ހަނދާނާއި ތާރީޚުގެ ތެރެއިން:- މަންމަގެ
ޙަޔާތުން ދުވަހެއް
ޒިމް - ޒިމްސް ދަރުބާރު - 10 މެއި 2020
ފަތިހު ގޮވާލި ހާލުގެ އަޑާއި އެކު
އެނދުން ތެދުވިއެވެ. ކައިރީގައި ޖެހިގެން އޮތް އެނދުގެ ތަންމަތީގައި މަތިން ގޮއްޓެއް
ޖަހާފައިވާ ކޮއްގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ރީތީކޮށްލުމަށްފަހު އެނދުމަތީގައިވާ
އަތުފަންކާ ނަގާ ވިހުރުވާލާ ކޮއްކޮގަޔަށް ވައި ޖައްސާލުމަށްފަހު، ކައިރީގައި ހުރި
ކުޑަ މޭޒުމަތީގައިވާ ފުޅިބައްތި ނަގާ ރޯކޮށްލިއެވެ. އަދި "ޅޭ...ޅޭ... ތެދުވޭ،
ފަތިސްވެއްޖަ" ގަދަ ނިދީގައިވާ ބައްޕަގެ ގައިގާ ކޮއްޓާލާ ގޮވާލުމަށްފަހު ރޯކޮށްލި
ބައްތި ހިފައިގެން އެވަނީ ގިފިއްޔަށެވެ.
ވުޟޫކޮށްލައިގެން ނިކުމެ
ފެންފޮހެލުމަށްފަހު، ލައިގެން ހުރި ހެދުން ބަދަލުކޮށްލިއެވެ.
އަތުގައިވާ ތުވާލި ނަގާ
ދަނޑިމަތީގައި އަޅާލުމަށްފަހު އެތެރެގޭ ފިލާމަތީގައި މުއްސަލައާއި އެކު އޮޅާލާފައިވާ
ނަމާދު ދޮޅި ހިފައިގެން ބައްޕަ އާއިއެކު
އެ ހިނގައިގަތީ ޖަމާޢަތް ފެށެންވާއިރަށް މިސްކިތައް ދިއުމަށެވެ. ފަތިސްނަމާދު
ކޮށްލައިގެން އައިސް އިރު އަރާންދެން ޤުރުއާން ކިޔަވާލުމަށްފަހު، އިލޮށިފަތި
ހިފައިގެން އެނިކުތީ ގޮތީވަށައިގެންވާ މަގުމަތި ސަރަހައްދުގައި ކުނިކަހާލުމަށެވެ.
މަގުމަތި ކުނިކަހާ ސާފުކޮށްލުމަށްފަހު، ކުނިކޮޅު އޮންޏަށް އަޅާލައިގެން
ގޯތިތެރެއަށް ވަންއިރު ގޯތި ތެރެއަށް ވަދެ ތިބި ކުކުޅުތަކަށް ރޭފެލި ކިރުގެ
ހުނިކޮޅު ކުކުޅުތައް ކައިރިއަށް އަޅާލިއެވެ.
އަދި އޭރު އިރުގެ ހޫނުކަން
ދުނިޔެމައްޗަށް ވެރި ނުވެއެވެ. ހެނދުނުގެ ސައި ތައްޔާރުކުރުމަށް ބަދިގެއަށް
ވަނުމުގެ ކުރިން ގަދަ ނިދީގައި ތިބި ބޮޑަށް ތިބި ހަތަރު ކުދިންނަށް ގޮވާ އެމީހުން
ފެންވަރަން ގިފިއްޔަށް ވެއްދިއެވެ. ކުދިވެރިން ފެންވަރައިގެން ނިކުތުމާއި އެކު
ޤުރުއާން ކިޔެވުމަށް އެދުރުގެއަށް ފޮނުވާލުމަށް ފަހު އެވަނީ ބަދިގެއަށެވެ.
"ކޮބާ އިނބަގެ ތިއްތިބޭ؟ ސައިބޯން
އުމާށޭ ބޮނޭ" ޤުރުއާން ކިޔަވައިގެން އައިސް ގެއަށް ވަނުމާއިއެކު ހެނދުނުގެ
ސައިބޯން އައުމަށް ބުންޏެވެ.
ކުދިވެރިން ސައިބޯ ނިމުމުން ތަށިތައް
ނަގާފައި މެންދުރަށް ކެއްކުމުގެ ކުރިން ހެނދުނު ނަގާފާއި ހުރި ކުނި އޮންޏާ
ހަޑިވެފައިވާ ތެލިތައް ހިފައިގެން އެ ހެލިގަތީ އަތިއަށެވެ.
ދޮވެލައިގެން ގެނައި ތެލިތަކަށް
ފެންއަޅާ އަށިމަތީގައި ބަނޑުން ޖަހާލުމަށްފަހު ދޮލަނގު ހިފައިގެން އެވަނީ ގުދަނަށެވެ.
"އާޒިމް ގޮހޮބިލާ ކުޑަ
ކޮއްކެޔަ ހޭލާފިތޯ ބަލާލާން" މެންދުރަށް
ކައްކަން ބޭނުންވާ ހަނޑޫކޮޅު އަޅާފައިވާ ދޮލަނގު ހިފައިގެން އައިސް އުނގުމަތީގައި
ބަހައްޓާ ހޮވުމަށް އަތްލަމުން ބުނެލިއެވެ.
"އަނދުރު ނުވަންދެން
ފެންވަރާން ގޭދަށަށް އަރާން އޮޅީ" ކުޅެ މަޖާކުރަން އަތިރިމަތީގައި ތިބި ކުދިންނަށް
ގެއަށްދިއުމަށް ބުނަމުން އަތުގައިވާ ފާނޫޒުގެ ހޮޅިގަނޑު ތެރެއަށް ދޮންވެލިކޮޅެއް އަޅާ ފޮހެންމުން
ކުދިވެރިން ގޮވައިގެން އެ ހިނގައިގަތީ ގޭދޮށަށެވެ.
"ޅޭ ގޮހޮބިލާ ކޯކު ދަޅެއް
ގަނެގެން އުމާން" ބަނޑަށް ތަދުވާތީ އެނދުމަތީގައި ތެޅިތެޅިއޮތް ތިއްތިބެގެ
ބަނޑުގައި ކޮލްގެޓް ފުޅިން ބޭސްކޮޅެއް ނަގާ އުނގުޅާލަމުން ބައްޕަ އަށް ގޮވާލާފައި
ބުންޏެވެ.
ކުދިވެރިންނަށް ކާންދީ ތަށިތައް
ދޮވެލުމަށް ފަހު އަރާ އުނދޯލީގައި އެ އިށީނީ ކުޑަ ކޮއްކޮ ނިންދެވުމަށެވެ. ކޮއްކޮ
ނިންދަވަން އުނދޯލީގައި އިށިންގޮތައް ކޮޅަށް ނިދިފައިވާ މަންމަ އަށް ސިއްސައިގެން
ހޭލެވުނީ އުނގުގައިވާ ކުއްޖާ ވެއްޓިގެން ރޮއެގަތް އަޑަށެވެ.
ނިދާފައިވާ ކުއްޖާ ނަގާ
ތަންމަތީގައި ބާއްވާލުމަށްފަހު މަތިން މަދިރި ގޮށި ޖަހާލާފައި އެނދުގައި
އިށީންދެލިއެވެ.
ނިދާލެވޭތޯ އެނދުގައި އޮށޯވެލިއިރު
ރޭގަނޑުގެ އެ ހަމަ ހިމޭންކަމުގެ ތެރެއިން ހަމަ އެކަނި އިވެމުން ދިޔަ އަޑަކީ ގޭގެ
ފާރުގައިހުރި ގަޑީގެ ކަށި ހިނގާ އަޑާއި ފުއްޓަރަށް މުގުރަމުންދިޔަ ރާޅުގެ އަޑެވެ.

No comments:
Post a Comment