Wednesday, June 17, 2020

ޗައިލްޑް ގްރޫމިންގ

ޗައިލްޑް ގްރޫމިންގ

ޙަސާޒިމް | ޒިމްސް ދަރުބާރު | 17 ޖޫން 2020

-----------------------------------------------------------------------------------------------------


ފޮޓޯ އިންޓަނެޓުން ނެގިފައި

ޗައިލްޑް ގުރޫމިންގ ނުވަތަ ކުޑަކުދިން ގްރޫމް ކުރުމަކީ ކޮބައިކަން ހުރިހާ ބެލެނިވެރިންނާއި މައިންބަފައިންވެސް ދެނެގަނެ އެކަމަށް ސަމާލުވާން އެބަޖެހެއެވެ. ޒިންމާދާރު މަޤާމުތަކާއި އުނގަންނައި ދިނުމާއި ތަރުބިއްޔަތުގެ މައިދާނުގައި ތިއްބެވި އެއްމެހާ ބޭފުޅުން މިކަންކަން ސާފުކޮށް ބެލެނިވެރިންނަށް ކިޔާދޭން އެބަޖެހެއެވެ.

 

ޗައިލްޑް ގުރޫމިންގ އަށް ބަލާލަމާތޯއެވެ. ޗައިލްޑް ގުރޫމިންގ އަކީ ޓެކްނޮލޮޖީގެ މިޒަމާނުގައި ވަރަށް އާއްމުވެ ބޮޑުވެފައިވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ނޭންގި ތިއްބާ ކުޑަކުދިން ނުރައްކަލަށް ހުށައެޅިގެންދާ ކަމެކެވެ. ކުށްކުރާ މުޖުރިމުންނަކީ އެމީހުންގެ ޖަރީމާތައް ހުރިހާ ދިމާލެއްގައިވެސް ހިންގާ މީހުންނެވެ. އެގޮތުން މިޒަމާނު ސޯސަލް މީޑިއާ އަކީ މުޖުރިމުންވެސް އެއްމެ ބޮޑަށް ހަރަކާތްތެރިވާ އެއްތަނެވެ. އަދި އެމީހުންގެ ޖަރީމާތައް ސޯސަލް މީޑިއާ މެދުވެރިކޮށްގެން ފުޅާކުރަމުންދެއެވެ. ކުޑަކުދިން ރޭޕްކުރުމާއި ޖިންސީ ގޯނާ ކުރުމާއި މަސްތުވާ ތަކެތި ބޭނުން ކުރުމާއި މިހެން ގޮސް ތަފާތު ކުށްތައް ކުރާ ވާހަކަ އަކީ މިއަދު އަޅުގަނޑުމެންގެ ކަންފަތް ތަކަށް ކެނޑި ނޭޅި އިވެމުންދާ ވާހަކަތަކެވެ. އެހެންނަމަވެސް މިކަންކަން މެދުވެރިވާން ދިމާވާ ސަބަބު ތަކާއިމެދު ވިސްނާލަނީ އަޅުގަނޑުމެންގެ ތެރެއިން މަދު ބައެކެވެ. އަޅުގަނޑުމެންނަށް ރެޔަކާލާއިރު އޮންނަނީ އަތު ނުޖެހޭ ހިސާބަށް ކަންކަން ގޮސްފައެވެ.

 

ސޯސަލް މީޑިއާ ގައި ހަރަކާތްތެރިވާ ބައެއްމީހުންނަކީ އެމީހުން ކުރާ ކުށްތަކަށް ޝިކާރަ ކުރާނެ މީހުން ހޯދުމަށް މަސައްކަތް ކުރާ މުޖުރިމުންނެވެ. ވަރަށް ގިނަފަހަރު މިފަދަ މުޖުރިމުންގެ ޝިކާރައަށް ވެގެންދަނީ ހޭނުޖެހޭ ކުޑަކުދިންނެވެ. އަޅުގަނޑުމެން ދަރިންދެކެ ވާލޯބިން އެދަރިން ބޭނުން ކޮންމެ އެއްޗެއް ހޯދާދެމެވެ. އެގޮތުން މޯބައިލް ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ހޯދާދީ އެކުދިންނަށް ސޯސަލް މީޑިއާގެ ވަސީލަތްތައްވެސް ބޭނުން ކުރެވޭގޮތް ހަދާދެމެވެ. އެތަކެތި ހޯދާދިނުމަށްފަހު އެކުދިން އެތަކެތި ބޭނުންކުރަނީ ކިހިނެތްތޯ އެކުދިން ކުރާނީ ކީއްތޯ ބަލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މައިންބަފައިން ކިތައް ބެލެނިވެރިންތޯއެވެ؟

 

އިންސާނާގެ ނަފްސަކީ އެއްމެ ކުޑައިރުންފެށިގެންވެސް ހެޔޮކަންތަކަށްވުރެ ބޮޑަށް ދުނިޔެވީ އެދުންތަކާއި ޝަހުވާނީ ކަންކަމަށް އަވަހަށް ހިތްލެނބޭ ނަފްސެކެވެ. ޝަހުވާނީ ނުބައި ޖަރީމާތައް ހިންގާ ޖިންސީ ގޯނާ ކުރާ ފަރާތްތަކުން އަބަދުންވެސް އެމީހުންގެ ޝިކާރައަކަށް މީހުން ހެދޭނެ ގޮތްތައް ތިބެނީ ބަލަބަލައެވެ. އެގޮތުން ސޯސަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރާ ކުދިންނާއި ވާހާކަ ދައްކައިގެން މަޑުމަޑުން އެކުދިން ޝަހުވާނީ އެދުންތަކަށް ހިތް ޖައްސުވައެވެ. އަދި އާޚިރުގައި އެކުދިންލައްވާ އެކުދިންގެ ލަދުވެތި ގުނަވަންތައް ހާމަކުރުވުމަށް ފަހު ބްލެކްމެއިލް ކޮށް އެމީހުން ބޭނުންވާ ކަންތައްތައް ކުރުމަށް މަގު ފަހި ކުރެއެވެ. ކުއްޖާއަށްވެސް މި ކުރެވުނީ ކުށެއްކަން އެނގެނީ އެކަން ކުރެވޭ ފަހުންނެވެ. ދެން ކުރެވުނު ކުށުގެ ބޮޑު ކަމުން މައިންބަފައިން ނާއި ނުވަތަ ބެލެނިވެރިންނާއި އެވާހަކަ ދެއްކުމަށް ޖެހިލުންވެ އެކަން ސިއްރު ކުރަން ފަށައެވެ. މިފަދަ ކަންކަމުގެ ޝިކާރައަށް ވާކުދިން އެއްމެފަހުން އެކަމާއި ފިކުރު ބޮޑުވެ ނަފްސާނީ ގޮތުން ބަލި ކުދިންނަށް ބަދަލުވެގެން ދެއެވެ.

 

ވީމާ އަޅުގަނޑުމެން ދަރިންނަށް ކުޑަކުދިންނަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދާދޭއިރު އެކަމަށް އަޅުގަނޑުމެންނާއި އެކުދިންވެސް ހޭލުންތެރި ކުރުވަން ޖެހެއެވެ. ދަރިންނާއި މައިންބަފައިންނާއި އޮންނަ ގުޅުން ގާތްކޮށް ހަރުދަނާކުރަން ޖެހެއެވެ. ކުދިންގެ މިޒާޖަށް ބޮޑެތި ބަދަލުތައް ގިނަފަހަރު އަންނަނީ އަޅުގަނޑުމެންނަށް ނޭންގި ދިމާވާ އެކިއެކި ހާދިސާތަކާއި ގުޅިގެންނެވެ. އަޅުގަނޑުމެންގެ ދަރިންނަކީ މުޖުރިމުންގެ ޝިކާރައަށް ވިޔަ ނުދެމާތޯއެވެ.

 

 






No comments:

Post a Comment