Thursday, June 11, 2020

ދޮރުގައި ޓަކި ދިނުން

ހަސާޒިމް | 11 ޖޫން 2020 | ޒިމްސް ދަރުބާރު















ޓަކި ދިނުން ނުވަތަ ޓަކި ޖެހުމަކީ ތަނަކަށް ވަނުމަށް ހުއްދައަށް އެދުމުގެ ގޮތުން ނުވަތަ އެތަނެއްގެ އެތެރޭގައިވާ މީހުނަށް އެތަނަކަށް މީހަކު އަތުވެއްޖެކަން އެންގުމުގެ ގޮތުން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ.

ޓަކި ޖަހަނީ އަތުގެ އިނގިލިތައް ކުޑަކޮށް ލަންބާލާ އިނގިލިތަކުގެ މެދު ބަދައިގެ ހަރުބައިން ވާގޮތަށެވެ. އެއްޗެހީގެ މޮޅުދެރަ ބެލުމަށްވެސް މީހުން ޓަކި ޖަހާ އުޅޭއެވެ.

ގެއެއްގެ ދޮރުގައި ޓަކިދޭނަމަ އެކަން ކުރާ މީހާގެ އަދަބުތަކެއް ހުންނަންވާނެއެވެ. އެހެނީ ގޯތި ގެދޮރަކީ ހުރުމަތްތެރި ކުރައްވާފައިވާ ތަންތަނެވެ. އަދި ގޭގެއަށް ޒިޔާރަތް ކުރުމުގައި އިސްލާމްދީނުގައި އަދަބު ތަކެއްވެސް ކަނޑަ އަޅުއްވާފައި ވެއެވެ. މިހެން ކަމުން ގޭގެއަށް ގޮސް ޓަކިދިނުމުގައި ވެސް އެ އަދަބުތައް ހުންނާނެއެވެ.

ޓަކި ދިނުމަކީ މަޖާޒީ ގޮތުންވެސް ބޭނުން ކުރެވޭ ކަމެކެވެ. ބައެއް ފަހަރު މީހުން ބުނެއެވެ. ތިބާގެ ނަސީބު އައިސް ދޮރުގައި ޓަކި ދޭނީ ކޮން އިރަކުން ކަމެއް ނޭންގޭނެެއެވެ. ހަމަ އެފަދައިން މަރު އައިސް ޓަކިދޭނެ ވަގުތެއްވެސް ނޭންގޭނެ ކަމުގައި މަޖާޒީ ގޮތުން ބުނެއުޅެއެވެ. އެއީ އެކަންކަމާއި ބަދައްލުވެ އޭނާގެ ސަމާލުކަން އެކަންކަމަށް ހުއްޓުމަށް ބުނެ އުޅޭ ބަސްބަހެއެވެ.

ހަމަ އެފަދައިން މިޒަމާނުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރާ ކަންކަމަށްވެސް ޓަކި ދިނުމޭ ބުނެވިދާނެއެވެ. މިސާލެއްގެ ގޮތުން، ފޭސްބުކު ފަދަ އެއްޗަކުން މީހަކަށް ފްރެންޑް ރިކުއެސްޓެއް ފޮނުވުންވެސް އެއީ މީހެއްގެ ގެއަށް ވަނުމަށް ޓަކިދިނުން ފަދަ ކަމެކެވެ.

ތިބާ މީހެއްގެ ގެއަށް ވަނުމަށް ޓަކި ދިނުމުން އެގޭގެ ވެރިމީހާ ތިބާ ގެއަށް ވެއްދުމުގެ ކުރިން ތިބާގެ ތަޢާރަފެއް ދިނުމީ ރިވެރި އަދަބެކެވެ. މިސާލަކަށް އޭނާ ތިބާގެ ނަމާއި ތިބާ އަކީ ކޮންރަށެއްގެ މީހެއްތޯ އަހަފި ނަމަ ތެދު ބަހުން ޖަވާބު ދިނުމީ ރިވެތި އަދަބު ތަކެވެ. އޭގެ ބަދަލުގައި އޭނާ ސުވާލު ކުރުމުން ނަން ބަލަނީ ކީއް ކުރަންހޭ، ވައްދަން ބޭނުން ނޫނީޔާ ނުވެއްދިޔަސް އެއްމެ ރަނގަޅޭ ބުނުމުން ދޭހަ ކޮށްދެނީ ތިމާގެ ކިބައިގައި ރިވެތި އަޚްލާޤެއް އަދި ކެތްތެރި ކަމެއްވެސް ނެތްކަމެވެ.

ވީމާ، މީހެއްގެ ގެއަށް ވަނުމަށް ނުވަތަ މީހެއްގެ ރަޙުމަތްތެރި އަކަށް ވުމަށް އެދޭ މީހާ އޭނާގެ އަމިއްލަ ތަޢާރަފެއް ދިނުމީ ރިވެތި އަދަބެކެވެ. އަދި އަނެކާގެ ހިތުގައި ތިމާ އަށް އިޙްތިރާމާއި ޤަދަރު އުފެދޭނެ ކަމެކެވެ.

No comments:

Post a Comment