ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއިމެދު ދިވެހިން ދެކޭގޮތް
ޒިމް - ޒިމްސް ދަރުބާރު - 05 މެއި 2020
ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ މިހާރު ވަރަށް
ބޮޑުވެފައިވާ މައްސަލައެކެވެ. އަދި ރައްޔިތުންގެ މެދުގައި އެކަމުގެ ކަންބޮޑުވުންތައް
ނުހަނު ބޮޑަށް އޮތް އެކަމުގެ ބަހުސުތައް ވަރަށް ހޫނުވެފައިވާ މައްސަލައެކެވެ.
ގިނަބަޔަކު ބުނާގޮތުން ބިދޭސީންވަނީ ރާއްޖޭގެ އެއްމެހާ ވިޔަފާރިތަކާއި އެއްމެހައި
މަސައްކަތްތައް އެމީހުންގެ އަތްދަށުލާފައެވެ. އެއީ ދޮގެއްކަމުގައިވެސް ބުނެވޭކަށް
ނެތެވެ. ދަނޑުވެރިކަމުން ހައްދާއެއްޗެއް ގަތަސް މިއަދު ގަންނަން ޖެހެނީ އެމީހުންގެ
އަތުންނެވެ. މަސްކޮޅެއް ބޭނުންވިޔަސް ގަންނަން ޖެހެނީ އެމީހުންގެ އަތުންނެވެ.
ވިޔަފާރި މުދަލެއް ގަތަސް އެވިއްކަންވެސް ތިބެނީ އެމީހުންނެވެ. އުމްރާނީ
މަސައްކަތެއް ކުރިނަމަވެސް އެކަމަށްވެސް އަގެއް ހޯދަންޖެހުނަސް އެ އަގުވެސް ހޯދަން
ޖެހެނީ އެމީހުންގެ އަތުންނެވެ. މަދު ތަނަކުން ނޫނީ މިއަދު ދިވެހިންނަށް
ޚިދުމަތްކުރަން ދިވެހިން އުޅޭތީ ނުފެނެއެވެ. ދިވެހިން މިއަދު އުޅޭތަން ފެންނަނީ
ކޮފީ މޭޒުތަކުންނެވެ. ސިޔާސީ އެއްވުންތަކުންނެވެ. މަސްތުވާތަކެތީގެ ގުރޫޕްތަކުންނެވެ.
ކުޅިވަރު ދަނޑުތަކުންނެވެ.
ބިދޭސީން ޤަވައިދާ ޚިލާފަށް އުޅޭތީ ދިވެހިންގެ ތެރެއިން އެއްބަޔަކު ކުށްވެރި
ކުރަނީ ދިވެހި ރައްޔިތުންނެވެ. އެމީހުން ބުނާގޮތުން ބިދޭސީން ގިނަވީ ދިވެހިންގެ
ކަންނެތް ކަމުންނެވެ. އަދި އެމީހުން ޤަވައިދާ ޚިލާފަށް އުޅެނީ ދިވެހިން އެމީހުންގެނެސް
އެމީހުނަށް އަޅާނުލާ ދޫކޮށްލީމައެވެ. މިގޮތަށް ޤަބޫލުކުރާމީހުން ބުނަމުން ދަނީ
އެމީހުން އެތެރެކުރި މީހުންހޯދާ އެމީހުނަށް އަދަބުދިނުމަށެވެ. ވިސްނާލަން ޖެހޭ
ކަމަކީ އެމީހުން އެތެރެކުރީ ވަޒީފާދޭ ފަރާތްތޯ ނުވަތަ އެޖެންސީތައްތޯ ނޫނީ އެމީހުނާއި
ގުޅިފައިވާ ބޭރުގެ އެޖެންޓްތޯއެވެ. ކޮންމެމީހަކު އެތެރެކުރިނަމަވެސް އެމީހުން އެތެރެވެފައިވާނީ
ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިއެއް ނުވަތަ ދިވެހި ފަރުދެއްގެ
ނަމުގައެވެ. އަނެއްބަޔަކު ކުށްވެރި ކުރަނީ
ސަރުކާރެވެ. އަދި ބޭރުމީހުން އެތެރެކުރާ އެޖެންސީތަކެވެ. މިގޮތަށް ދެކޭމީހުން
ބުނާގޮތުން އެމީހުން ޤަވައިދާ ޚިލާފުވުމުން ފޮނުވާލުމަކީ ސަރުކާރުގެ ޒިންމާއެކެވެ.
އަދި އެމީހުން ރަށަށް ފޮނުވަންޖެހޭ ހާލަތެއްގައި ފޮނުވާލުމަށްޓަކައި ޓިކެޓްނަގާނެ
ފައިސާ އިމިގްރޭޝަންގައި ޑިޕޮސިޓް ކޮށްފައި ވާނެކަމަށް އެމީހުން ބުނެއެވެ. އެމީހުން
ބުނާގޮތުން ޤަވައިދާ ޚިލާފަށް މީހުން އެތެރެކުރަނީ ސަރުކާރުގައި މަސައްކަތް ކުރާ
ކޮންމެވެސް އިސްފަރާތްތަކެކެވެ. މިކަމުގެ ނާޖާއިޒު ފައިދާ ނަގަނީ
އެފަރާތްތަކުންނެވެ.

No comments:
Post a Comment