މުނާފިޤު
ދީނީ
މަދަރުސާއަކަށް ނުދިޔަނަމަވެސް ތުއްތު އިރުންފެށިގެން މައިންބައިންނާއި ވަކިން
އުޅެ ބޮޑުވުމުން ދިމާވާ ކަންކަމުގައި ކެތްތެރި ވުމަކީ އަހަރެންނަށް އެހާ
ދަތިކަމެއްނޫނެވެ. ކޮންމެކަމެއްގައިވެސް އަހަރެން ވާގިއެދެމުންދިޔައީ ނަމާދާއި
ދުޢާތަކުންނެވެ. އަބަދުވެސް ދީނުގެ ކަންކަމަށް ފަރުވާ ބަހައްޓަމުން ދިޔައީމެވެ.
އެމީހަކު
އަހަރެންނާއި ދުވަހަކުވެސް ވަކިވެ ނުދާނެކަމަށް އަހަރެން ހީކުރި އަހަރެންގެ
ފިރިމީހާ ކުއްލިއަކަށް އަހަރެން ދޫކޮށްލުމުން ދެރަނުވާނެކަމަށް އަހަރެން ކިތައްމެ
ހިތްވަރު ކުރިނަމަވެސް އެކަނި އިނދެ އަހަރެން ރުއީ ކިތައް ރޭ ކިތައް ދުވާހެއްޔެވެ؟
އެހެންނަމަވެސް އަހަރެންގެ ހިތުގައި އަޅަމުންދިޔަ ވޭނާއި ލޮލުން
ފައިބަމުންދިޔަ ކަރުނަތައް އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއް ނުވިއެވެ. އޭނާ
އަހަރެންނާއި ވަކިވިދުވަހުންފެށިގެން އޭނާއާއި ދެން އަލުން ނުގުޅުމަށާއި
ވާހަކަވެސް ނުދެއްކުމަށް އަހަރެން އަޒުމު ކަނޑައެޅީމެވެ. އެއީ އަހަރެންގެ އެއްވެސް
ކުށަކާއި ނުލާ އެހެންހެދީތީއެވެ.
އެހަނދާންތަކާއި
ދުރުވުމަށް އަހަރެން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔައީމެވެ. ރޭގަނޑުގެ ބޮޑުބައެއް
ޤުރުއާން ކިޔެވުމާއި ނަމާދު ކުރުމުގައި އަހަރެން ހޭދަކުރަމުން ދިޔައީމެވެ.
އެއަށްވުރެ ޞާލިޙް ހެޔޮލަފާ އަހަރެންދެކެ ލޯބިވާނެ ބައިވެރިޔަކު ދެއްވުމަށް އެދި
ކެނޑި ނޭޅި ދުޢާކުރަމުން ދިޔައީ ހިތުގައި ﷲ އަށްވާ ޔަޤީކަމާއި އެކުގައެވެ. އަހަރެން
އެދޭކަމެއް އެ އެދޭ ވަގުތު ނުވަނީވެސް އޭގައި ކޮންމެވެސް ހެޔޮކަމެއް
އެކުލެވިގެންވާތީ ކަމުގައި އަހަރެން އަބަދުވެސް ޤަބޫލު ކުރަމެވެ. ކުޑަ ދުވަސްކޮޅަކަށް
ޚަބަރެއް ނުވެ ހުރުމަށްފަހު އަނެއްކާވެސް އޭނާ އަހަރެންނަށް ގުޅާ މެސެޖް ކުރަން
ފެށިއެވެ. އެހެންނަމަވެސް އަހަރެން އެ ކޯލްތަކާއި މެސެޖްތަކަށް ޖަވާބު ދޭކަށް
ބޭނުމެއްނުވިއެވެ.
އެއްރެއެއްގެ
މެންދަމުގެ ވަގުތެވެ. ނަމާދުކޮށް ނިންމާލުމަށްފަހު މުސްޙަފު ނަގައިގެން ޤުރުއާން
ކިޔަވަމުން ދިޔައިރު އަހަރެންގެ ޙަޔާތުގައި ކަންކަން ހިނގާދިޔަ ގޮތާއި މެދު
އަހަރެންނަށް ޚިޔާލު ކުރެވެމުން ދިޔައެވެ. އަހަރެންގެ ކުރީގެ ފިރިމީހާގެ މަތިން
ކުއްލިއަކަށް ހަނދާވިއެވެ. އެއާއި އެކު ފޯނަށް މެސެޖެއް އައިހެން ހީވުމުން
ބަލާލިއިރު އެއީ އޭނާގެ މެސެޖެކެވެ. ވަރަށް ދިގު އާދޭހުގެ މެސެޖެކެވެ. މިރޭ
މެސެޖަށް ޖަވާބު ދޭނަމޭ އަހަރެން ހިތައް އެރިއެވެ.
އަހަރެން އޭނާ
އަށް ލިއުނީމެވެ. މިރޭ އަހަރެން ޤުރުއާނުގެ ސޫރަތެއް ކިޔަވަމުން ދިޔައިރު ކަލޭގެ
މަތިން ވަރަށް ހަނދާވިއެވެ. އަހަރެންގެ ރިޕްލައި ލިބުމުން އޭނަ ވަރަށް އުފާވެއްޖެ
ކަމާއި އޭނާ މަތިން ހަނދާންވީ ކޮން ސޫރަތެއް ކިޔެވުމުން ތޯ އޭނާ ސުވާލު ކުރިއެވެ.
އަހަރެން ޖަވާބުގައި އެއީ ސޫރަތުން މުނާފިޤޫން ކަމުގައި ބުނެ އޭނާ އަށް ރިޕްލައި
ކުރީމެވެ. ދެރަވި ކަމުގެ އިމޯޓިކޮންއެއް ފޮނުވުމަށްފަހު، އޭނާގެ އެވެސް ޚަބަރެއް
އަހަރަންނަކަށް އޭގެ ފަހުން ނުވިއެވެ.
____________________________________________________________
No comments:
Post a Comment