ލޯބިން
ބައްދާލުން
ޙަސާޒިމް
| ޒިމްސް ދަރުބާރު | 18 ޖޫން 2020
ބެއްދުމަކީ ދިވެހި ބަހުގައި ތަފާތު އެތައް މާނައެއްގައި
ބޭނުންކުރެވޭ ބަހެކެވެ. އޭގެތެރެއިން އެއް މާނައަކީ މީހެއް ނުވަތަ އެއްޗެއްގައި އޮޅުލައިގަތުމެވެ.
އަޅުގަނޑު މިލިއުން އަމާޒު ކުރަން ގަސްތު ކުރަނީވެސް އޮޅުލުން ނުވަތަ މީހެއްގެ
ގައިގާ ލޯބިން ބައްދާލުމަށެވެ.
ބެއްދުމަކީ ނުވަތަ ބައްދާލުމަކީ ތިމާގެ ހިތުގައި
އަނެކާއަށް އޮތް ލޯބި ހާމަކޮށްދޭ ކަމެކެވެ. އަދި އެއީ ތަފާތު އިޙުޞާސްތަކެއް އެ
ބައްދާލާދެމީހުނަށް ގެނުވާ ކަމެވެ. ބެއްދުމުން ކުރާ އަސަރާއި އިޙުސާސް އެދެފަރާތެއްގެ
މެދުގައި އޮންނަ ގުޅުމެއްގެ މައްޗަށް ތަފާތުވެދާނެއެވެ. ލޯބިން މީހެއްގެ ގައިގާ
ބައްދާލުމަކީ ނަފްސާނީ ގޮތުންވެސް އެމީހަކަށް ތަފާތު އެތައްފައިދާ ތަކެއް ލިބޭ ކަމެއްކެވެ. ތިމާ ލޯބިވާ މީހާ ތިމާގައިގާ ލޯބިން ބައްދާލާ
ފިރުމާލުމަކީ އޭނާގެ ހިތުގައި ތިމާއަށްވާ ލޯތްބާއި އަދި އޭނާ ތިމާއަށް އަޅާލާ
އޯގާތެރިވާކަން އިޙްސާސް ކުރެވިގެންދާ ކަމެކެވެ.
ދެމީހަކު އެކުގައި އުޅޭއިރު ތަފާތު މައްސަލަތައްޖެހި ހިތްނުތަނަވަސްވާ
ފަހަރުވެސް އަންނާނެ އެވެ. މިފަދަ ހިތް ނުތަނަވަސްވުންތައްވެސް އެއްމެ ފަސޭހައިން
ފިލައިގެން ދާނެ އެއްކަމަކީ ތިމާ ލޯބިވާ މީހާގެ ފަރާތުން ތިމާގެ ގައިގާ ލޯބިން
ބައްދާލުމެވެ. ލޯބިން ބައްދާލުމަކީ އެކަކަށްޓަކައި އަނެކާގެ ހިތުގައިވާ ލޯބި އިތުރައް
ވަރުގަދަވެ ރުޅިވެރިކަން ނެތިކުރުވާ ކަމެކެވެ.
ލޯބިވާ މީހާގެ ފަރާތުން "ލޯބި ހަގެއް" ލިބުމަށް ކޮންމެ
މީހަކުވެސް އެދޭނެއެވެ. އަދި އެކަމަށް އެދެވޭ އިންތިޒާރު ކުރެވޭ ޚާއްޞަ ވަގުތުތައް
ވާނެއެވެ. ދަރިންގެ ގައިގަވެސް ލޯބިން ބައްދާލާ އެ ކުދިން ގައިގާ ފިރުމާލުމަކީ
އެކުދިންގެ ހިތުގައި މައިންބަފައިންނަށްވާ ލޯބި އިތުރުވެގެންދާ ކަމެކެވެ. އަދި
ހަމައެފަދައިން ދެމަފިރިން އެކަކު އަނެކަކަށް ވަކިވާ ވަގުތުގަ އާއި ބައްދަލުވާ
ވަގުތުގައި ލޯބިން ބައްދާލުމަކީ ދެމަފިރިންގެ ލޯބި އިތުވެގެންދާނެ ކަމެވެ.
މިސާލަކަށް ފިރިމީހާ އަކީ ވަޒީފާއަށްދާ
ފަރާތެއްކަމުގައިވާނަމަ އޮފީހަށްދާން ގެއިން ނިކުންނަމުން އަނބިމީހާއާއި ދަރިންގެ
ގައިގާ ލޯބިން ބައްދާލާ ބޮސްދިނުމަކީ ވަރަށް ޚާއްޞަވެގެން ދާނެ ކަމެކެވެ. އަދި
ގެއަށް އައުމާއިއެކުވެސް ފިރިމީހާ އަށް މަރުޚާބާ ކިޔަނީ ލޯބިން ބައްދާލުމަކުން ކަމަށް
ވެއްޖެނަމަ ހާސްކަމާއި ފިކުރުތައް ފިލައިގެންދާނެއެވެ.
ތިމާ ލޯބިވާ މީހާގެ ގައިގާ ލޯބިން ބައްދާލާ ފިރުމާލުމަކީ
އާދައަކަށް ހެދިއްޖެނަމަ ދެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ރަނގަޅު ބަދަލުތަކެއް
އަންނާނެއެވެ. ތިމާގެ ބައިވެރިޔާގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވިވަރަކަށް ތިމާއާއި
ބައިވެރިޔާއަށް އެކަމުން ލިބޭ އުފާ ބޮޑުވާނެއެވެ. އިންސާނާއަކީ އަބަދުވެސް
އޯގާތެރިކަމާއި ލޯތްބާއި އަޅާލުމަށް އެދިއެދި ހުންނަމީހެކެވެ. ކިތައްމެ ހިތްހަރު
މީހަކަސް ލޯތްބާއި އަޅާލުން ބޭނުންވާނެއެވެ.
ޚާއްޞަ ގޮތެއްގައި އަންހެނުންނަކީ އެބައިމީހުން ލޯބިވާ މީހާގެ ފަރާތުން ލޯތްބާއި
އަޅާލުން ވަރަށް ބޮޑަށް ބޭނުންވާ ބައެކެވެ. މި ލިއުން ކިއުމަށްފަހު ތިބާ ލޯބިވާ
ފަރާތަކަށް "ލޯބިން ހަގެއް" ދޭށެވެ. އަދި ލޯބިން ގައިގާ ފިރުމާލާށެވެ.

No comments:
Post a Comment