Wednesday, May 13, 2020

ޕެންސަން ފަންޑާއި ދެހަމު ތެލާއިއެކު ބެހުނު މަސްދޯނި

ޕެންސަން ފަންޑާއި ދެހަމު ތެލާއިއެކު ބެހުނު މަސްދޯނި

ޒިމް - ޒިމްސް ދަރުބާރު 13 މެއި 2020


ފޮޓޯ ނެޓުން ނަގާފައިވާ - ކްރެޑިޓް އޭގެ ޙައްޤުވެރި ފަރާތަށް


ކޮވިޑް 19 އާއި ގުޅިގެން މުޅިދުނިޔެއަށް މިވަނީ އިޤްތިޞާދީ ކާރިސާއެއް ކުރިމަތިވެފައެވެ. ކުރިން ދެކެމުން އައިއެތައް ހުވަފެންތަކަކާއި ހަދާފައިވާ އެތައް ޕްލޭންތަކެއް މިވަނީ ބަދަލުކުރަން މަޖުބޫރުވެފައެވެ. އެއްމެނަށްވެސް މިވަނީ ފައިސާގެ ދަތިކަން ކުރިމަތިވެ ފަހަށް ރައްކާކޮށްފައިވާ ފައިސާކޮޅުނަގާ ޒަރޫރީ ބޭނުމަށް ބޭނުން ކުރަންޖެހިފައެވެ.

މިއަދު ރާއްޖޭގައި އެއްމެ ބޮޑު ބަހުސަކަށް ވެފައިވާ އެއްވާހަކައަކީ ޕެންސަން ފަންޑުގެ ވާހަކައެވެ. ޕެންސަން ފަންޑަކީ ރިޓަޔަރމަންޓް ފަންޑެއްގެ ގޮތުގައި ވަޒީފާ އަދާކުރާފަރާތާއި ސަރުކާރު ޙިއްޞާވާގޮތަށް އުފައްދާފައިވާ ފަންޑެކެވެ.  މިއަދު ގިނަބަޔަކު ބުނަމުންދަނީ މިދަތި ދަނޑިވަޅު ކުރިމަތިވުމުން އެމީހުންގެ އަތުން ޕެންސަން ފަންޑަށް ކެނޑި ފައިސާ އަނބުރާ ދިނުމަށެވެ. އެހެންނަމަވެސް ސަރުކާރާއި އަދި  ސަރުކާރުގައި ތިބި އިސްވެރިން މިކަމާއި ދެކޮޅެވެ.

ޕެންސަން ފަންޑުގެ ފައިސާއާއި ބެހޭގޮތުން އަޅުގަނޑުގެ ބޭބެ އަލީ ޙަފީޒު އަޅުގަނޑު ކައިރީ ބުނީ، ޕެންސަން ފަންޑުގެ ފައިސާ އަށް ވެފައިވާ ގޮތަކީ އެމެޖެންސީގައި ބޭނުން ކުރަން ހުރި ދެހަމު ތެލާއި އެކު ބެހުނު ކުޅުދުއްފުށީ ދޯންޏަށް ވީގޮތެވެ. މީނާ މިހެން ބުނުމުން މިއީ ކިހިނެއްވީ ކަމެއްތޯ އަޅުގަނޑު މީނާކުރެން އޮޅުންފިލުވާލުމުން ކިޔާދިނެވެ.

ކުޅުދުއްފުށީ ދޯންޏެއް ލޭނުގެ މަސްވެރިކަމަށް ނިކުމެގެން އުޅެނިކޮށް އިންޖީނުން ތެޔޮ ހުސްވެގެން ބެހިއްޖެއެވެ. ދޯނިގެއްލިގެން މިކަން ކޯސްޓްގާޑަށް އެނގިގެން ދިޔައިރު ދޯނިވަނީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުންވެސް ބޭރަށް ބެހިގެން ގޮސްފައެވެ. ދޯނީގައި ތިބިމީހުނަށް ތިބީ ދެންހަދާނެގޮތެއް ނޭންގި ގޮތް ހުސްވެ ހާލުޖެހިފައެވެ. ކޯސްޓް ގާޑު ބޯޓު ދޯންޏާއި ހަމައަށް ދެވުމުން އެމީހުން ބޯޓަށް ނެގިއެވެ. އަދި ސިފައިން ޗެކް ކުރުމުގެ ތެރޭގައި ދޯނީގައި ސަތަރި އަޅާ ރައްކާކޮށްފައިވާ ދެހަން ތެޔޮ ފެނިގެން އެއީ ކީއްކުރާ ދެހަމު ތެލެއްތޯ ދޯނީ މީހުންނާއި ސުވާލު ކުރުމުން އެމީހުން ބުނީ އެއީ އިމަޖެންސީގައި ބޭނުންކުރަން ބަހައްޓާފައި ހުރި ދެހަމު ތެޔޮ ކަމުގައެވެ. އެމެޖެންސީ ވާނީ ކިހާވަރެއް ވީމާހެއްޔެވެ؟ ދޯނި ވަނީ ބެހިގެން އަނބުރާ ނުގެނެވޭ ހިސާބު ބޭރަށް ގޮސްފައެވެ.

މި މިސާލުން މިސާލު ޖެހުމަށްފަހު މީނާ ބުންޏެވެ. ޕެންސަން ފަންޑުވެސް އެހެން ނޫންހެއްޔެވެ؟ އެއީ އޭނާއަށް އެއްމެ ބޭނުންޖެހޭ ދުވަހު ބޭނުންކުރަން ރައްކާ ކުރާ ފައިސާއެއް ނޫންހެއްޔެވެ؟ އޭނާ ދަރަނިވެރި، މަރުވެ ދިޔާމާ ކީއްކުރާ ޕެންސަން ފައިސާއެއް ހެއްޔެވެ؟

ޕެންސަން ފަންޑާއި ބެހޭގޮތުން ސަރުކާރުން ބުނަނީ އެފައިސާ އަކީ އިންވެސްޓް ކޮށްގެން އެ ފަންޑުގައި ބައިވެރިވާ މީހުނަށް ފައިދާ ހޯދާދިނުމަށް ބަހައްޓާފައިވާ ފައިސާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ޕެންސަން ފަންޑުން އެއްވެސް ކަމެއްގައި އިންވެސްޓް ކުރިކަމަށް އެނގޭކަށް ނެތެވެ. އަދި އޭގެ ފައިދާ އެއްވެސް ފަރާތަކަށް ލިބޭކަމެއްވެސް އެނގިފައެއްނުވެއެވެ.  ގިނަ ބަޔަކު ޤަބޫލު ކުރަނީ ޕެންސަން ފަންޑް ގައިވާ ފައިސާ ސަރުކާރުން ދޭން ބޭނުން ނުވަނީ އޭގައި ފައިސާ ނެތުމުން ކަމަށެވެ.

No comments:

Post a Comment