ބިދޭސީ (ތިންވަނަ ބައި) 04 މެއި 2020 ގެ އަދަދާއި ގުޅޭ
2020 ޒިމް - ޒިމްސް ދަރުބާރު - 09 މެއި
ޒާހިރާގެ ފިރިމީހާގެ މަރަށްފަހު ތިމާގެ މީހަކު މަރުވެގެން
ރަށަށް ދާން ބޭނުންކަމުގައި ބުނެ ނޫރު ވަޒީފާއިން ކެނޑިގެން މާލެ ހިނގަޖެއެވެ. ނޫރު އާއި ޒާހިރާ ރާވާފައިވަނީ ނޫރުގޮސް
މާލޭގައި ހަމަ ޖެހިލުމަށްފަހު ޒާހިރާވެސް މާލެ ބަދަލު ވުމަށެވެ.
މީހުން ބުނެއުޅެއެވެ، ކުށަށް އަރައިގަންނަން ފަށައިފި
ނަމަ ދެން އެމީހަކަށް އަބަދުވެސް އުޅެވޭނީ ކުށުގެ ތެރޭގައެވެ. އަދި އެމީހަކަށް
ފަހިވާނީވެސް ކުށްކުރުމެވެ.
ވަޒީފާއަކަށް ދިއުމުގެ ބަދަލު ނޫރު ޚިޔާރުކުރީ އެއްމެގިނަ
ފައިސާ ލިބޭ އަމިއްލަ މަސައްކަތެވެ. އޭނާގެ ވާހަކައާއި މަކަރުގެ ދަލުގައި
މީހުންޖެއްސުމަކީ އޭނާއަށް ބޮޑުކަމެއް ނޫނެވެ. މަސްތުވާތަކެތި ގަނެވިއްކުމުގެ
ވިޔަފާރީގެ ތެރެއަށް ނޫރުވަނީ ކޮންމެ ގޮތެއްވިޔަސް ވަރިހަމަށްށެވެ. އެއާއި އެކު
މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ބިދޭސީންނާއި ބޮޑެތި ގޭންގު ތަކާއި
ސިއްރު ގުޅުންތައް އިސާހިތަކު އުފެދިއްޖެއެވެ. އަދި އެ ނެޓްވޯކްގެ ތެރެއަށް ނޫރަށް
ރަނގަޅަށް ވަދެވި ބޮޑެތި ޑްރަގް ޑީލަރުންނާއި ރަނގަޅު އިތުބާރެއް އުފެއްދިއެވެ. އެއްވެސް
ބުރަކަމަކާއި ނުލާ ރެޔާދުވާލަށް އެތައްހާސް ރުފިޔާއެއް އޭނާއަށް ލިބެމުންދިޔައެވެ.
ހަމަ އެއާއިއެކު ނޫރު ދެންފަށައިގަތީ އެއްމެ ފައިދާހުރި އަނެއް ވިޔަފާރިއެވެ.
ބަންގާޅު މަސައްކަތު މީހުން ރާއްޖެއެތެރެ ކުރުމެވެ. މިކަމުގައި ނޫރުގެ ބައިވެރިންނަށްވީ އެމްޕްލޯއިމަންޓް
އެޖެންސީއެއް ހިންގާ އަޙްމަދާއި އިމިގްރޭޝަން އޮފިސަރެއް ކަމުގައިވާ ވަޖީހުއެވެ.
އަޙުމަދަކީ އެކިއެކި މަސައްކަތް ކުރުމަށް ރާއްޖެއަށް
ބިދޭސީން އެތެރެ ކޮށްދިނުމުގެ މަސައްކަތް ކުރާ މީހެކެވެ. އަޙްމަދުގެ މަސައްކަތަކީ
ބިދޭސީން ގެނަން ބޭނުންވާ ދިވެހިން ހޯދުމާއި އިމިގްރޭޝަންގެ ތެރެއިން ކުރަން ބޭނުންވާ
އެއްމެހާ މަސައްކަތްތައް ކުރުމެވެ. ގެންނަން ބޭނުންވާ ބިދޭސީން ހޯދުމާއި އެމީހުންގެ
އެއްމެހާ ކަންކަން ކުރާ މީހަކީ ނޫރެވެ. ޙަޤީގަތުގައި މި މަސައްކަތުގެ އެއްމެ
އިސްފަރާތަކީ ނޫރެވެ. މި މަސައްކަތް އަޙްމަދާއި ނޫރު ކުރަނީ މިކަމުން އެ މީހުނަށް
ވަރަށް ބޮޑު ފައިދާއެއް ވާތީއެވެ. އެކަން އަޙްމަދުގެ ލައިފް ސްޓައިލަށް
ބަލާލުމުންވެސް ވަރަށް ސާފުކޮށް އެނގެއެވެ. ހަމައެއާއިއެކު އަޙުމަދުގެ ޕާޓްނަރު
ނޫރު އަކީ މިލިއަނަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިލިއަނަރަކަށް ނުވާންވީ
ކީއްވެ ހެއްޔެވެ؟ އަންނަ ކޮންމެ ބިދޭސީއެއްގެ އަތުން އެމީހުން ކަމިޝަންގެ ގޮތުގައި
ހާދަ ބައިވަރެއް ނަގައެވެ.
"ހަލޯ.. އޭ ނޫރު ކަލޭ ކޮންތާކު ތިއުޅެނީ؟"
ނޫރުއަކީ ބިދޭސީން ގެނައުމުގައި އަޙްމަދުގެ އެއްމެގާތް ޕާޓްނަރު ކަމުން މިއަދު މި
ލިބުނު ރަނގަޅު ޕްރޮޖެކްޓް ގެ ވާހަކަ ޙިއްޞާކުރަން އަޙްމަދު އެއްމެ ފުރަތަމަވެސް
ބޭނުންވީ ނޫރާއެވެ.
"ކީކޭ.. އަޙްމަދުބޭ؟ ނޫރު މިވަގުތު ރޫމްގަ ހުންނަނީ"
ރޭ ހަތަރުދަމު ހޭލާ އުޅުމަށްފަހު ނޫރު ނިދީ ފަތިސްވި ފަހުންނެވެ. ތެދުވެ
މޯޅިއަކަށް ދެމިލުމަށްފަހު އަޙްމަދުގެ ކޯލަށް ޖަވާބުދިނެވެ.
"ވަރަށް އަވަހަށް އާދެބަލަ ސިޓްރަން އަށް، ވަރަށް
ރަނގަޅު ޑީލެއްހުރީ" އަޙްމަދު ބޭނުންވީ ވަގުތު ނަގާނުލާ ވީހާވެސް އަވަހަށް
އެކަމާއިގެން ކުރިއަށްދާށެވެ.
"އޯކޭ.. ދީ ޓްވެންޓީ މިނިޓް. މައެތާ
ހުންނަނީ" ނޫރު އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އަޙްމަދު އެހާ
އެމަޖެންސީކޮށް ގުޅާނީ ރަނގަޅު ޑީލެއް ލިބުނީމަކަން ނޫރަށް އެނގެއެވެ.
ސިޓްރަންއަށް ވަނުމާއިއެކު ތޮށިގަނޑާއިވި ފަރާތު ކަނުތެރެއަށްވާގޮތަށް
ހުރި މޭޒުގައި އަޙްމަދު އެހެން މީހަކާއިއެކު އިންތަން ނޫރަށް ފެނުނެވެ.
"ނޫރު މިއީ ރާފިއު" ނޫރު ގޮނޑިދަމާލާފައި އިށީންނުމާއި
އެކު އަޙުމަދު ނޫރަށް ރާފިޢު ތަޢާރަފު ކޮށްދިނެވެ.
"ރާފިއުބެ ކިހިނެތް؟"
"ވަރަށް ރަނގަޅު" ނޫރު ދިއްކޮށްލި އަތުގައި
ހިފާ ސަލާމް ކޮށްލުމަށްފަހު ރާފިއު ނޫރަށް ޖަވާބުދިނެވެ.
"މަށަށް ގެނެސްދީ ނެސްކެފޭ މިލްކެއް.
ރާފިއު ކޯޗެއް ގެންނާނީ؟" ބިދޭސީ ވެއިޓަރ އައިސް މޭޒު ކައިރީ ހުއްޓުމާއި އެކު
ޢަހުމަދު ވެއިޓަރަށް ބަލާލަމުން ބުނެލިއެވެ.
"މަށަށްވެސް އޯކޭވާނެ ނެސްކެފޭ މިލްކެއް"
ރާފިއު ކޮންމެހެން ތަފާތު އެއްޗެއް ގެންނާކަށް ބޭނުމެއް ނުވިއެވެ.
"ރާފިއުބެ ކާން ވީނުން މީ ކާގަޑިނު" ނޫރު
ރާފިއު ކައިރީ ބުންޏެވެ.
"ނޫނޭ... އޯކޭވާނެ. މިގަޑީގަ ނުކާނަން"
ރާފިއު ނޫރަށް ޖަވާބު ދިނެވެ.
"ބައި މަށަށް އޭކު ރެޑް ބުލް ގެނޭ. ސިނގިރޭޓް
ފޮށްޓެއް ގެންނަށްޗޭ!" ނޫރު ވެއިޓަރު ކައިރީ އެހެން ބުނެފައި އޭނާގެ
ޖީބުގައިވާ ސިނގިރޭޓު ފޮށިން ސިގިރޭޓެއް ނަގާ ރާފިއުއަށް ދިއްކޮށްލިއެވެ.
"ނޫނޭ މަށެއް ނުބޮން" ރާފިއު އަތު ނޫނެކޭ
ބުނުމަށް އިޝާރާތް ކޮށްލަމުން ސިގިރޭޓް ބޭނުން ނުވާކަމަށް ބުންޏެވެ.
"ރާފިއު. މިއީ ނޫރު.. ނޫރު މިއީ އަހަރުމެންނަށް
ބަނގުލަދޭސުން މީހުން ގެނެސްދޭ މީހަކީ. ކަލޭ ކޮންމެ ކަމަކަށް ބޭނުންވާ މީހެއް
ބޭނުންވިޔަސް ބުނަންވީ. މައްސަލައެއް ނެތް" އަޙުމަދު ނޫރާއި ދިމާއަށް
އިޝާރާތް ކޮށްލަމުން ރާފިއުއަށް ނޫރު ތަޢާރަފު ކޮށްދިނުމާއި އެކު ނޫރު އަޙްމަދު
އެބުނިއެއްޗަކަށް ބޯޖަހާލަމުން އަތުގައިވާ ސިނގިރޭޓު ނަގާ ތުނބުގައި ޖަހާ ދަމާލުމަށް
ފަހު ފުންނޭވާ އަކާއިއެކު ސިނގިރޭޓް ގެ ދުންތައް ބޭރުކޮށްލިއެވެ.
"މިހާރު އަހަރުމެން ކިހިނެއް ހަދާދޭންވީ؟"
އަޙުމަދު ރާފިއު ބޭނުންވެގެން އުޅޭކަމެއް އޮޅުންފިލުވާލުމަށް އަހާލިއެވެ.
"އާން... މިއުޅެނީ އަހަރުމެންގެ ގެ ހަދަން
ޖެހިގެން ބޭރު މީހުން ކޮޅެއް ގެންނަން ޖެހިގެން. ކިހިނެއްތަ ހަދަން ޖެހެނީ؟" ވެއިޓަރ
ގެނެސް ބެހެއްޓި ކޮފީތަށިން ކޯވަރެއް ދަމާލުމާއިއެކު ރާފިއު ބޭނުންވެގެން އުޅޭ
ކަންތައް އަޙުމަދަށް ހުށައަޅާލިއެވެ.
"ތިއީ އެއްވެސް ކަމެއް ނޫނެއްނުން"
އަޙްމަދު ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
"ރާފިއު ބޭ އަތުގައި ކޯޓާ ހުންނަނީތަ؟"
ނޫރު ރާފިއުކުރެން އަހާލިއެވެ.
"ނޫން.. ކޯޓާއެއް ނެތް.. ކޯޓާ ނަގަން ޖެހޭނީ..
ކޯޓާ ނަގަން ހަދަން ޖެހޭނީ ކިހިނެތް؟" ރާފިއު ނޫރަށް ޖަވާބު ދެމުން ސުވާލު
ކޮށްލިއެވެ.

No comments:
Post a Comment