Saturday, September 19, 2020

ސެޕްޓެމްބަރ 19-20

  ސެޕްޓެމްބަރ 19-20

ހަސާޒިމް | 19 ސެޕްޓެމްބަރ 2020 | ޒިމްސް ދަރުބާރު



ފުރަތަމަ ބައި

  

ބަންދު ދުވަހެއް ނަމަވެސް އޮފީހަށްދިޔައީ އާދީއްތަ ދުވަހު އޮފީސް ހުޅުވެން ވާއިރަށް ނިންމަން ޖެހިފައިވާ މަސައްކަތްތަކެއް ހުރުމުންނެވެ. މަސައްކަތުގެ ތެރެއަށް ގެއްލިފައިވަނިކޮށް ސިއްސައިގެންދިޔައީ މޭޒުމަތީގައި އޮތް މޮބައިލް ފޯނު ރިންގުގެ އަޑަށެވެ. ފޯނުނެގުމަށްފަހު ރިންގު މަޑުކޮށްލަމުން ފޯނަށް ބަލާލީމެވެ. ފޯނު ގައި ސޭވް ކުރެވިފައިވާ ނަމްބަރަކަށް ނުވުމާއިއެކު ގުޅަނީ ކާކުކަން ނޭންގޭތީ ފޯނު ނުނެގީ ފެށޭހަފުތާގައި އަންދާސީ ހިސާބުގެ މަސައްކަތެއް އޮފީހުގެ ފަރާތުން ކޮންޓްރެކްޓަރުންނާއި ހަވާލުކުރުމަށް ހަމަޖެހިފައި ވުމާއިއެކު އެކި ފަރާތްތަކުން އެކަމާއިގުޅިގެން ތަފާތު ބޭނުންތަކުގައި ގުޅަމުންދާތީއެވެ. ފޯނަށް ޖަވާބެއް ނުދިނުމުން ފޯނު ކެނޑުނެވެ. އެހެންނަނަމަވެސް އަނެއްކާވެސް ހަމަ އެ ނަމްބަރުން ގުޅިއެވެ. ފޯނު ނުނަގާނަމޭ ހިތާ އިރުކޮޅަކު އިނުމަށްފަހު ފޯނުނެގީ ތަކުރާރުކޮށް ގުޅަން ފެށުމުންނެވެ.

"ޢާޒިމް... އިއްބެއަށް ވަރަށް ބޮޑުކަމެއް ކޮށްދޭން ވެއްޖެ!" ފޯނު ނެގުމާއިއެކު ކަންފަތުގައި އައިސްޖެހުނީ ގިސްލަމުން ދިޔަ އިއްބެގެ އަޑެވެ.  

އިއްބެއަކީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ އަހަރެންގެ ރައްޓެއްސަކަށް ވުމާއިއެކު ފޯނުކޯލް އައީ ޖަލުންކަން އަހަރެންނަށް އެނގުނެވެ.

ވެގެން އުޅެނީ ކިހިނެއްކަން ނޭންގިފައި އަހަރެން ދެލޯ ބޮޑުކޮށްގެން ހައެރާންވެފައި އަޑުއަހަން ހުރެވުނީ ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ހިތައް އެރުމުންނެވެ.

"ޢާޒިމް...ޕްލީޒް، ޕްލީޒް" އަހަރެން ބަހެއް ނުބުނެ ހުރުމުން އިއްބެ ރޮއިގެންފައި ވަރަށް ބާރަށް ބުންޏެވެ.

"އޭއް! ކީކޭ އިއްބޭ؟ ކިހިނެއްވީ؟ ކީއްކޮށްދޭންވީ؟" އިއްބެ ގޮވާލުމުން އަހަރެން ސިހިގެން ގޮސްފައި އެއްފަހަރާއި ސުވާލުތައް އަހާލީމެވެ.

"ރޭގަ....އަހަރެންގެ ކޮއްކޮ ޖަލުގައި ތަޅާ މަރާލައިގެން މިއަދު މާލެ ގެންގޮސްފި" އިއްބެ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ.

"ކީކޭ!... އިއްބެގެ ކޮއްކޮއޭ!" އަހަރެން ހައެރާންވެފައި އެހީމެވެ.

އެއީ އިއްބެ ކޮއްކޮއެއް ޖަލުގައިވާކަމެއް އަހަރެންނަށް ކުރިން އެނގިފައެއްނެތެވެ.

"އާން.. އަހަރެންގެ ކޮއްކޮ، ނަސީމްބެގެ އިވާނުވަނީ ރޭ ސިފައިން ތަޅާމަރާލާފަ" އިއްބެ އަހަރެންނަށް އިތުރަށް އޮޅުންފިލުވާދިނެވެ.

"އެހެންވީއިރު ޢާޒިމް އިއްބެއަށް ކީއްކޮށްދޭންވީ؟" ވާނުވާނޭނގިފައި އަހަރެން އިއްބެއާއި ކުރީ ސުވާލެކެވެ.

"އަހަރެން ބޭނުން އޭނަ ވަޅުލުމުގެ ކުރިން އޭނަގެ މޫނުބަލަން މާލެދާން" އިއްބެ ރޮއެ ރޮއެފާ އާދޭސް ކުރަމުން ދިޔައެވެ.

"ތިކަމުގައި ނާފިޒަށް ކީއްކޮށްދެވޭނީ އިއްބޭ...؟" އަހަރެން އެހީމެވެ.

"ޢާޒިމްދޭ ޕެނިޓެންޝަރީ އަށް، އެތަނަށްގޮސް އަދުނާނާއި ބައްދަލުކުރޭ! އެނާއާއި ބައްދަލުކޮށްފަ ބުނޭ އިވާނުއެއީ އިއްބެގެ ކޮއްކޮއޭ އިއްބެ ބޭނުމޭ ކޮއްކޮގެ މޫނު ބަލަން މާލެ އަންނަން، އެހެންވީއިރު އިއްބެއަށް މާލެ އާދެވޭނެގޮތް ހަދާދޭށޭ!" އިއްބެ ކަންތައް ކުރަންވާގޮތް އަހަރެންނަށް ބުނެދިނެވެ.

"އެކަމަކު އަހަރެން އެހެންބުނީމަ އެމީހުން އެގޮތަށް ހަދާނެތަ އިއްބެ؟" އިއްބެ އެބުނިގޮތް ވެދާނެކަމާއި މެދު އަހަރެންނަށް ޝައްކުވިއެވެ.

"އާން، އޭނަ އެކަންކޮށްދޭނެ، އެއީ އަހަރެންގެ ވަރަށް ގާތްމީހެއް، ޕްލީޒް ޢާޒިމް، އިއްބެއަށް ދުވަހަކު ކަމެއް ކޮށްދެންޏާ މިކަން ކޮށްދީ!" އިއްބެ އާދޭސް ކުރަންފެށިއެވެ. އެހެންނަމަވެސް އެކަން ކުރާހިތެއް އަހަރެން ނުވިއެވެ. ސަބަބަކީ އެކަމަކީ އަހަރެންނަށް ވަރަށް އާކަމަކަށް ވުމުގެ އިތުރުން އަހަރެންނަކީ އޭގެ ކުރިން އެއްވެސް މައްސަލައެއްގައި ތަނަކަށް ގެންގޮސްފައިވާ މީހަކަށް ނުވުމާއިއެކު އަހަރެން އެކަމަށް ޖެހިލުންވެ ބިރުގަތުމެވެ. އެހެންނަމަވެސް އިއްބެ އަކީ އަހަރެން ކިޔެވި ދުވަސްވަރު އަހަރެން ހުންނާނެ ތަނެއްނެތި މަގުމަތިވި ދުވަހު އޭނަގެ ގެއިން ބޯހިޔާވަހިކަމެއް އަހަރެންނަށް ފޯރުކޮށްދިން މީހާކަމަށްވުމުން އެއްމެފަހުން ހިތާއި ދެކޮޅަށް އެކަމަށް އެއްބަސްވީމެވެ.

"އޯކޭ މިދަނީ" އަހަރެން އިއްބެއަށް ޔަގީންކަން ދިނީމެވެ.

"އެތަނަށްގޮސްފަ ވާގޮތެއް އިއްބެއަށް އަންގާ! މާގިނަވަގުތެއްނެއް ފަހަރެއްގަ ފޯނުގެ ޚިދުމަތް މެދު ކެނޑިދާނެ" އިއްބެ ވަރަށްހާސްވެހުރެ ވާހަކަދައްކަމުން ގެންދިޔައެވެ.

"އޯކޭ" އަހަރެން އެހެން ބުނުމަށްފަހު ފޯނު ކަނޑާލީމެވެ.

"މިޖެހުނީ ކިހާބޮޑުކަމެއް" ފޯނު ބޭއްވުމަށްފަހު ކުރަންޖެހުނު ކަންތަކުގެ ބޮޑުކަމުން ފުންނޭވާއެއް ލުމަށްފަހު ބޮލުގައި އަތް ހާކާލަމުން އަމިއްލަ ނަފުސަށް ބުނެލީމެވެ.

 

ކޮމްޕިއުޓަރ ނިއްވާލުމަށްފަހު ޕެނިޓެންޝަރީއަށް ދިއުމަށްޓަކައި ސައިކަލަށް އަރައި ދުއްވާލީމެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު އެކި ފަރާތް ފަރާތަށް ލޯހިންގަމުން ޕެނިޓެންޝަރީއަށް ވަނީމެވެ. ކަންދިމާކުރިގޮތުން އެއީ ބަންދު ދުވަހެއްކަމުން ޕެނިޓެންޝަރީގެ އެއްވެސް ވެރިޔަކާއި ބައްދަލުވާގޮތެއް ނުވިއެވެ. އަހަރެންގެ ވާޖިބު އަދާކުރެވުނީކަމަށް އަހަރެން ނީންމީމެވެ. އަދި އިއްބެއަށްގުޅާފައި އަދުނާނާއި ބައްދަލު ނުވި ވާހަކަ ބުނީމެވެ.

"އެހެންވީއިރު ޢާޒިމް ދޭބަލަ ނަސީމްބެމެން ގެއަށް، ނަސީމްބެކައިރީ ބުނޭ އެވާހަކަ" އަހަރެންނަށް އެކަމުން އެހާފަސޭހައިން ސަލާމަތް ވެވޭނެގޮތެއް ނުވިއެވެ.

"ކޮންތާކު އެގެ ހުންނަނީ؟" އަހަރެން އެގެ ހުންނަތަން އިއްބެ ކުރެން އޮޅުން ފިލުވީމެވެ. އެގެ ހުންނަ މަގާއި އެގޭގެ ނަން އިއްބެ އަހަރެންނަށް އޮޅުންފިލުވާދިނެވެ.

"ނަސީމްބެ އުޅޭނެ ގޭގަ، ނަސީމްބެ މިއަދު އިންޑިއާގަ ހުރެފަ އެއައީ" އިއްބެ އެނައާއި ބައްދަލުވާނެ ކަމުގެ ޔަޤީންކަން ދިނެވެ.

"އޯކޭ، މިދަނީ، ވާގޮތެއް އަންގާނަން!" އަހަރެން އެހެންބުނުމަށްފަހު ފޯނުކަނޑާލާފައި އެގެއަށް ދިއުމަށްޓަކައި ސައިކަލަށް އަރައިގެން ދުއްވާލީމެވެ.

 

އެއީ ވަރަށް ނުރައްކާތެރި ހިސާބެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ބޭނުންކުރުމާއި މާރާމާރީގެ ކަންތައްތައް ބޮޑު ހިސާބެކެވެ. އެދުވަސްވަރު މާލޭގެ އެފަދަ ގުރޫޕްތަކުގެ މެދުގައި މަސްހޫރުވެފައިވާ ރެޑްލައިން ސިޓީގެ ސަރަހައްދެވެ. އެގެއާއި ހަމައަށް ދެވުމާއިއެކު އެގޭ ދޮރުމަތީގައި ސައިކަލު ޕާކުކޮށްލުމަށްފަހު ވަރަށް ޖެހިލުންވެ ހުރެ އެގޭތެރެއަށް ވަނީމެވެ.

"އައްސަލާމް އަލައިކުމް" ގޭތެރެއަށް ވަނުމަށްފަހު އަހަރެން ސަލާމް ގޮވާލީމެވެ.

އެއާއެކު ގޭތެރެއިން އަންހެންކުއްޖަކު ނިކުމެ ސަލާމް ބަލައިގަތެވެ.

"ނަސީމް އުޅޭތޯ" އަހަރެން އޭނާކުރެން އަހާލީމެވެ.

"އެންމެންވީ ހޮސްޕިޓަލުގަ" އޭނާ ގޭ މީހުން ވާތަން ބުންޏެވެ.

"ތޭންކްސް" އަހަރެން އެހެން ބުނެފައި ނިކުތީމެވެ. އަހަރެންގެ މަސައްކަތް ހައްތަހާ ބުރަވާގޮތައް ކަންތައްތައް ވަމުންދިޔައެވެ. ސައިކަލަށް އަރައިގެން ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހީމެވެ.

 

މިއަދު އައި.ޖީ.އެމް ހޮސްޕިޓަލް ފެންނަނީ އެހެނިހެން ދުވަސްތަކަށްވުރެ ހަލަބޮލިކޮށްށެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ހޮސްޕިޓަލުގެ ތެރެއަށްވަނީމެވެ.

"މިއަދު މިތަނަށް ޖަލުންގެނައި މީހާ މިތާ އެބައޮތްތަ؟" އިމަޖެންސީ ފަރުވާދޭ ކޮޓަރި ކުރިމަތީގައި ހުރި ހޮސްޕިޓަލުގެ މުއައްޒިފެއްކުރެން އަހާލީމެވެ.

"އޭނަ މިހާރު އާސަހަރާއަށް ގެންގޮސްފި" އަހަރެން އެހީ މަރުވެގެން ގެނައި މީހާގެ ވާހަކަކަން އޭނާއަށް އެނގުމާއިއެކު އޭނާ މިހާރުވާތަން އެމީހާ ބުނެދިނެވެ. އަހަރެންގެ ޓާސްކް ނިމޭގޮތެއް ނުވިއެވެ. އަހަރެން ބޭރަށް ނިކުތުމަށްފަހު ފޯނުނަގާ އިއްބެ ގުޅި ނަންބަރަށް ޑައިލް ކޮށްލީމެވެ. ދިރާގުން ބުނަނީ ފޯނު އެވަގުތު ނިއްވާލާފައިވާ ކަމަށެވެ. އަހަރެން ތަކުރާރުކޮށް އެތައް ފަހަރަކު އިއްބެއާއި ގުޅަން މަސައްކަތްކޮށް އެކަން ކާމިޔާބު ނުވުމުން، އެކަން ހުއްޓާލާފައި އޮފީހަށް ދިއުމަށް ނިންމީމެވެ. އަހަރެންގެ ކުށެއްނެތްތާއެވެ. އެކަން ކުރެވޭތޯ އަހަރެން ވަރަށް މަސައްކަތް ކޮށްފީމެވެ. ޖަލުގެ ހުރިހާ މުއާސަލާތީ ޚިދުމަތެއްވަނީ މެދު ކެނޑިފައެވެ.

 

ގަޑިން ވަނީ އެގާރަގަޑި ބައިވެ މެންދުރާ ކައިރިވެފައެވެ. އަހަރެން ގޮސް އޮފީހަށް ވަނުމާއިއެކު ޖީބުގައިވާ ފޯނު އަނެއްކާވެސް ރިންގުވާން ފެށިއެވެ. މިފަހަރުވެސް ނުދަންނަ ނަމްބަރެކެވެ.

"ހަލޯ" އަހަރެން ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ގޮވާލީމެވެ.

"އާޒިމްތަ؟" އަހަރެން ގޮވާލުމާއި އެކު އެކޮޅުން އެހީ ސުވާލެކެވެ.

 

"އާން. އާޒިމް، ވަހީދުތަ؟" ޖަވާބުދެމުން އަހަރެން އަހާލީމެވެ.

"އާން. ވަހީދު، ކޮންތާކު ތިއުޅެނީ؟" ވަހީދު ޖަވާބުދެމުން އަހަރެން ހުރިތަނެއް އެހިއެވެ.

"އޮފީހުގަ" އަހަރެން ބުނީމެވެ.

"އެބަދަން، ވަރަށް ބޮޑުކަމަކާއި ވާހަކަ ދައްކާލަންވެފަ އެބައޮތް ވަގުތު އެބައޮތްތަ؟" ވަހީދުގެ އަޑުގައިވަނީ ނުތަނަވަސްކަމެވެ.

"އާން...... އާދޭ!" އަހަރެން އެހެން ބުނުމަށްފަހު ފޯނު ކަނޑާލުމަށްފަހު ފުންނޭވާއެއްލާ ބޯހޫރާ ލެވުނެވެ.

"މިއަދު މިއީ ކޮންކަހަލަ ދުވަހެއްތަ؟ އިރުކޮޅަކުން ކޮންމެވެސް ކަމަކާއި އެބަ ލައިގަނޭ" އަހަރެންގެ އަމިއްލަ ނަފުސަށް ބުނެލީމެވެ.

 

ވަހީދުއަކީ އަހަރެންގެ ކުޑައިރުއްސުރެ  ވަރަށް ގާތް ރައްޓެއްސެކެވެ. އަހަރެން ކިއެވުމަށްޓަކައި ރަށުންބޭރަށް ފުރުމުގެ ކުރިން އަހަރެންނާއި ވަހީދު އަބަދުވެސް އުޅުނީ އެކުގައެވެ. ކުޑައިރުގެ ކުޅުމުގެ ދުވަސްތައް ހޭދަކުރީ އެކީގައެވެ. އަހަރެންމެން ވަކިވިފަހުން ވަރަށް މަދުންނޫނީ ބައްދަލު ނުވެއެވެ. އޭގެފަހުން މިހާރު 15 ވަރަކަށް އަހަރު މާޒިވީއެވެ. އަދި އަހަރެން މާލެއައިފަހުން ވަހީދުގެ އެކުވެރިންނަށް ޚިޔާރުކުރި މީހުންގެ ސަބަބުން ވަހީދުގެ ދިރިއުޅުން ޑްރަގާއި މާރާމާރިގެ ތަފާތުގެ މައްސަލަ ތަކުގައިވަނީ ބަނަވެގެން ގޮސްފައެވެ. ދާދިފަހުންވެސް ޖަލުގެ ޙުކުމެއް ނިންމުމަށްފަހު މިހާރު މަސައްކަތް ކުރަމުންދަނީ ކޮންސްޓްރަކްޝަން ގުރޫޕަކާއިއެކު ރިސޯޓެއްގެ މަސައްކަތުގައެވެ. ޖަލުގެ ޙުކުމުގެ ކުރިން އެހެން މައްސަލައެއްގައި އުތުރު ރަށަކަށް އަރުވާލާފައި ހުރިއިރު އެރަށުން ކުއްޖަކާއި އިނދެގެން މިހާރު ދެމީހުންވެސް ދިރި އުޅެމުންދަނީ މާލޭގައެވެ. ވަހީދުގެ އަންހެނުން ހައްވައަކީ ވަހީދު ވަރަށް ލޯބިވާ މީހެކެވެ. ހައްވަ އަކީ ވަހީދު ހައްވަމެންގެ ރަށަށް އަރުވާލާފައިހުރިއިރު ވަހީދުއަށް އެއްމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތެވެ.

 

ކުޑައިރުކޮޅެއްފަހުން ވަހީދު އަހަރެމެންގެ އޮފީހަށް އައެވެ.

"ޢާޒިމް ހޯދަން މީހަކު އައިސް އެބަހުރި" ނާފިޔާ  އައިސް އެހެން ބުނުމުން އަހަރެން ބޭރަށް ނިކުތީމެވެ.

"ކޮބާ ކިހިނެއްތަ؟" ވަހީދު ފެނުމާއިއެކު އަހަރެން އަހާލީމެވެ.

"ހާލު ރަނގަޅު އެކަމު ވަރަށް ބޮޑު ކަމަކާއި ދިމާވެގެން މިއުޅެނީ، ޢާޒިމްގެ ލަފައެއް މިކަމުގަ ބޭނުންވެގެން މިއައީ" ވަހީދު ހިތްނުތަނަވަސް ހުރެ ވާހަކަ ދެއްކިއެވެ.

"ކިހިނެއްވީ؟" އަހަރެން ވަހީދުކުރެން އެހީމެވެ.

"ތަންކޮޅެއް ހަމަޖެހިލައިގެން ތިބެ މިވާހަކަ ދެއްކޭނީ" ވެގެން އުޅެނީ ކިހިނެއްތޯ އެހުމުން ވަހީދު ބުންޏެވެ.

"ހިގާ ކޮފީއަކަށް، ކޮފީއެއްގަ ތިބެގެން ތިކަމާ ވާހަކަ ދައްކާލާނީ" އަހަރެން ބުނީމެވެ.

"ތިއީ އެއްމެ ރަގަޅު ގޮތަކީ" ވަހީދުވެސް އަހަރެންނާއި އެއްބަސް ވިއެވެ.

"އޭއް...ޢާޒިމްމިއަދު ޖަލުން މީހަކު މަރުވެގެ ގެނެސްގެން އެބައުޅޭ ދޯ؟" ހިނގައިގަތުމާއިއެކު ވަހީދު އަހަރެންކުރެން އެހިއެވެ.

"އާން.. މަވެސް މިއައީ ތީގެ ކަމެއްގަ ތެޅިތެޅިފަ" ވަހީދު އެހެންބުނުމުން އަހަރެން ބުނީމެވެ.

"ޢާޒިމާއި އެކަމާއި ކޮންގުޅުމެއް؟" އަހަރެން އެހެންބުނުމުން ވަހީދު ހައެރާންވިއެވެ.

ކަންތައްވިގޮތް އަހަރެން ވަހީދުއަށް ކިޔައިދިނީމެވެ.

"ހިނގާބަލަ އާސަހަރާއަށް ގޮސްލަން" އަހަރެން ބުނެފައި ދެމީހުން އެކުގައި ސަހަރާއަށްދިއުމަށް ސައިކަލަށް އަރާ ދުއްވާލީމެވެ. ގިނަބައެއްގެ މިސްރާބު ވަނީ މިއަދު މަރުވެގެން ޖަލުން ގެނައި މީހާގެ މޫނުބެލުމަށްޓަކައި އާސަހަރާއާއި ދިމާއަށެވެ. އަހަރެމެންވެސް ސައިކަލު ޕާކުކޮށްލުމަށް ފަހު ސަހަރާގެ ތެރެއަށް ވަނީމެވެ.

"އޯހް.. ނޯ..." ސަހަރާގެ ހިނަވާގޭގެ އަށިގަނޑުމަތީގައިވާ މަރުވެފައިވާ މީހާ ފެނުމާއިއެކު އަހަރެންނަށް ބޭއިހުތިޔާރުގައި ބުނެވުނެވެ. މަރުވެފައިވާ މީހެއްނޫނެވެ. ތަޅާއަނިޔާކޮށް މަރާލާފައިވާ މީހެކެވެ. އަތާއި ފައިގެ އެކިތަންތަންވަނީ ފިހިފައިވާހެންނެވެ. އަތުގައި ކޮންމެވެސް އެއްޗެއް ވަރަށް ބާރުކޮށް  އައްސާފައިވާކަން އެނގެން ހުއްޓެވެ. ގައިގެން އެތަންމިތަންވަނީ ނޫފައިގެންފައެވެ. އެމީހާގެ އާއިލާގެ މީހުން އެތަނުގައިތިބެ ރޮމުން ދިޔައެވެ. އެދިމާއަށް މިސްރާބުޖަހާފައިވާ މީހުންތައް އާސްހަރާގެ ތެރެއަށް ޖަމާވަމުން ދިޔައެވެ.

ބޭރުން ބަޔަކު ރޮއެގަތް އަޑާއިއެކު އަނެއްކާވެސް ހިނަވާގެތެރެއްއަށް ގެނެސް އެވެއްދީ މަރުވެފައިވާ މީހެކެވެ. މީހުންތަކުގެ ތެރެއިން ދަތިގޮތަކަށްގޮސް އަހަރެން އޭނާބަލާލީމެވެ. ފެންނަމުން ދިޔަ މަންޒަރުތައް އަހަރެންނަށް ގަބޫލު ކުރަން ދަތިވިއެވެ. އޭނާ މަރުވެފައިވަނީ ބޮލަށް ވަޒަން އަރައިގެންނެވެ. ބޮލުގައިވާ ޒަޚަމުވަރަށް ރީއްޗަށް ފެންނަން ހުއްޓެވެ. އެއީ އޭގެ ކުރިން އަހަރެން ދެކެފައިވާފަދަ ކަންތައްތަކެއްކަމަށް ނުވުމާއިއެކު އެތަންބަލާކަށް މާގިނައިރު ހުރެވޭހާ ހިތްވަރެއް ނުލިބުނެވެ.

"ހިގާބޭރަށް ނިކުންނަމާ" ބޮލަށް އެނބުރުން އަރާކަހަލަ ގޮތެއްވުމުން ބޭރަށް ނިކުތުމަށް ވަހީދުކައިރީގައި ބުނީމެވެ.

"ކިހިނެއްތަ ވެގެން މިއުޅެނީ؟" ވަހީދު އަހަރެން ކުރެން ސުވާލުކުރިއެވެ.

"މިއަދު މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގާ އެތަނުގަ ތިބި މީހުންގެ ގަޔަށް ސިފައިން ބަޑިޖަހައިގެ ވަރަށް ގިނަމީހުން މަރުވެން މާލެގެނެސްފި" ވަހީދުގެ އެސުވާލު އަޑުއިވުމާއިއެކު ސަހާރާ ބޭރުގައި ހުއްޓިގެން ހުރިމީހަކު ޖަވާބުދިނެވެ.

ޖަލުން އަހަރެންނަށް އައި ފޯނުކޯލުގެ މަތިން އަހަރެންގެ ހަނދާން އާވެގެން ދިޔައެވެ.

"ހިނގާ ދެންދަމާ، މިކަމަކާ ހެދި ވަހީދު ދައްކަން އުޅުނު ވާހަކަވެސް ނުދެއްކުނެންނު" އަހަރެން އެހެންބުނެފައި ދެމީހުން އެކުގައި ސައިކަލަށް އަރައިގެން އެތަނުން ދިއުމަށްޓަކައި ދުއްވާލީމެވެ.

 

"މިހާރު އެއަށް ތިންގަޑި ބައިވީ، ހިނގާ ސައިބޯން ހޮޓަލަކަށްދަމާ، ލައްކައިރު މިތާ ތިބެވިއްޖެ އެއްނުން" ދަރުބާރުގޭ ބިއްދަށުގައިވާ ތޮށިގަނޑުމަތީގައި ވާހަކަ ދެއްކުމަށް ގިނައިރުތަކެއް ވާންދެން ތިބުމަށްފަހު ވަހީދު ގަޑިއަށް ބަލާލަމުން ބުންޏެވެ.

"ދޮގެއްވެސް ނޫން، ހިނގާ ދަމާ" އަހަރެން އެހެންބުނުމަށް ފަހު ސައިބޯން ހޮޓަލަށް ދިއުމަށްޓަކައި ދުއްވާލީމެވެ.

"އަހަރުމެން ގޭކައިރީގައި ހުންނަ މެމޯރިއަލް ހޮޓަލަށް ދޯ ދާނީ؟" އަހަރެން ވަހީދުކައިރީ އެހެންބުނުމަށްފަހު މިސްރާބުޖެހީ އައި.ޖީ.އެމް ހޮސްޕިޓަލުކައިރީގައި ހުންނަ އަހަރުމެންގެ ގެއާއި މާދުރުނޫން މެމޯރިއަލް ހޮޓަލާއި ދިމާއަށެވެ.

 

"ވަހީދު ގެއަށް ވައްޓާލަދޭން ދޯ ދާންވީ؟" ހޮޓަލުން ސައިބޯލައިންގެ ނިކުމެ އަހަރެން ވަހީދުކުރެން އަހާލީމެވެ.

"އާން... ދެން ގެއަށް ދާންވީ" ވަހީދު ބުންޏެވެ.

"ހާދަ މީހުން ގިނައޭ ހޮސްޕިޓަލް ކައިރީގަ" ބުރުޒުމަގާއި ކަނބާއައިސަރަނި މަގުބެދުނު ގޯޅިކަންމަތީ ހުއްޓުމާއިއެކު ހޮސްޕިޓަލު ދޮރުމަތީ އެއްވެފައިވާ މީހުންތައް ފެނުމާއިއެކު އަހަރެން ބުނީމެވެ. ސައިކަލު ޕާކް ކޮށްލުމަށް ފަހު ކަންވާގޮތެއް ބަލަން އަހަރެން މަޑު ކޮށްލީމެވެ.

"ހިނގާބަލަ ބަލާލަން" ވަހީދު އެހެން ބުނެފައި ހިނގައިގަތުމުން އަހަރެންވެސް ވަހީދުއާއިއެކު އެދިމާލަށް ދިއުމަށް ހިނގައިގަތީމެވެ.

"މަށަށް ހީވަނީ އެއްކަލަ ޖަލުން ގެނައި މީހުންގެ ކަންތައްހެން" އެކަންވެގެން އުޅޭގޮތަކާއިމެދު އަހަރެންނަށް ލަފާކުރެވޭ ގޮތެއް ބުނީމެވެ.

 

މުޅިހޮސްޕިޓަލްތެރެވަނީ މީހުންވަދެ ތޮއްޖެހިފައެވެ. އެއްބަޔަކު ހަޅޭލައްވަމުން ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ގޮވަމުންދިޔައެވެ.

"ހިނގާބަލަ އެތެރެއަށް" ވަހީދު އެހެންބުނެފައި ހޮސްޕިޓަލުގެ ތެރޭގައިވާ މީހުންގަނޑުގެ ތެރެއަށް ވަނެވެ.

 

ކުޑައިރުކޮޅަކުން ސިފައިންގެ އޮފިސަރުންގެ ތިން މީހަކު ޔުނީފޯމްގައި އައިސް ހޮސްޕިޓަލުގެ ތެރެއަށްވަނެވެ. އެއާއިއެކު ހޮސްޕިޓަލުގެ ތެރެއަށް އެއްވެފައިވާ މީހުންތައް ހަޅޭލައްވަން ފެށިއެވެ. އެވެފައިވާ މީހުނާއި ވާހަކަ ދެއްކޭތޯ އެމީހުން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެމީހުން ވާހަކަ ދައްކަން ފެށުމާއިއެކު އެތަނަށް އެއްވެފައިވާ މީހުން އެމީހުންގެ މައްޗަށް އަރައިގަތެވެ. އަދި އެތަނުގައި އެވަގުތު ބޮޑު ތަޅާފޮޅުމެއް ފެށުނެވެ. އެތަނަށް އައި ސިފައިން އެގޮތްމިގޮތުން އެތާގައި ތިބި މީހުންގެ އަތްދަށުން ސަލާމަތްވެގެން ހޮސްޕިޓަލުގެ އެތެރެއަށް ވަނެވެ. އެވަގުތު ހޮސްޕިޓަލުގެ އެތެރޭގައިވާ ބޭސްފިހާރާގެ ބިއްލޫރިގަނޑު ކުދިކުދިވެގެން ދިޔައަޑު އިވުނެވެ.

 

"ޢާޒިމްދޭ ބޭރަށް" ވަހީދު އެހެންބުނެފައި މީހުންގަނޑުގެ ތެރެއަށް އެތެރެއަށް ދެމިގަތެވެ. އަހަރެން ބޭރަށް ނިކުތުމަށް ދުއްވައިގަތުމާއިއެކު މީހުންތަކުގެ ތެރެއަށް ވެއްޓުނެވެ. އެހެންނަމަވެސް އަނެއްކާވެސް ތެދުވެގެން ވަރަށް ހާލުން ބޭރަށް ނިކުތީމެވެ. ބޭރަށް ނިކުތްއިރު ހޮސްޕިޓަލުގެ ބޭރު މަގުމައްޗަށްވަނީ ވަރަށް ގިނައަދަދެއްގެ މީހުން ޖަމާވެފައެވެ.

 

އަހަރެން ނިކުތުމާއިއެކު ފޯނުނަގާ ޞަލާހަށް ގުޅީމެވެ. ޞަލާޙަކީ އަހަރެންނާއި އެއްބަނޑު އެއްބަފާ ބޭބެއެވެ. މާރާމާރީއެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލިތާ އަދި މާގިނަދުވަހެއް ނުވެއެވެ.

"ކޮންތާކު ތިއުޅެނީ؟" ޞަލާޙް ފޯނު ނެގުމާއިއެކު އަހަރެން އެހީމެވެ.

"ފިހާރައިގަ، ކިހިނެއްވީ؟" ޞަލާހު ހުރިތަން ބުނުމާއިއެކު ވެގެން އުޅޭގޮތް އޮޅުން ފިލުވުމަށް އަހާލިއެވެ.

"އާދެބަލަ އައި.ޖީ.އެމް.އެޗް ކައިރިއަށް. ވަރަށް ފޯރި އެބަހުރި. ސިފައިންނާ އާއްމުންނާ ތަޅައިގަނެގެން" އަހަރެން ވެގެން އުޅޭގޮތް ކިޔާދިނީމެވެ.

"އެބަދަން" ޞަލާޙް އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.

 

ކުޑައިރުކޮޅެއް ފަހުން ފެނުނީ ސިފައިގެ ފައުޖެއް އައިސް ހޮސްޕިޓަލުގެ ހުޅަނގަށްއޮތް ހުސްބިމުގައި ރުކުރުވާލިތަނެވެ. ފައުޖުގެ ކޮމާންޑަރ އެންގި ގޮތައް ސިފައި އެތުރިލިއެވެ. އެވަގުތު އެތަނަށް އެއްވެފައިވާ މީހުނަށް މިމަންޒަރު ފެނުމާއިއެކު ވަގުތުން ސިފައިންގެ ފައުޖާއި ދިމާއަށް ދުއްވައިގަތެވެ. އަދި އެތަނުގައިވާ ގާތައް ސިފައިންނާއި ދިމާއަށް އުކަންފެށިއެވެ. އެތަނުގައިވާ މީހުންގެ ގިނަކަމާއިއެކު މިކަން މިހެންވުމުން ސިފައިނަށް ޖެހުނީ ކުރަންއައި ކަންތައް ދޫކޮށްލުމަށްފަހު ޖާނައިގެން ސަލާމަތްވުމަށް ދުރަށް ދުވާށެވެ. އެގޮތުން ބައެއް ސިފައިން ދުވެފައިގޮސް ހުޅަނގު ބަނދަރުގައިވާ ދޯނިފަހަރަށް އެރިއެވެ. އަދި އަނެއްބަޔަކު ދުވުނީ ކަޅުތުއްކަލާ ކޮށްޓަށް ވަނުމަށެވެ. އެހެންނަމަވެސް އެތަނުން އާއްމުންގެ އަތުގައި ޖެހުނު ސިފައިންނަށް އާއްމުން ތަޅާ އަނިޔާ ކުރިއެވެ. އެއްވެފައިވާ މީހުންގެ ރުޅިވެރިކަންވަނީ އިންތިހާއަށްގޮސްފައެވެ. ކަންހިނގަނީ ކިހިނެއްތޯ ބެލުމަށް ސިފައިންގެ ފަހަތުން ދުވެފައި ދިޔަމީހުންގެ ފަހަތުން އަހަރެން ދުއްވަމުން ދިޔައީމެވެ. ޖާނު ސަލާމަތްކުރުމަށް ދުވި ސިފައިން ކަޅުތުއްކަލާގެ ތެރެއަށް ވަދެވުމާއިއެކު އެތަނުގެ ރައްކާތެރިކަން ހޯދިއެވެ. އެހެންނަމަވެސް އާއްމުން ކަޅުތުއްކަލާގެ ތެރެއަށް ގަލާއި އަދިވެސް ތަފާތު އެއްޗިހި އުކާ އެތަނުގައިވާ އިމާރާތްތަކުގެ ބިއްލޫރިތައް ތަޅާލިއެވެ. އެވަގުތު މާލޭގެ ހުރިހާ ދިމާއަކުން ފެންނަމުންދިޔައީ ހަމައިން ނެއްޓި ސުލްޙަ މަސްލަޙަތު ގެއްލިފައިވާ މަންޒަރެވެ.

 

އެކަމުގެ ތެރޭގައި އުޅެނިކޮށް އިރުއޮއްސި އަނދިރި ވުމާއިއެކު އަހަރެންނާއި ޞަލާހު ގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ.

 

"ދެން ނިކުންނާނީ ގެއަށް ވަދެލާފަ" ޞަލާޙް މާނޭވާ ލަމުން ބުންޏެވެ. ޞަލާހް ހުރީ ލިބުނު ފުރުޞަތުގައި އޭނާއަށް ސިފައިންގެ ތެރެއިން އަނިޔާކުރި މީހުނަށް އޭގެ ބަދަލު ދިނުމަށް ނިންމައިގެނެވެ.

 


( ނުނިމޭ)  


No comments:

Post a Comment