Tuesday, August 18, 2026

ހުއްދަނޫން ނުވަތަ ނަހީ ކުރެއްވިއްގެންވާ ވިޔަފާރި.

ޙަސަން ޢާޒިމް - ޒިމްސް ދަރުބާރު - 18 އޯގަސްޓް 2026


އިސްލާމީ ޝަރީއަތުގައި ވިޔަފާރިއާއި މުދާ ހޯދުމުގައި ގަނެވިއްކާ އެއްޗިއްސަކީ ގަނެވިއްކުމުގެ ކުރިން ﷲ ޙަލާލުކުރައްވާ ތަކެތިކަން ދެނެގަންނަން ޖެއެވެ. ރިޒުޤު ހޯދުމާއި ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގައި ކޮންމެ ކޮންމެ އެއްޗެއް ބޭނުންކޮށް އޭގެ ފައިދާ ހޯދުން މުސްލިމުންގެ މައްޗަށް ހުއްދަވެގެންނުވެއެވެ.  އެވިއްކާލެވޭ އެއްޗަކީ ވިއްކުމަށް އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ އެއްޗެއްތޯ ބަލަންޖެހެއެވެ.

 

 އެހެންކަމުން މާތް ﷲ މުއުމިންތަކުންނަށް އަންގަވަނީ އެކަލާންގެ ދެއްވި ޙަލާލު ރަނގަޅު ތަކެތިން ކައިބޮއެ އުޅުމަށެވެ. އެހެންނަމަވެސް އެ ކުރާ މުޢާމަލާތުގެ ސަބަބުން ކުރުން ޙަރާމް ވިޔަފާރިތަކާއި އަދި ވިއްކާލާ އެތީގެ ޒާތުން ޙަރާމްވާ ވިޔަފާރީގެ މުޢާމަލާތްތައްވެސް ވެއެވެ.

 

އެގޮތުން މާތް ﷲ ސުބުޙާނަހޫ ވަޠަޢާލާ ވަނީ ބައެއް ތަކެތި ގަނެވިއްކުން މުސްލިމުންގެ މައްޗަށް ހަރާމް ކުރައްވަވާފައެވެ. އެފަދަ އެއްޗިއްސަކީ އޭގެ ޒާތުގައިވެސް ގަނެއްވިއްކުން ޙަރާމް ވެގެންވާ އެއްޗިއްސެވެ. އެގޮތުން އަންނަނިވި އެއްޗެހި އިސްލާމްދީނުގައި ގަނެވިއްކުން ހަރާމް ވެގެންވެއެވެ.

1.    ބަނގުރާ. 2. އަޅުކަންކުރަން ހަދާފައި ހުންނަ ބުދު. 3. މުޅަތަކެތި. 4. އޫރު (އޫރުމަސް). 5. ލޭ ( އޮހޮރޭ ލޭ) 6. ކުއްތާ. 7. ބުޅާ. 8. މިއުޒިކު ކުޅޭ ސާމާނު ހިމެނެއެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވަވާ އަންގަވާފައި ވަނީ މިފަދައިންނެވެ. 

﴿ حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ ﴾  (٣) މާނައީ: "މުޅަތަކެއްޗާއި، (އޮހޮރޭ) ލެޔާއި، އޫރުމަހާއި، ﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރާލާ ތަކެއްޗާއި، ޖަހާ މަރާލާ ތަކެއްޗާއި، އުސްތަނަކުން މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅު ޖަހައިގެން މަރުވާ ތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެތި، ތިޔަބައިމީހުންގެ މައްޗަށް ޙަރާމް ކުރައްވާފައި ވެއެވެ."[1]

އަދި މިނޫނަސް އެއެއްޗެއް ގަނެ އޭގެ ސަބަބުން އިންސާނުންނަށް ގެއްލުމެއް ލިބިދާނެ އެއްޗިއްސާއި އިންސާނުނަށް ގެއްލުންދޭ ޖަނަވާރާއި ދޫނި ސޫފާއި ސޫފި ގަނެވިއްކުމަކީ އިސްލާމްދީނުގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. 

 

މާތް ﷲ މުއުމިންތަކުންނަށް އަންގަވަނީ އެކަލާންގެ ދެއްވި ޙަލާލު ރަނގަޅު ތަކެތިން ކައިބޮއެ އުޅުމަށެވެ. އިސްލާމްދީނުގައި ބައެއް މުޢާމަލާތްތައް ޙަރާމް މުޢާމަލާތްތައް ކަމުގައި ނުވަތަ ބާޠިލް މުޢާމަލާތެއް ކަމުގައި ވެގެންދަނީ ވިއްކާލެވޭ ނުވަތަ ގަނެވޭ އެތީގެ ބާވަތުންނެވެ. އަނެއްބައިފަހަރު ޙަލާލު ކުރެއްވި ތަކެތިވެސް އެތަކެއް ހޯދުމުގައި ޢަމަލު ކުރާ ގޮތަކުން އެއީ ޙަރާމް ތަކެތި ކަމުގައި ވެގެންދެއެވެ. 

އެގޮތުން އަންނަނިވި ސަބަބުތަކަށްޓަކައި އެ މުޢާމަލާތްތައް ޙަރާމް ވެގެންވެއެވެ. 

1.    އިސްލާމް ދީނުގައި ނަޖިސްތަކެތީގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ތަކެތި ގަނެވިއްކުން.

2.    މިއުޒިކު ކުޅޭސާމާނާއި ޖުވާ ކުޅުމަށް ބޭނުންކުރާ އާލާތްތައް ގަނެވިއްކުން

3.    އެކަމެއްގައި ރިބާ ހިމެނޭ މުޢާމަލާތްތައް ކުރުން.

4.    އެތަކެތީގައި މަކަރާއި އޮޅުވާލުން ހިމެނިގެންވާ މުޢާމަލާތްތައް ކުރުން

5.    އަދި މިނޫން ސަބަބުތަކާއި ހުރެވެސް އެ މުޢާމަލާތަކީ އިސްލާމީ ޝަރީޢާ ހުއްދަ ނުކުރާ ޙަރާމް މުޢާމަލާތަކަށްވެގެން ވެގެން ހިނގައިދާނެއެވެ.

މިސާލެއްގެ ގޮތުން އިސްލާމްދީން އައުމުގެ ކުރިން ރިބާއަށް މުދަލާއި ފައިސާދީގެން އޭގެ ފައިދާ ހޯދުމަކީ މައްސަލައެއްކަމުގައި މީސްތަކުން ނުދެކެއެވެ. އަދި އިސްލާމްދީން އައުމަށް ފަހުގައިވެސް އޭގެ ޙުކުމް ބާއްވާލައްވައިފުމަށް ދާންދެން މީސްތަކުންދިޔައީ ރިބާގެ މުޢާމަލާތްތައް ކުރަމުންނެވެ.   އަދި މީސްތަކުންވަނީ ވިޔަފާރިއާއި ރިބާ އޮޅުވާލާފައެވެ. އެހެންނަމަވެސް އިސްލާމްދީން އައުމާއިއެކު ރިބާއާއި ވިޔަފާރީގެ ޙުކުމް ﷲ ބަޔާންކުރައްވަވާ އެންގެވިއެވެ.

މާތް ﷲ ވަޙީކުރައްވާފައިވަނީ:  ﴿وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا﴾ (  سورة البقرة ٢٧٥)

މާނައީ: "ވިޔަފާރިކުރުންވަނީ ﷲ ހުއްދަ ކުރައްވާފައެވެ. އަދި ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ."[2]

ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންނަށް ވަކިއެއްޗެއް ކައިބޮއެއުޅުން ޙަރާމް ކުރައްވައިފިނަމަ އެއެއްޗަކުން މުޢާމަލާތު ކުރުންވެސް ޙަރާމްވާހުއްޓެވެ. އެއީ އެ ބޭނުން ކުރުމާއި އަދި ވިއްކައިގެން ފައިދާ ހޯދުން ކަމުގައިވިޔަސްމެއެވެ.

މާތް ނަބިއްޔާ މުޙައްމަދު  ހަދީޘް ކުރައްވާފައިވެއެވެ. (إِنَّ اللَّهَ إِذَا حَرَّمَ عَلَى قَوْمٍ أَكْلَ شَىْءٍ حَرَّمَ عَلَيْهِمْ ثَمَنَهُ) [3]

މާނައީ: " ހަމަކަށަވަރުން ﷲ ބައެއްގެ މައްޗަށް އެއްޗެއް ކެއުން ޙަރާމްކުރައްވައިފިނަމަ، އެބައެއްގެ މައްޗަށް އެވިއްކައިގެން ލިބޭ ފައިދާ ޙަރާމްކުރެއްވިއެވެ."[4]

ޢާޚިރަތައް މީސްތަކުން މިކުރާ ދަތުރުގައި ސާބިތުކަންމަތީ ތިބުމުގައި މީސްތަކުންނަށް ކުރިމަތިވާ އެއްމެ ބޮޑު ފިތުނައަކީ މުދަލުގެ ފިތުނައެވެ. އަދި އެކަމަކީ މާތް ނަބިއްޔާ  މި އުންމަތާއިމެދު އެއްމެ ބޮޑަށް ކަންބޮޑުވެ ވަޑައިގެންނެވި ކަންތައްވެސް މެއެވެ.  މީސްތަކުންނަށް ޙަލާލުގޮތުގައި ރިޒުޤު ހޯދުމުގެ މަގުތައް ލައްވަވާފައިވީނަމަވެސް އެބައިމީހުން ހުދޫދުތައް ފަހަނައަޅާގޮސް މުދާ ހޯދުމަށް ޙަރާމެއް ޙަލާލެއް ނުބަލާ އެކަމުގައި ޣާފިލުވެދާނެކަމަށްޓަކައި މާތް ނަބިއްޔާ ކަންބޮޑުވެ ވަޑައިގެންނެވިއެވެ. އެގޮތުން އެކިއެކި ނަންނަމުގައި އެކަލޭގެފާނު ނަހީ ކުރައްވެވި ކަންކަން އާއްމުވެހިނގައިދާނެ ކަމަށްޓަކައިވެސް ހިތާމަފުޅުކުރެއްވެވިއެވެ.

ރަސޫލުﷲ  ޙަދީޘް ކުރެއްވިކަމަށް އަބޫ ހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީސްއެއްގައި ވެއެވެ.  ( لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ لاَ يُبَالِي الْمَرْءُ بِمَا أَخَذَ الْمَالَ، أَمِنْ حَلاَلٍ أَمْ مِنْ حَرَامٍ )[5]

މާނައީ: " މުދާ ހޯދީ ޙަލާލު ގޮތުގައިތޯ ނުވަތަ ޙަރާމާ ގޮތުގައިތޯ ބަލައި ނުލާ ޒަމާނެއް މީސްތަކުންނާ ބައްދަލު ކުރާނެކަން ކަށަވަރެވެ."[6]

މިއަދު މީސްތަކުން ދުނިޔޭގެ އެދުންތަކަށް އަޅުވެތިވެ މުދާހޯދުމުގައި ޙަލާލެއް ޙަރާމެއް ނުބަލާ ޣާފިލުވެފައިވާ މިންވަރަށް ބަލާލުމުން މި ޙަދީޘްފުޅުގެ ތެދުކަން ކިތައްމެހާރަނގަޅަށްވެސް ހާމަވެއެވެ. މީސްތަކުންގެ މުދާތައް ނުޙައްޤުންފޭރުމާއި ވިޔަފާރީގެ ނަމުގައި ތަފާތު ނަންތައްކިޔާ ރިބާ އާއި ޖުވާއާއި ފާޚިޝް ނުބައި ޢަމަލުތަކުން މީސްތަކުންދަނީ އާމްދަނީ ހޯދަމުންނެވެ. މި ޙަދީޘް ފުޅަށް ބާރު ލިބިގެންދަނީ  ކީރިތި ޤުރުޢާނުގައި މާތް ﷲ ވަހީކުރައްވަވާ އަންގަވާފައިވާ މި އާޔަތުންނެވެ. އެކަލާންގެ ވަޙީކުރައްވަވާފައިވެއެވެ.

﴿ يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُّضَاعَفَةً (سورة آل عمران ١٣٠)

މާނައީ:  " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން ރިބާނުކާށެވެ!"[7]

މި އާޔަތާއިމެދު ވިސްނާލުމުން އެނގިގެންދަނީ މީސްތަކުންގެ ދުނިޔޭގެ މުދާ ހޯދުމުގައި ޙަލާލެއް ޙަރާމެއް ނުބަލާ އެކަމުގައި ޣާފިލުވެގެންދާނޭކަމެވެ. އެހެނީ ރިބާއަކީ ﷲ ޙަރާމް ކުރައްވަވާފައިވާ އެއްޗެކެވެ. އަދި ރިބާ އާއްމުވެގެން އައުމަކީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިން އެއް ޢަލާމާތެވެ. އަދި ރިބާ ގެ މަންފާ ހޯދާ މީހުންނަކީ މުއުމިނުންގެ ތެރެއިން ބޭރުވެގެންވާ މީހުންކަމަށް ޤުރުއާނުން ދަލީލުކޮށްދެއެވެ.

 

ރިބާ ކާމީހުންނާއިމެދު ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަވާފައިވަނީ:
﴿  يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ  ( سورة البقرة ٢٧٨ )

މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން މުއުމިނުންކަމުގައިވާނަމަ، ރިބާގެތެރެއިން ބާކީ (ލިބޭން) ހުރިއެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!"[8]

 

މި އާޔަތުގެ މާނައާއިމެދު ވިސްނާލާއިރުވެސް އަޅުގަނޑުމެންނަށް އެނގިގެން ދަނީ ރިބާގެ އެއްވެސް މިންވަރެއް މުއުމިނަކަށް ހުއްދަވެގެން ނުވާނޭ ކަމެވެ. އަދި މުއުމިނުން ކަމުގައި ވާނަމަ ރިބާގެ މުޢާމަލާތްތައް ނުކުރާނޭކަމެވެ. މިހެންކަމުން ވިޔަފާރީގެ ނަމުގައި ކުރިނަމަވެސް ރިބާގެ މުޢާމަލާތްތައް ވާނީ ބާޠިލު އަދި ޙަރާމް ވިޔަފާރިއެއްކަމުގައެވެ. އަދި އެއިން ލިބޭއެއްވެސް ހަރާމްވާނެއެވެ.

 

ރަސޫލު ޙަދީޘް ކުރެއްވިކަމަށް ޞަޙީޙު މުސްލިމުގައިވެއެވެ. ( آكِلَ الرِّبَا وَمُوكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ ‏)[9]

މާނައީ:  " ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް رسول الله صلى الله عليه وسلم ލަޢްނަތް ލެއްވިއެވެ"[10]

މިހެންކަމުން ﷲ އާއި ރަސޫލު  ނަޙީކުރައްވަވާފައިވާ އަދި ލަޢުނަތް ލައްވަވާފައިވާ މިފަދަ އެއްމެހާ ކަންކަމުން މުސްލިމުން ދުރުހެލިވެގެން މެނުވީ އާޚިރަތުގެ ބާއްޖަވެރިކަމެއް ނުލިބޭނެއެވެ.



[1] ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ސޫރަތުލް މާއިދާ: 3، ކުރީގެ މަރުޖިޢު، ޞ 215.

[2] ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ސޫރަތުލް ބަޤަރާ 275، ކުރީގެ މަރުޖިޢު، ޞ 94.

[5] ސަހީހު އަލް ބުޚާރީ ، ޙަދީޘް 2083، "ކިތާބު އަލް އަލް ބައިޢު" ސުންނާ.ކޮމް 

https://sunnah.com/bukhari:2083 ( މަޢުލޫމާތު ނެގީ. 06 މާރިޗް 2021)

[6] އައްޝެއިޚް އަޙްމަދު ނާޒިމް މުޙައްމަދު، "ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 59 “ރިބާ ޢާންމުވުން"

" ދިސަލަފިއްޔާ.ނެޓް، (3 ނޮވެމްބަރ 2015)،  https://dhisalafiyyah.net/article/23988 (މަޢުލޫމާތު ނެގީ. 06 މާރިޗް 2021)

[7] ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ސޫރަތުލް އާލް ޢިމްރާން 130، ކުރީގެ މަރުޖިޢު ޞ 134.

[8] ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ސޫރަތުލް ބަޤަރާ 278، ކުރީގެ މަރުޖިޢު ޞ 94.

[9] ޞަހީހު މުސްލިމް، ޙަދީޘް 1598، "ކިތާބު އަލް މުސާޤާ" ސުންނާ.ކޮމް

https://sunnah.com/muslim:1598 (މަޢުލޫމާތު ނެގީ. 07 މާރިޗް 2021)

[10] މުސާ ޝަހީމް، "ރިބަވީ ބޭންކާއި އިސްލާމީ ބޭންކް" އިހަވަންދޫ ޑޮޓްކޮމް (09 މާރިޗް 2013)

   http://165.227.193.31/site/?v=362 (މަޢުލޫމާތު ނެގީ. 07 މާރިޗް 2021)

 




 

No comments:

Post a Comment