މައްޔިތާ
ހިނެވުން
ޙަސާޒިމް
| ޒިމްސް ދަރުބާރު | 01 ޖޫން 2020
------------------------------------------------------------------------------
އިންސާނާ ހިނެވުން ވާޖިބުވާ ޙާލަތްތަކެއްވެއެވެ. އޭގެތެރެއިން
އަޅުގަނޑުގެ މި ލިއުމުގައި އަލި އަޅުވާ މިލަނީ ދިރިތީބީން ގެ މައްޗަށް ފަރުޟު
ކުރައްވާފައިވާ މައްޔިތާ ހިނެވުމާއި ބެހޭގޮތުންނެވެ. އަޅުގަނޑުގެ ނަޒަރުގައި މައްޔިތާ
ހިނެވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އެކަން ދަސްކުރުން ލާޒިމްވާނެ
ކަމެކެވެ. އެހެނީ މައްޔިތާ ހިނެވުމަކީ ދިރިތީބީން ގެ މައްޗަށް ވާ ކިފާޔަތުގެ
ފަރުޟެއް ކަމުންނެވެ. ކޮންމެވެސް ބަޔަކު އެކަން ނުކޮށްފިނަމަ އެއްމެން ފާފަވެރި
ވާނެކަމެކެވެ.
އިތުރުވާހަކަތަކަށް ނުގޮސް ވީހާވެސް ކުރުކޮށް އަދި
ތަފްޞީލުކޮށް މައްޔިތާ ހިނެވުމުގައި ކަންކުރަން ޖެހޭނެގޮތަށް ބަލާލާނަމެވެ.
މައްޔިތާ ހިނަވަން ފެށުމުގެ ކުރިން، މައްޔިތާގެ ޢައުރަ (ފޫޅާއި ކަކުލާއި
ދެމެދު) ނިވާކުރުމަށް ފަހު އޭނާ ލައިގެން އޮތް ހެދުން ބާލުވާށެވެ.
މައްޔިތާގެ ނިޔަފަތި ކަނޑާ އޭނާގެ މަތިމަސް ކުރުކޮށްލާށެވެ. މިއީ މައްޔިތާ ސާފުކުރުމުގެ ގޮތުން ކުރަންޖެހޭ
ކަމެކެވެ.
މައްޔިތާ ހިނަވަން ފެށުމުގެ ކުރިން މައްޔިތާ އިށީންނުމާ ގާތްވާވަރަށް
އޯގާތެރިކަމާއިއެކު މައްޔިތާގެ ބޯކޮޅު އުފުލާލާށެވެ. އަދި އޯގާތެރިކަމާއިއެކު
ބަނޑުމަތީގައި އަތް ހިންގާލާށެވެ. އެއީ ބަނޑުން ނިކުންނަން ތައްޔާރުވެފައިވާ
ނަޖިހެއްވާނަމަ ނެރެލުމަށްޓަކައެވެ. އެހެންނޫނަމަ، ހިނެވުމަށްފަހު ނަޖިހެއްނުކުމެ
ކަފުން ހަޑިވެ ހިނެވުން ފަސާދަވެދާނެއެވެ. މިގޮތަށް އަތް ހިންގާލާއިރު ގިނައިން
ފެންއަޅާށެވެ. އެއީ އަވަހަށް ސާފުކޮށްލުމާއި ހިނަވާތަނުގައި ނުބައިވަސް ހިފިޔަ
ނުދިނުމަށެވެ. މިގޮތުން ހިނަވާތަނުގައި މީރުވަސްދުވާ އެއްޗަކުން ދުން އަޅާފައި
ބެހެއްޓުން އެދެވިގެންވެއެވެ.
މައްޔިތާ އަކީ މާބަނޑު އަންހެނަކު ނަމަ ކުރިން ބަޔާންކުރިފަދައިން ޢަމަލު
ނުކުރާށެވެ.
ހިނަވަން ފެށުމުގެ ކުރިން ހިނަވާމީހާގެ އަތަށް އަންގިއެއް ލައްވާށެވެ. އެއީ
ރަސޫލާ ޞައްލަﷲ ހިނެވިއިރު ޞަޙާބީން އެގޮތައް ޢަމަލު ކުރައްވާފައިވެއެވެ.
މައްޔިތާ ހިނަވަންފަށާއިރު އެއްމެ ފުރަތަމަ ނަމާދަށް ވުޟޫކުރާފަދައިން
މައްޔިތާ ވުޟޫ ކުރުވާށެވެ.
ވުޟޫ ކުރުވާއިރު މައްޔިތާގެ ކަނާތްފަރާތް އިސްކުރާށެވެ.
ވުޟޫކުރުވަން ފަށައިގަންނަހިނދު މައްޔިތާ ވުޟޫ ކުރުވުމަށާއި ހިނެވުމަށް
ނިޔަތްގަނެ ބިސްމިﷲ ކިއުމަށްފަހު މައްޔިތާގެ ދެއަތްތިލަ ތިންފަހަރު ދޮވެލާށެވެ.
ދެން ކުރަކިކަން ހުންނަ ފޮތިކޮޅެއް އިނގިލީގައި އޮޅާލާ މައްޔިތާގެ ދަތްތައް
ސާފުކޮށްލާށެވެ.
އަދި ހަމައެފަދައިން ނޭފަތްވެސް ސާފުކޮށްލާށެވެ.
މިގޮތަށް ތިންފަށްކުރާށެވެ. އަނގަޔާއި ނޭފަތުގެ ތެރެއަށް ފެންނާޅާށެވެ.
ދެން ތިންފަހަރު މޫނު ދޮވެލާށެވެ.
ދެން މައްޔިތާގެ ދެއަތް ދެ އުޅަބޮއްޓާއި ހަމައަށް ތިންފަހަރު ދޮވެލާށެވެ.
ދެން މައްޔިތާގެ ބޮލުގެ އިސްތަށިފެޅި ހިސާބުން ފެށިގެން ފަހަތައް އެއްފަހަރު
އަދި ފަހަތުން ކުރިމައްޗަށް އެއްފަހަރު އަތް ހިންގާލާށެވެ.
ދެން ކަންފަތުގައިވެސް އެއްފަހަރު ފެންފޮހެލާށެވެ.
އެއަށްފަހު، މައްޔިތާގެ ކަނާތުފައި ދެން ވާތުފައި ތިންފަހަރު
ދޮވެލާށެވެ.
ވުޟޫކުރުވާ ނިމުމުން މައްޔިތާގެ ބޮލާއި ތުނބުޅި ކުންނާރުފަތު ފެނުން
ދޮވެލާށެވެ. މިދޮވުމުގައިވެސް ކަނާތް
ފަރާތް އިސްކުރާށެވެ.
ވުޟޫކޮށް ނިމުމަށްފަހު މައްޔިތާގެ ހަށިގަނޑު ދޮންނާނީއެވެ. މައްޔިތާގެ
ހަށިގަނޑު ދޮވުމުގައިވެސް ކަނާތްފަރާތް އިސްކުރާށެވެ. އެގޮތުން މައްޔިތާގެ ކަނާތާއި ކަރުމައްޗާއި
ކަނާތު މޭމައްޗާއި ހަށިގަނޑުގެ ކަނާތްފަޅިޔާ ކަނާތުފައި ދޮވެލާށެވެ. އަދި އައުރަ ނިވާކުރަން އަޅާފައިވާ ފޮތިގަނޑުގެ
ދަށުން އައުރައަށްވާ ހިސާބުވެސް ދޮވެލާށެވެ. ދެން ހަމަ މިގޮތަށް ވާތް ފަރާތްވެސް
ދޮވެލާށެވެ. އަދި ކުރިމަތި ފަރާތް ދޮވުނު
ފަދައިން ފުރަގަސްވެސް ދޮވެލާށެވެ.
މިގޮތަށް މައްޔިތާގެ ކުރިމަތި ފަރާތާއި ފަހަތް ދޮވެލުމަށްފަހު، މައްޔިތާގެ
ގަޔަށް ތިންފަހަރު ފެންއަޅާ ދޮވެލާށެވެ. ބޭނުންވާނަމަ، ފަސްފަހަރު ނުވަތަ
ހަތްފަހަރުވެސް ދޮވެލެވިދާނެއެވެ.
ހިނެވުމަށްފަހުގައި ނަޖިހެއް ބޭރުވެއްޖެނަމަ އަލުން ވުޟޫކުރުވާ ހިނެވުމުގެ
ކަންކަން ތަކުރާރުކޮށް ކުރަންޖެހޭނެއެވެ.
ތަކުރާރުކޮށް ނަޖިސް ބޭރުވާނަމަ ފޮތިކޮޅަކުން ދޮރުބަންދުކޮށްލާށެވެ. މައްޔިތާ ސާފުކޮށް ފިނިކޮށް ބޭއްވުމަށްޓަކައި
އެއްމެފަހު ދޮވުން ކާފޫރު ފެން އަޅާލާށެވެ.
މައްޔިތާއަކީ އަންހެނަކުނަމަ އޭނާގެ އިސްތަށިގަނޑު ފަހަތަށް ތިންބަޔަށް
ގަތާލާ ލާށެވެ.
މައްޔިތާ ހިނަވާ ނިމުން ސާފުތުވާއްޔަކުން މައްޔިތާގެ ހަށިގަނޑު ފެން
ހިއްކާލާށެވެ.
އެހާ ހިސާބުން މައްޔިތާ ހިނެވުމުގެ ކަންތައް ނިމުނީއެވެ.

Can you upload a video?
ReplyDelete