Saturday, May 2, 2020

ނަމާދު ކުރާށެވެ

ނަމާދު ކުރާށެވެ!
ޒިމް - ޒިމްސް ދަރުބާރު  - 02 މެއި 2020  




އެއީ ރޯދަމަހުގެ ފުރަތަމަ ދުވަހެވެ. އަޙުމަދަށް ހޭލެވުނީ ޢަސުރުވަގުތު ފާއިތުވި ފަހުން ރައްޓެއްސަކު ގުޅަންފެށުމުންނެވެ. ހާރުކައިގެން ނިދީ ފަތިހަށް ގޮވަން ދާދިކައިރިވެފައި ވަނިކޮށެވެ. ފޯނަށް ޖަވާބު ދިނުމާއިއެކު ފޯނު ބާއްވާފައި މޯޅިއަކަށް ދެމިލުމަށްފަހު ފާޚާނާ އަށްވަނެވެ.
އިރުއޮއްސެން ކައިރިވެފައިވަނިކޮށް ރޯދަ ކުރުކޮށްލަން ބޭރަށްދިޔަމީހާ ގެއަށްވަނީ ބަންގިއާއި އެކުގައެވެ. ރޯދަވީއްލައިގެން ރައްޓެއްސަކާއިއެކު އަނެއްކާވެސް ދިޔައީ ބޭރަށެވެ.

"ދަރިފުޅާ ދޭބަލަ މިސްކިތައް، އިޝާނަމާދަށް އެއަށް ގޮވަނީ މިހާރު؟ މަޣްރިބު ނަމާދު ކުރިންތަ؟" އިޝާ އަށް ގޮވަން ފެށުމާއިއެކު މަންމަ އެ ބުނިއެއްޗެއް އަޙްމަދަށް އިވުނުހެންވެސް ހީނުވެއެވެ. ގެއްލިފައިވަނީ ފޯނުން ކުޅެމުންދިޔަ އޮންލައިން ގޭމެއްގެ ތެރެއަށެވެ.

ފަތިހު 4 ޖެހީއެވެ. ކުރިޔާ ތެދުވެ މަންމަ ހުރީ ސުފުރާމަތި ތައްޔާރުކޮށްލާފައެވެ.
"
ފަތިސްނަމާދު ކޮށްގެން ނިދާނީ އިނގޭ! އިޝާ ނަމާދު ކޮށްގެންތަ ނިދީ؟" ކައި ނިމިގެން އަޙްމަދު އަތްދޮވެލަން ތެދުވުމާއި އެކު މަންމަ ބުންޏެވެ.
"ކުރާނަމޭ މަންމާ" މަންމަގެ އެސުވާލަށް އަޙްމަދު ޖަވާބުދިނީ ނުރުހުމާއިއެކުގައެވެ. އަތްދޮވެލުމަށްފަހު އަތް ފޮހެވެސް ނުލާ އެދިޔަގޮތުން އެދިޔައީ މަންމަ ނަމާދު ކުރުމަށް ބުނުމުންކަން އެނގެއެވެ. އަޙްމަދުގެ އެ ޖުމްލައިގާވާ ރާގާއި ކަން އެކުރިގޮތުން އަނގައަށް ލާންއުޅުނު ބަތްސުވާވެސް ލާން މަންމަ ހަނދާންނެތުނުކަހަލައެވެ. އެއްޗެއް ކެއުމަކާއި ނުލާ އެހިންދިރުވާލެވުނީ އެ މަންމަގެ ހިތުގައި ޖެހުމުންކަން ރަނގަޅަށް އެނގެއެވެ.

އެދުވަސް އެކުގައި އަޙްމަދު އެހޭދަކުރީ އެއްވެސް ނަމާދެއް ނުކޮށެވެ. ހާރުކައިގެން އައިސް ފޭސްބުކުގައި އުޅެނީ ކޮންބައެއްތޯ ބަލާލަން ފޭސްބުކަށްވަދެ ފޯނު ހިފައިގެން އެނދުމަތީގައި ޖައްސާލިއެވެ.

މެންދުރުން ލަނބައިގެން ދިޔައިރުވެސް އަޙްމަދު ނުތެދުވެއެވެ. މެންދުރު ނަމާދުކޮށްލައިގެން ޤުރުވާން ކިޔަވަން އިނުމަށްފަހު، އަޙްމަދު ނުތެދުވާތީ މަންމަ އެތައް ފަހަރަކު ކޮޓަރީގެ ދޮރުގައި ޓަކިވެސް ޖަހައިފިއެވެ. އެކަމު ޚަބަރެއް ނުވިއެވެ. އެއްމެފަހުން ކޮޓަރީގެ ޑަބަލް ކީ ހިފައިގެން އައިސް މަންމަ ދޮރު ހުޅުވާލިއެވެ. އަޙުމަދުގެ ކަރިއަށް ގޮސް ގައިގާ ކޮށްޓާލުމަށްފަހު ތެދުވުމަށް ބުނިއިރު އަޙްމަދުގެ ހަށިގަނޑުގައި ހަރަކާތެއް ނެތްކަން މަންމަ އަށް އިޙްޞާސް ކުރެވުނެވެ. ޔަޤީކޮށްލުމަށް ކަރުގައި އަތްޖައްސާލާ ނޭފަތްކައިރިން އަތްޖައްސާލާ ބަލާލިއެވެ. އެމަންމަގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެންހެންނެވެ. އާއެކެވެ. އަޙްމަދު އެވަނީ ދެން އަލުން ނުތެދުވެވޭނެ ނިންޖަކުން ނިދާފައެވެ.

ފަހުން ނަމާދުކުރާނެ ކަމަށް ބުނެ ފަސްކޮށްލިމީހާ މިއަދު ބަޔަކު ހިނަވާ ކަފުންކޮށް އަތްމަތީގައި އުފުލާލާއިގެން މިސްކިތައް އެ ވައްދަނީ އޭނާގެ މައްޗަށް ނަމާދު ކުރުމަށެވެ.
އެ ދަރިފުޅަށްޓަކައި އެ މަންމަގެ ލޮލުން ފައިބަމުންދިޔަ ކަރުނައާއި އެމޫނުމަތިން ގެއްލިގެން ގޮސްފައިވާ އުފާވެރިކަމަކީ ބަޔާންކުރެވޭނެ ކަމެއްނޫނެވެ. 

ނަމާދަކީ ބުއްދި ސަލާމަތުން ހުރި އެއްވެސް މުއުމިނަކަށް އެކަން ދޫކޮށްލުމަށް އެއްވެސް އުޒުރެއްވާ ކަމެއްނޫނެވެ. އަދި އެއީ މާތް މުޙަމަދު ނަބިއްޔާ އުއްމަތިގެ މައްޗަށް ކުރެއްވި އެއްމެ ފަހު ވަސިއްޔަތެވެ. އެކަމަކާއި މެދު ޤިޔާމަތްދުވަހުން އެއްމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ކަންތަކެވެ. އެކަމުން ފެއިލްވެއްޖެ މީހާ ހުރިހާ ކަމަކުން ފެއިލްވީއެވެ.
ވަގުތު ފާއިތުވެ ނުދަނީސް ނަމާދު ކުރާށެވެ. ނަމާދުތައް މީގެ ކުރިން އެޅިފައިވީނަމަވެސް ތަޢުބާވެ ނަމާދުކުރަން ފައްޓާށެވެ. 


No comments:

Post a Comment