއެވެ. އެގޮތުން އާއްމު ދެ ބާވަތަކީ ފޮނި ކުންނާރާއި ހުތް ކުންނާރެވެ. މީގެތެރެން އަންހެނުން ކެއުމަށް ބޮޑަށް ޝަޢުޤު ހުންނަކަމަށް ވަނީ ހުތް ކުންނާރެވެ. އަދި ފިރެހެނުން ކެއުމަށް ބޮޑަށް ޝަޢުޤު ހުންނަނީ ފޮނި ކުންނާރު ކަމުގައި ވެއެވެ.

ކުންނާރު ގަހުގެ މުހިއްމު ކަމާއިމެދު ގިނަ ބަޔަކަށް ވިސްނިފައި ނޯވެދާނެއެވެ. އެހެންކަމުންތާއެވެ. ތަފާތު ބާވަތްތަކުގެ މާގަސް ހެއްދުމަށް ފޯރި ހުންނައިރު ކުންނާރު ގަސް ހެއްދުމަކަށް މީހުން އެހާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ގެއެއްގައި ކުންނާރު ގަހެއް ހުރިނަމަވެސް ގިނަފަހަރަށް ހުންނާނީ އަމިއްލަ އަށް ފަޅައިގެން ހެދިފައިވާ ގަހެކެވެ.  

ކުންނާރު ގަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެގަހުގެ ވާހަކަ ކީރިތި ޤުރުއާނުގައިވެސް ބަޔާން ކުރައްވާފައިވާ ގަހެކެވެ. އަދި ބުނެވޭ ގޮތުގައި މީސްތަކުންގެ ޢަމަލުތައް އެހިސާބަށްގޮސް ހުއްޓޭ އަދި ޖިބްރީލް އަލަހިއް ސަލާމްގެ މަޤާމު ކަމުގައިވާ ސިދުރަތުލް މުންތަހާ އަކީ ކުންނާރު ގަހެއްގެ ސިފައިގާވާ ގަހެކެވެ. (ވަﷲ އަޢުލަމް)

ކުންނާރު ގަހުގެ މުހިއްމު ކަމާއިމެދު ބަލާލަމާތޯއެވެ. ކުންނާރު ގަހުގެ ފަތަކީ ނުހަނު ބޭނުންތެރިއެއްޗެކެވެ. އެސްފީނާ އާއި ސިހުރުގެ އުނދަގޫތަކަށް ރުޤިޔާކޮށް ފެންއަޅާއިރު ކުންނާރު ފަތުން ފެންވަރުވައެވެ. އަދި ކުންނާރު ފަތަކީ ފަތްޕިލާ ވެލީގެ ބޭސްވެރިކަމަށްވެސް ބޭނުން ކުރާ ފަތަކެވެ. އަދި އިންސާނާ މަރުވުމުން ހިނަވާ އިރުވެސް އެފަތުގެ ފެން ބޭނުން ކުރުމަށް ރަސޫލާ ޞައްލﷲ ޢަލައިހި ވަޞައްލަމަ އަންގަވާފައިވާ އެއްޗެކެވެ.

އެއްފަހަރަކު ޢަރަފާތު ބިމުގައި ވަނިކޮށް ސަޙާބީ ބޭކަލަކު ސަވާރީއިން ވެއްޓިވަޑައިގެން ކަނދުރާ ބިންދައިގެންގޮސް އަވަހާރަވުމުން ރަސޫލާ ޞައްލަﷲ ޢަލަހި ވަޞައްލަމަ ޙަދީސް ކުރެއްވެވިއެވެ. "ތިޔަބައިމީހުން އޭނާ ފެނާއި ކުންނާރު ފަތުގެ ފެނުން ހިނަވާށެވެ." މި ހަދީސް ބަސްފުޅުންވެސް ކުންނާރު ގަހުގެ މުހިއްމުކަން ހާމަވެއެވެ. އެކަލޭގެފާނު ވަކިއެއްޗަކަށް އިޝާރާތް ކުރައްވަވާ އެއެއްޗެއް ބޭނުން ކުރެއްވެވުމަށް މީސްތަކުންނަށް އަންގަވާނީ އޭގައި މީސްތަކުންނަށް ވާ ފައިދާގެ ބޮޑު ކަމުންނެވެ. މިދުނިޔެއިން ވަކިވެގެންދާ ހިނދު އެއެއްޗަކުން އޭނާ ޠާހިރުވެގަންނަ އެއްޗަކީ ކީހާ މުހިއްމު އެއްޗަކަށް ވާނެ ތޯއެވެ.

ވީމާ، އަޅުގަނޑުގެ ނަޒަރުގައި ކުންނާރުގަހަކީ އެގަސް ހެއްދުމަށް އަޅުގަނޑުމެން ޚާއްޞަ ސަމާލު ކަމެއް ދޭންވީ ގަހެކެވެ. ރަށްރަށުގައިވާ ހުސްބިންތަކުގައިވެސް ކުންނާރުގަސް ހެއްދިދާދެނެ އެވެ. އޭރުން ފޫހި ފިލުވާލުމަށްވެސް ކާލާނެ މޭވާއެއް ހުންނާނެ ނޫންހެއްޔެވެ؟ 

No comments:

Post a Comment