ތުއްތު ކުދިން
މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ގެންދިއުމުގައި ސަމާލުވުން.
ޙަސާޒިމް – ޒިމްސް ދަރުބާރު – 17 މެއި
2020
ދަރިން ލިބިއްޖެނަމަ
އެދަރިން ހެޔޮގޮތުގައި އިސްލާމްދީނުގެ މާތް ރިވެތި އަޚްލާޤުގެ މަތީގައި
ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަކީ މުސްލިމު ކޮންމެ މަންމައަކާއި ބައްޕައެއްގެ ބޮލުގައި
އެޅިފައިވާ ޒިންމާއެކެވެ. ދަރިން ގެންގުޅެން ޖެހޭނީ ތިމާއަށް ލިބިފައިވާ
ޒީނަތްތެރިކަމަކާއި ތަނަވަސް ކަމެއް ކަމުގައި ހަމައެކަނި ދެކިގެނެއް ނޫނެވެ.
އެއަށްވުރެ ބޮޑަށް ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންނާއި ހަވާލު
ކުރައްވާފައިވާ އަމާނާތެއްގެ ގޮތުގައި ބަލައިގެން އެއަމާނާތައް ރައްކާތެރިވާން
ޖެހެއެވެ. އަދި ތިމާގެ ދަރިންނަކީ އަޚްލާޤް ރަނގަޅު އަދި އެކުދިންގެ ފަރާތުން
މީސްތަކުންނަށް އުނދަގޫ ނުފޯރާ މާތް އަޚްލާޤެއްގެ ވެރިންނަށް ވުމަކީ ހަމަކޮންމެ
މަންމައަކާއި ބައްޕައަކުވެސް އެދޭނެ އެދުމެއް ކަމާއިމެދު އަޅުގަނޑު ޝައްކެއް
ނުކުރަމެވެ.
ދަރިން ތަރުބިއްޔަތު
ކުރުމުގައި އެއްމެ ސަމާލުކަން ދޭންޖެހޭ އެއްކަމަކީ އެކުދިންނަށް ދީނީ އާދަކާދަތަކާއި
ދީނުގެ ރިވެތި މާތް އަޚްލާޤް ދަސްކޮށްދިނުމެވެ. އަދި ދީނަށް ލޯބި ޖެއްސުމެވެ.
އެގޮތުން އެއްމެ ތުއްތު އިރުންފެށިގެންވެސް ނަމާދާއި ޤުރުއާނަށް ލޯބިޖެއްސުމަކީ
އެކަމުގެ ފައިދާ އަބަދަށް ދެމިހުންނާނެ ކަމެއްކަން ޔަޤީނެވެ.
ކުޑަ ކުދިންނަކީ
ވަރަށް މަދު ވަގުތު ކޮޅެއްގައި މެނުވީ އެއްކަމެއްގައި ޝައުޤުވެރި ކަމާއިއެކު މަޑު
ނުކުރެވޭ ބައެކެވެ. ކުދިން ތަރުބިއްޔަތު ކުރުމުގައި ގޭތެރެއިން ފަށައިގެން
އެކުދިން ކަންކަމަށް އާދަވުމުން ނުވަތަ ކަންކަން ދަސްވުމުން ބޭރުތެރޭގެ ޖަމާޢަތް
ތަކުގައި ބައިވެރި ކުރުވުމަކީ އެއްމެ ރަނގަޅު ގޮތްކަމުގައި އަޅުގަނޑު ދެކެމެވެ.
އެގޮތުން ނަމާދު ކުރަން ދަސްކޮށްދިނުމުގައިވެސް އެއްމެ ފުރަތަމަ ޖަމާއަތަށް
ނަމާދަށް ގެންދިއުމުގެ ބަދަލުގައި ގޭތެރޭގައި އެކުއްޖާ ލައްވާ ނަމާދު ކުރަން
ދަސްކޮށްދީ އެކަމަށް އާދަ ކުރެވިދާނެއެވެ. އަދި މިސްކިތައް ގެންދާވަރަށް
ބޮޑުވުމުން މިސްކިތައް ގެންގޮސް އެކަމަށް ހޭނުވުމުން ރަނގަޅު ގޮތުގައި އެކަން
އެކުއްޖާއަށް ކުރެވޭނެ ކަމާއިމެދު ޔަޤީނެވެ. މިސްކިތައް ގެންދިއުމުގެ ކުރިން
މިސްކިތުގައި ކަންކުރަން ޖެހޭނެ ގޮތާއި މިސްކިތުގެ އަޚްލާޤް ކުއްޖާއަށް
ދަސްކޮށްދިނުމަކީ މުހިއްމު ކަމެވެ. އެނޫންނަމަ ތުއްތު ކުދިންގެ ފަރާތުން
ނަމާދުގައި ތިބޭ އެހެންމީހުނަށް ބައެއްކަހަލަ އުނދަގޫތަށް ފޯރުމަކީ އެކަށީގެން
ވާކަމެކެވެ.
މިހާރަކަށް އައިސް
ބައެއް ބައްޕައިންނާއި ބެލެނިވެރިން މިސްކިތަށް ޖަމާޢަތަށް ދިއުމުގައި ވަރަށް
ތުއްތު ފިރެހެން ކުދިން ގޮވައިގެން ދެއެވެ. ޚާއްޞަކޮށް ހުކުރު ދުވަސްތަކުގައި
ހުކުރު ނަމާދަށް ގިނަ އަދަދެއްގެ ކުޑަކުދިން ގެންދެއެވެ. މިފަދަ ކުދިންގެ ފަރާތުން
ބައެއްފަހަރު ނަމާދުގައިތިބޭ ބޮޑެތި މީހުނަށް ބައެއްކަހަލަ އުނދަގޫތައް ފޯރާ އަދި
ނަމާދަށްދޭ ސަމާލުކަން ގެއްލޭގޮތްވެއެވެ. ފަހަރެއްގައިވެސް އެއީ އެކުދިންގެ
މައްސަލައެއް ނޫނެވެ. އެހެނީ އެކުދިންކުރާ ކަމެއްކުރަނީ އެކުރެވެނީ ކީއްކަން ނޭންގިތިބެއެވެ.
އެހެންނަމަވެސް މިކަމަކީ އެކުދިންގެ ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަމެއް
ކަމުގައި އަޅުގަނޑު ދެކެމެވެ.
ބައެއްފަހަރު ބައެއް
ބައްޕައިން ނުވަތަ ބެލެނެވެރިން ކުޑަކުދިން މިސްކިތައް ޖަމާޢަތަށް ނަމާދަށް
ގެންދަނީ ތިމަންވެސް ނަމާދަށް ދަނީ ތިމަންގެ ދަރި ގޮވައިގެންނޭ ބުނުމުގެ ގޮތުން
ނުވަތަ މޮޅުކަމެއް ކުރުމުގެ ގޮތުންނޭ ހީވާކަލަ ގޮތަކަށްވެސް ބައެއް މީހުންގެ
ފަރާތުން ފެންނަ ޢަމަލުތަކުން ހީވެއެވެ. ހަމައެކަނި ކުދިން ގޮވައިގެން ހުކުރަށް
ދާއިރު ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދެއް ވާކަންވެސް ގިނަމީހުނަށް
ނޭންގެއެވެ. މިހެން މިކަން ވާނަމަ، އަދި މިކަން މިކުރެވެނީ އެއްމެ ރަނގަޅަކަށް
ނޫނެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެޢަމަލު ޤަބޫލު ކުރައްވާ ޝަރުތުތައްވެސް
އެކަމުގައި ހަމަނުވެއެވެ. އެހެނީ އަޅުކަމެއް އެމީހެއްގެ ކިބައިން ޤަބޫލު
ކުރެއްވިގެންވަނީ މައިގަނޑު ދެ ޝަރުތަކާއި ލައިގެނެވެ. އެއީ އެކުރާ އަޅުކަމެއް ﷲ
އަށް ޚަލާސް ކުރުމާއި ރަސޫލުﷲ ޞަލަﷲ އަލަހި ވަޞައްލަމަ އެކަމެއް ކުރަން
އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމުންނެވެ. މިހެން މިކަން އޮތް އިރު އެއްވެސް
އިޚްލާސްތެރިކަމެއް ނެތި ހަމައެކަނި ދެއްކުން ތެރިކަމަކަށް އެކަން ކުރެވޭނަމަ އަދި
އެކަމަކީ އަޅުކަމެއް ކަމުގައި ނުވެއެވެ.
ވީމާ، ހަމަ އެކަނި
ހުކުރު ދުވަހު ހުކުރު ނަމާދަށް ތުއްތު ކުދިން ގެންދިއުމުގެ ބަދަލުގައި، ދުވަހުގެ
އެހެނިހެންވެސް ނަމާދުތައްވެސް ކުދިންލައްވާ ކުރުވުމަށް ސަމާލުކަން ދީ އެކަމަށް
އާދަ ކުރުވަން ޖެހެއެވެ. ދަރިންނަށް ދޭންޖެހޭ ރިވެތި އަޚްލާޤަށް ފަރުވާ
ކުޑަކުރުމަކީ އޭގެ ހިތިނަތީޖާ ދެދުނިޔޭގައިވެސް ލިބިގެންދާނޭ ކަމެކެވެ.
އަޅުގަނޑުމެންނަކީ
އިސްލާމްދީނުގެ މާތް އަޚްލާޤްގެ މަތީގައި ދަރިންތަރުބިއްޔަތު ކުރާބައެއްކަމުގައި
ލައްވާ އެކަމުގެ ތަޢުފީޤް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވުން އެދި
ދުޢާކުރަމުން ނިންމާލަމެވެ.
....ވައްސަލާމް...

No comments:
Post a Comment