Monday, May 18, 2020

މުޙައްމަދު އަމީން ދީދީ

މުޙައްމަދު އަމީން ދީދީ


ސުކޫލު ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތު


ޙަސާޒިމް | 18 މެއި 2020 | ޒިމްސް ދަރުބާރު




އަލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު މަޝްހޫރު ނަމުންނަމަ، މުޙައްމަދު އަމީނު ދީދީ އަކީ ދިވެހިރާއްޖޭގެ މަޝްހޫރު ސިޔާސީ ބޭފުޅެކެވެ. އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަގަ ކޮށްލެވޭ މުޙައްމަދު އަމީން ދީދީ އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާގެ އެވެ. މުޙައްމަދު އަމީން ދީދީ ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖޫމްހުރީއްޔާ ކަމުގެ މަޤާމު 1 ޖެނުއަރީ 1953 އިން 21 އޯގަސްޓް 1953 އަށް ކުރައްވާފައެވެ. އަދި މުޙައްމަދު އަމީން ވަނީ މަޖީދިއްޔާ ސުކޫލުގެ ޕުރިންސިޕަލްކަން ވެސް  1946 އިން 1953 އަށް ކުރައްވާފައެވެ.

މުޙައްމަދު އަމީން ދީދީ އަކީ ރާއްޖޭގައި ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ރައްޔިތުންގެ މުތަގައްދިމް ޕާޓީގެ ލީޑަރެވެ.  މުޙައްމަދު އަމީން ދީދީ އަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ޒަމާނީ ކަންކަން ތަޢާރަފުކޮށް އަންހެނުންގެ ކުރިއެރުމާއި ރާއްޖޭގެ ރައްޔިތުންނަށް ތަޢުލީމް އުންގަންނައި ދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މުޙައްމަދު އަމީންގެ ދައުރުގައި ކުރެއްވި މުހިއްމު ކަންތައް ތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ޤައުމީ ފެންވަރުގައި މަސް ބޭރު ކުރަން ފެށުމާއި އަދި ދުންފަތް މަނާކުރުން ހިމެނެއެވެ.

މުޙައްމަދު އަމީން ދީދީ ގެ ބައްޕާފުޅަކީ އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނެވެ. އަދި މަންމާފުޅަކި ރޯނުގޭ އައިޝަތު ދީދީ އެވެ.  މުޙައްމަދު އަމީން ދީދީ ގުޅިފައިވަނީ މަޝްހޫރު ހުރާ ދަރިފަސްކޮޅާއި އެވެ.  1920 ވަނަ އަހަރު މުޙައްމަދު އަމީން ދީދީ ތަޢުލީމް ހާސިލް ކުރެއްވުމަށްޓަކައި ސިލޯން (މިހާރުގެ ސްރީލަންކާ) އަށް ވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން މަތީ ތަޢުލީމް ހާސިލް ކުރެއްވުމަށްޓަކައި އިންޑިއާ އަށް ވަޑައިގެންނެވިއެވެ. ސްރީލަންކާގައި މުޙައްމަދު އަމީން ކިޔަވާ ވިދާޅުވެ ލެއްވީ އެސް.ޓީ ޖޯސެފްސް ކޮލެޖުންނެވެ. އިންޑިއާ އަށް ވަޑައިގެންނެވިތާ 1 އަހަރު ފަހުން އެނބުރި ރާއްޖެއަށް ވަޑައިގެންނެވިއެވެ.
އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ފަހު ސަރުކާރުގެ މަތީ މަޤާމުގެ ތަކެއް އަދާ ކުރެއްވެވިއެވެ. އޭގެތެރޭގައި ކަސްޓަމުގެ ޗީފް އޮފްސަރުކަމާއި، ހެޑް އޮފް މޯލްޑިވްސް ޕޯސްޓް އޮފީހުގެ މަޤާމާއި މިނިސްޓަރ އޮފް ޓްރޭޑްގެ މަޤާމާއި ދިވެހި ރާއްޖޭގެ ފުރަތަމަ އުފެދުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ހިމެނެއެވެ.

މުޙައްމަދު އަމީން ދީދީ އަވަހާރަވެފައި ވަނީ މާލެ އަތޮޅު ވިހަމަނާ ފުށްޓަށް އަރުވާލެވިފައި ވަނިކޮށް 19 ޖެނުއަރީ 1954 ވަނަ އަހަރުގައެވެ.

ރައްޔިތުންގެ ތާއީދާއި އެކު ދިވެހިރާއްޖޭގައި 812 އަހަރުވަންދެން ހިނގަމުން އައި ރަސްކަން ނިންމާ ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް 1 ޖެނުއަރީ 1953 ވަނަ އަހަރު މުޙައްމަދު އަމީން ދީދީ އައްޔަނު ކުރެވުނެވެ.

ސުލްތޯން މަޖީދު ދީދީ އާއި އެމަނިކުފާނުގެ ދަރިކަލުން ޙަސަން ފަރީދު ދީދީ އަވަހާރަ ވުމުން ދެން ދިވެހިރާއްޖޭގެ ރަސްކަން ކުރައްވާނެ ބޭކަލަކީ މުޙައްމަދު އަމީން ދީދީ ކަމަށް ޤާނޫނު ހަދާ މަޖިލީހުން ކަނޑައެޅިއެވެ. އެހެންނަމަވެސް މުޙައްމަދު އަމީން ދީދީ ވިދާޅުވީ ދިވެހި ރައްޔިތުންގެ ޙައްޤުގައި ދިވެހި ތަހުތާއި ތާޖު ބޭނުން ނުވާކަމަށެވެ.  އެހެން ކަމާއި އެކު ދިވެހިންގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނަގާ ދިވެހިރާއްޖެ ޖުމްހުރީއްޔާތަކަށް ބަދަލުވިއެވެ. އެހެންނަމަވެސް މާލޭގެ ރައްޔިތުން ވެރިކަމާއި މެދު ނުރުހި މުޙައްމަދު އަމީން ދީދީ ބޭސް ފަރުވާއަކަށް ސިލޯން އަށް ވަޑައިގެން ހުންނަވަނިކޮށް ވެރިކަން ބަދަލު ކުރުމަށް ނިކުތެވެ. އަދި ހަމަ އެ ހިނދުގައި ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅު ތަކުގެ މީހުން ޔުނައިޓެޑް ސުވަދީބް ރިޕަބްލިކްގެ ނަމުގައި ވަކި ދައުލަތެއް އިއުލާން ކުރިއެވެ. މާލޭގެ ރައްޔިތުން މުޙައްމަދު އަމީންގެ ނައިބް ރައީސެއް ކަމުގައި ވެލާނާގޭ އިބްރާހިމް ދީދީ އިސްކުރިއެވެ. އަދި ސަރުކާރުގެ އެއްމެ އިސްވެރިޔަކީވެސް އިބްރާހިމް ދީދީ ކަމުގައި ހަމަޖެއްސިއެވެ. އަމީން ދީދީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ހިނގަމުންދިޔަ މިއިން އެއްވެސް ކަމެއްގެ ޚަބަރެއް އަމީން ދީދީ އަކަށް އެގިވަޑައި ނުގަންނަވައެވެ. އަދި މިކަންކަން އެނގިފައި ނުވުމާއިއެކު މުޙައްމަދު އަމީން ދީދީ އެނބުރި ރާއްޖެއަށް ވަޑައިގަތެވެ. މުޙައްމަދު އަމީން ދީދީ ރާއްޖެއަށް ހަމަ ވަޑައިގަތުމާއިއެކު އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދޫނިދޫއަށް ގެންދެވުނެވެ. އަދި ސަރުކާރުގެ ދަށުން ބަލަހައްޓަމުން ގެންދެވިއެވެ. އެހެންނަމަވެސް ދޫނިދޫގައި ހުންނެވިއިރު ކަންކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާއާއި މެދު ކަންކުރަން ޖެހޭ ގޮތަށެވެ.

މުޙައްމަދު އަމީން ދީދީ ދޫނީދޫއަށް ގެންދެވުނުތާ ހަތަރުމަސް ދުވަސް ފަހުން އިބްރާހިމް ހިލްމީ ދީދީ އާއި މުޙައްމަދު އަމީން ދީދީ އާއި ދެމެދު ސިއްރިއްޔާތުގެ ސިޓީއެއް ބަދަލު ކުރެވުނެވެ. މި ސިޓީގެ ބޭނުމަކީ އުފެދިފައިވާ އިންޤިލާބީ ވެރިކަން ނިމުމަކަށް ގެނެސް އަލުން ރާއްޖޭގައި ރަސްކަމެއް ޤާއިމު ކުރުމެވެ. އަދި މި ރަސްކަމުގެ ރަސްކަލަކީ އިބްރާހިމް ހިލްމީ ދީދީ ކަމަށާއި އަމީން ދީދީ އަކީ ބޮޑު ވަޒީރު ކަމުގައި ހަމަ ޖެއްސުމަށް ވާހަކަ ދެކެވިފައި ވެއެވެ. އެއްރެޔަކު މުޙައްމަދު އަމީން މާލެ ވަޑައިގެންނެވި އެވެ. އަދި ބަނޑޭރިގޭގެ ކޮންޓްރޯލް ނަންގަވާ މާލޭގެ ރައްޔިތުން ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް އެކަމުގެ ތެރޭގައި ހަމަ ނުޖެހުން ހިނގާ މުޙައްމަދު އަމީންނަށް ވަރަށް ބޮޑަށް އަނިޔާ ކުރުމަށްފަހު މާލޭ ފަޅުތެރޭގައި އޮތް ބޮއްކުރާ އަށް މުޙައްމަދު އަމީން ދީދީ އެއްލަވަވާ ލެއްވިއެވެ.

އޭގެ ފަހުން މުޙައްމަދު އަމީން ދީދީ އާއި އެކުގައިވި އިބްރާހިމް ހިލްމީ ދީދީ އާއި ޝަމްސުއްދީން ހިލްމީއާއި މުޙައްމަދު އަމީން ދީދީ އަރުވާލުމަށް ހުކުމް ކުރިއެވެ. އެގޮތުން މުޙައްމަދު އަމީން ދީދީ ކ.އަތޮޅު ގާފަރަށް އަރުވާލިއެވެ.  އަދި އޭގެ ފަހުން މާލެ އަތޮޅު ވިހަމަނާފުށި މިހާރުގެ ކުރުނބާ ވިލެޖް އަށް ގެނެވުނެވެ. އަދި އެރަށުގައި ހުންނަވަނިކޮށް 19 ޖެނުއަރީ 1954 ވަނަރަ އަހަރު އަވަހާރަ ވިއެވެ. މުޙަމަދު އަމީނު ފަސްދާނު ލެވިފައިވަނީ އޭރުގެ ވިހަމަނާފުށި މިހާރުގެ ކުރުނބާ ވިލެޖް ރިސޯޓްގައެވެ.

މުޙައްމަދު އަމީން ދީދީ ދިވެހިރާއްޖެއަށް ޖުމްހުރީ ވެރިކަމާއި ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތާއި އެކު މިއަދުވެސް މުޙައްމަދު އަމީން ދީދީ އަކީ ދިވެހިންގެ މެދުގައި މަޤުބޫލު ފަރާތެކެވެ. އަދި މިހާރުވެސް އެމަނިކުފާނުގެ އަގު ވަޒަންކޮށް އެކަންކަން ފާހަގަ ކުރަމުން ގެންދެއެވެ.     

No comments:

Post a Comment