Wednesday, May 13, 2020

ބިދޭސީ (ހަތަރުވަނަ ބައި) 09 މެއި 2020 ގެ އަދަދާއި ގުޅޭ

ބިދޭސީ (ހަތަރުވަނަ ބައި) 09 މެއި 2020 ގެ އަދަދާއި ގުޅޭ

ޒިމް - ޒިމްސް ދަރުބާރު - 12 މެއި 2020 






"އާން... މިއުޅެނީ އަހަރުމެންގެ ގެ ހަދަން ޖެހިގެން ބޭރު މީހުން ކޮޅެއް ގެންނަން ޖެހިގެން. ކިހިނެއްތަ ހަދަން ޖެހެނީ؟" ވެއިޓަރ ގެނެސް ބެހެއްޓި ކޮފީތަށިން ކޯވަރެއް ދަމާލުމާއިއެކު ރާފިއު ބޭނުންވެގެން އުޅޭ ކަންތައް އަޙުމަދަށް ހުށައަޅާލިއެވެ.
"ތިއީ އެއްވެސް ކަމެއް ނޫނެއްނުން" އަޙްމަދު ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
"ރާފިއު ބޭ އަތުގައި ކޯޓާ ހުންނަނީތަ؟" ނޫރު ރާފިއުކުރެން އަހާލިއެވެ.
"ނޫން.. ކޯޓާއެއް ނެތް.. ކޯޓާ ނަގަން ޖެހޭނީ.. ކޯޓާ ނަގަން ހަދަން ޖެހޭނީ ކިހިނެތް؟" ރާފިއު ނޫރަށް ޖަވާބު ދެމުން ސުވާލު ކޮށްލިއެވެ.



" މައްސަލަ ނެތީ...އަހަރުމެން ހުރިހާ މަސައްކަތް ކޮށްދެނީ ދޯ އަޙްމަދުބޭ؟" ރާފިއުގެ ސުވާލަށް ޖަވާބު ދެމުން ނޫރު އަޙުމަދަށް ދޯއެއްލުމާއި އެކު އަޙަމަދުވެސް ބޯ ޖަހާލިއެވެ.
"ރާފިއު އަމިއްލަ އަށް ތިކަން ކުރަން އުޅެންޏާ ވަރަށް ދުވަސް ނަގާނެ" އަޙުމަދު ބޭނުންވީ އެކަމުގެ ހުރި އުނދަގޫކަން ރާފިއުއަށް އޮޅުންފިލުވާދޭށެވެ.
"ދެން އެހެންވީމަ ކިހިނެތް ހަދަންވީ؟" ރާފިއު ބޭނުންވީ އެކަން އެއްމެ އަވަހަށް ކުރެވެން އޮތްގޮތަކަށް ކުރާށެވެ.
"އަހަރުމެންނާއި ހަވާލުކޮށްލާ ޑޮކިއުމެންޓްތައް..އޭރުން ތިކަން ހަމަޖައްސާލަ ދީފާނަން ވަރަށް އަވަހަށް. ނޫރު މިއީ އިމިގްރޭޝަންގެ މާ ބޮޑު މީހެއް. ހެހެހެ" އަޙްމަދު އެހެން ބުނަމުން ހިނިގަނޑެއް ޖަހާލިއެވެ.
"ތެދެއް ރާފިއުބެ... އަހަރުމެންނާ ހަވާލު ކުރަނީމަ ވަގުތުން ނިންމާދެނީ.. އެއްވެސް މައްސަލަ ނުހުންނަނީ" ނޫރު އިތުރުކޮށްލިއެވެ.
"އޯކޭ އެހެންވީމަ.. މަ ކިހާވަރެއް ދޭންޖެހޭނީ އަޙްމަދުމެންނަށް؟" މިކަމަށް އަތުން ހިނގާނެ ޚަރަދެއް ބަލާލުމަށް ރާފިއު ބޭނުންވިއެވެ.


"ރާފިއު އިމިގްރޭޝަން އެކައުންޓެއް ހަދާފަތަ އޮތީ؟" ރާފިއުގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލު އަޙްމަދު ރާފިއުއާއި ކުރީ ސުވާލެކެވެ.
"އެތާ އެކައުންޓެއްވެސް ހުޅުވަން ޖެހޭތަ؟" ރާފިއުއަށް އެކަން އޮންނަގޮތް ނޭންގޭތީ ރާފިއު ސުވާލުކުރިއެވެ.
"އާން... ފުރަތަމަ ޖެހޭނީ ބޭރުމީހުން ގެންނަން އިމިގްރޭޝަންގަ ރަޖިސްޓްރީވާން އެކައުންޓެއް ހަދަން" އަޙްމަދު ގެ އަސްލު ބޭނުމަކީ އެކަންމުގެ އުނދަގޫކަން ރާފިއުއަށް އިހުސާސް ކޮށްދިނުމެވެ.
"މަ އަދި ތިކަމަށް ވަރަށް އާވާނެ އަޙްމަދު. ކަލޭ މަށަށް ތިކަންތައްތައް ކޮށްދީ، ދޭންޖެހޭ އެއްޗެއްވީޔާ މަދޭނަ" ރާފިއުގެ އެޖަވާބަށް ނޫރު އަޙްމަދާއި ދިމާލަށް ބަލާ ހިނިތުން ވެލަމުން މޭޒުމަތީގައިވާ ކޮފީތަށިން ކޯވަރެއް ދަމާލިއެވެ.
"ރާފިއު އަމިއްލަ އަށް ކުރަންޏާ ވަރަށް ބޮޑު އެއްޗެއް ދާނެ..އެކަމު އަހަރެން ރާފިއުއަށް ތިކަމުގަ ހެލްޕްވެދޭނަށް ލުއިގޮތަކަށް ތިކަން ކޮށްދޭނަން" މިކަމުން ނެގެން އޮތްފައިދާ އަޙްމަދުމެންނަށް މާރީއްޗަށްވެސް ސާފުވެއެވެ.
"ގާތް ގަނޑަކަށް ކީހަވަރެއް" ދާނެ ޚަރަދު އެނގެން ރާފިއު ބޭނުމެވެ.
"ދައްކަބަލަ މަ ބަލާލަން ތި ކުރެހުން" އަޙްމަދު ރާފިއުގެ ކައިރީގައިވާ ކުރެހުމަށް އަތްދިއްކޮށްލަމުން ބުންޏެވެ. އެއާއި އެކު ރާފިއު އެ ކުރެހުން އަޙުމަދުގެ އަތައް ދިއްކޮށްލިއެވެ.
"ހޫމް... މި ކުރެހުމަށް ގާތްގަނޑަކަށް ސާތޭކަ މީހުންގެ ކޯޓާ ނެގޭނެ ދޯ ނޫރު؟" ކުރެހުމަށް ބަލާލުމަށްފަހު ބޯހަލުވާލަމުން އަޙްމަދު ނޫރުކުރެން އަހާލިއެވެ.
"އާން...މައްސަލަ ނެތީ..ހަންޑްރެޑް... ޓޫ ހަންޑްރެޑް ވިޔަސް ހަމަޖެއްސެނީ" އަޙަމަދުގެ ސުވާލަށް ނޫރު ޖަވާބު ދިނީ ވަރަށް ޔަޤީން ކަމާއި އެކުގައެވެ.
"ހަންޑްރެޑް ކޯޓާ ނަގަނީމަ އެއްމެ މަދު ދަނީ ވަންލަކު ފިފްޓީ ތައުޒަން މިވައްތަރު" ކޯޓާ ނެގުމަށް ހިނގާނެ ޚަރަދު ނޫރު ރާފިއުއަށް އޮޅުން ފިލުވާދިނެވެ.

"އެހެންތަ؟ ހާދަ ބޮޑުއެއްޗެކޭދޯ؟" ނޫރު އެ އަދަދު ބުނުމާއި އެކު ރާފިއުއަށް ލިބުނީ ހައިރާން ކަމެކެވެ. އެވަރުގެ އަދަދެއް ރާފިއު ހޯދާނީ ކޮންތާކުން ހެއްޔެވެ؟
"ރާފިއުބެ ހާސްވަން ބޭނުން ނެތީ..އަހަރުމެންނަށް މި ހަވާލު ކުރަނީމަ ހުރިހާ ކަންތައް އަހަރުމެން ނިންމަދެނީ.. ރާފިއުބޭ އަތުން އެއްވެސް ރުފިޔާ ނުނަގަނީ. އަދި ކޯޓާ ލިބުނީމަ ރާފިއުބެ އަށް ދެނީ ފިފްޓީ ތައުޒަން ރުފިޔާ މިވައްތަރު. އޯކޭނުން؟" މިކަމުގައި އުޅެއުޅެ މިކަން ކުރާނެގޮތާއި މިކަން ކުރެވޭނެ ގޮތް ނޫރަށް ރަނގަޅަށް އެނގެއެވެ. މިކަމަށް އަންނަ މީހުން މަޅީގައި ބައްދާލާނެ ގޮތް ނޫރު ވަނީ ފިސާރި ރަނގަޅަށް ދަސްކޮށްފައެވެ.

"އެހެންވީރު އޯކޭ..ތީ އަދި މާސަޅިގޮތެއްނުން. މައެހެންވީމަ ކޯޗެއް ތިމީހުންނަށް ދޭންވީ؟" އެމީހުން އެ ޚަރަދުތައް ރާފިއުއަށް ކޮށްދޭނެ ކަމަށާއި އަދި ރާފިއުއަށްވެސް ހަދިޔާއެއް ދޭން ބުނުމުން ރާފިއުއަށް ވަރަށް ބޮޑު ހަމަޖެމެއް ލިބުނެވެ.

"ރާފިއުބެ އަހަރުމެން ބުނާ ޑޮކިއުމެންޓް ދިނީމަ ނިމުނީ.. ހުރިހާ މަސައްކަތް އަހަރުމެން ކުރާނީ" ރާފިއުގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައީ ނޫރުކަމުން މިކަމުގެ މޭސްތިރިއަކީ އޭނާކަން ރާފިއުއަށްވެސް އެނގުނެވެ.

މޭޒުމަތީގައިވާ ބިލް ފައިލްގެ ތެރެއަށް 500 ގެ ނޫޓެއް ލަމުން ބިލް ނިންމާލުމަށް އަތުގެ އިޝާރާތުން ނޫރު ވެއިޓަރ އަށް ގޮވާލިއެވެ. 

"އޯކޭ ރާފިއުބޭ.. އަހަރުމެން ފަހުން ގުޅާލަނީ" ކޮފީ ނިންމާލަމުން ނޫރު ރާފިއުއާއި ދިމާއަށް ބުނެލިއެވެ.
"އޯކޭ" ރާފިއުވެސް އެހެން ބުނަމުން އަޙުމަދާއި ނޫރާއި ދެމީހުންނާއި ސަލާމް ކޮށްލުމަށްފަހު ދިއުމަށް ހިނގައިގަތެކެވެ. އެމީހުން ދޭ ފައިސާ ކޮޅު ލިބުނީމަ ކުރާނެ ކަމަކާއި މެދު ޚިޔާލު ކުރަމުން ރާފިއު ސައިކަލަށް އަރައިގެން ދުއްވާލިއެވެ.

އަޙްމަދާއި ނޫރު ކިހާ ރަނގަޅުހެއްޔެވެ. ރާފިއު ކުރަން ޖެހުނު އެއަށް ބޮޑު ޚަރަދުވެސް އޭނާއަށް ނުޖައްސާ އެޚަރަދުގައިވެސް އެހިފީއެމީހުންނެވެ.  މިހާ ތާށިކޮށް ކަންކަން އޮށްވާ ކޯޓާ ނަގަން އެއްލައްކަ ފަންސާސް ހާސް ހޯދާނީ ކޮންތާކުން ހެއްޔެވެ؟ މީގެ ކުރިން ދިވެހި ބަޔަކާއި ވާހަކަ ދެއްކީމަ އެމީހުން ބުނީ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ރާފިއުކަމަށެވެ. އެކަމު ބިދޭސީ މީހަކާއި ވާހަކަ ދައްކާލީމާ އެކަންވެސް މި ހަމަޖެހުނީއެވެ. އަތުން އެއްވެސް އެއްޗެއް ނުގޮސް ކަންވެސް ނިމުނީއެވެ. މިހެންވީމާ ކޮންމެ ކަމެއްގައިވެސް ބިދޭސީންނަށް ބުރަ ވެވޭނެ ނޫން ހެއްޔެވެ.

ރާފިއު ބޭނުންވީ ވާންއޮތް އެއްމެ ފަސޭހަ ގޮތަކަށް އަތުން ޚަރަދެއް ނުގޮސް ރާފިއު ބޭނުންވާ ކަންތައް ވާނެ ގޮތެކެވެ. ގޭގެ މަސައްކަތް ފެށެން އޮތީ ބޭރުމީހުން ގެނެސްގެންނެވެ. ރާފިއުއަށް ވިސްނެމުން ދިޔައީ އަޙްމަދާއި ނޫރުގެ ރަނގަޅު ކަމެވެ. އިތުރަށް ވިސްނާލަންވެސް ބޭނުން ނުވެ، އަޙުމަދާއި ނޫރަށް އިތުބާރު ކުރިއެވެ. ބެދެން އުޅޭ މަޅިއަކީ ކޮބައިކަމެއް މިކަމުން ފަހުން ކަންވެދާނެ ގޮތަކާއި މެދު ރާފިއުއަށް ވިސްނާލެވިފައިވެސް ނެތެވެ. އެކަމަކު މިޒަމާނު އެދުމެއްނެތި ނުވެސް ދަންނަ މީހަކަށް ފައިސާ ތަކެއްދީ މާރަނގަޅަށް ކަންތައް ކޮށްދީފާނެހެއްޔެވެ؟ ބޭރުމީހުން ގެނެސްދިނުމުގެ މަސައްކަތުގައި އުޅޭ މިފަދަ އެޖެންޓުންނަށް އިތުބާރު ކުރެވެނީ ކިހާވަރަކަށް ހެއްޔެވެ؟ އެމީހުން މިކަމުން ނަގަމުންދާ ނާޖާއިޒު ފައިދާއާއި އެމީހުންގެ ސަބަބުން ދިމާވަމުންދާ އިޖްތިމާއީ އިޤްތިޞާދީ ގެއްލުމާއި މެދު ވިސްނާލެވެނީ ކިތައް މީހުނަށް ބާއެވެ. ވަގުތީ މަންފާއަކަށްޓަކައި މުސްތަޤުބަލުގައި ދިމާވެދާނެ ބޮޑު މައްސަލައަށް ވިސްނާލުމެއް ނެތި ކޮންމެކަމެއްވެސް ކޮށްލެވެނީއެވެ.

"ނޫރު މީގެން ރަނގަޅު އެއްޗެއް ލިބޭނެ އިނގޭ" ރާފިއު ނިކުމެގެން ދިއުމާއި އެކު އަޙްމަދު ސިނގިރޭޓެއް ނަގާ ރޯކޮށްލާ ވަރަށް ހަމަ ޖެހުމުގެ ދުންގަނޑެއް ދޫކޮށްލަމުން ނޫރާއި ދިމާއަށް ބުނެލިއެވެ.

"އާން... މަށަށްވެސް ހީވަނީ މީތިން ބަރާބަރު ފައިދާ އަންނީހެން. އެހެންވީމާ އަހުމަދުބޭ މި ނައިޓްގަ ވާނެ އޭނަ އަތުން ހުރިހާ ޑޮކިއުމަންޓް ހޯދަން" ނޫރު އަޙްމަދުގެ މަސައްކަތް އޭނާ އަށް ހަވާލު ކުރިއެވެ.

"އޯކޭ.. މަ ތިކަންތައް ކުރާނަން... އޭ ގުޅާބަލަ ވަޖީހުއަށް.. އޭނާކައިރީ ބުނޭ ކޮފީއަށް އަންނާށޭ" އަޙްމަދަށް ކުއްލިއަކަށް ކޮންމެވެސް މީހެއްގެ މަތިން ހަނދާންވެގެން އެމީހަކަށް ގުޅުމަށް ނޫރުކައިރީ ބުންޏެވެ.

"އޯ.. ޔޭސް.. އޭނަ ގެންނަން ޖެހޭނެ ނުންދޯ" އަޙްމަދު އެހެން ބުނުމާއިއެކު ނޫރު ވަގުތުން ފޯނު ނަގުމަށްފަހު އެމީހަކަށް ގުޅާލިއެވެ.
"ހަލޯ...ވަޖީހުބެ ނޫރު...ކޮބާ ކޮފީއަށް އަންނަން ވީނުން. ރަނގަޅު ޑީލް ހުންނަނީ" އެކޮޅުން ފޯނު ނެގުމާއި އެކު ނޫރު އެމީހަކު އިމްޕްރެސް ކޮށްލުމަށް ބުންޏެވެ.

"ސިޓްރަން...އާން... އޯކޭ...ރޫނު ދެން އަހުމަދުބެ ހުންނަނީ" އެކޮޅުން އައިސުވާލު ތަކަށް ނޫރު ޖަވާބު ދީ އެމީހުން ތިބި ތަން ބުނެދިނެވެ.

"ކޮބާ؟ ކީކޭ ބުނީ؟" ނޫރު ފޯނު ބޭއްވުމާއި އެކު އަޙުމަދު އަހާލިއެވެ.
"މި އަންނަނީއޭ" ނޫރު އަޙުމަދަށް ޖަވާބު ދިނެވެ.

(ނުނިމޭ) 

No comments:

Post a Comment