Friday, May 1, 2020

ޙަޔާތުގައި ހުންނަންވާނީ ބައިވެރިއެކެވެ!

ޙަސާޒިމް - ޒިމްސް ދަރުބާރު - 01 މެއި 2020  - 23:04



ދިރިއުޅުމަށްޓަކައި ގުޅޭ އަނބިމީހާ / ފިރިމީހާ ވާންޖެހޭނީ ޙަޔާތުގެ ބައިވެރިޔާ ކަމުގައެވެ. އެހެންނަމަވެސް ގިނަފަހަރަށް އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް ބައިވެރިޔާއާއިމެދު ވިސްނިފައި އޮންނަނީ އެއީ ދީނީގޮތުން ހުއްދަ ކޮށްގެން ގެންގުޅޭ މަސައްކަތު މީހެއްގެ ގޮތުގައެވެ. ބައެއްމީހުން ޙަލާލު އަޅެއްގެ ގޮތުގައިވެސް ދެކެއެވެ.

އަންބަކު ނަމަ ބެލެވެނީ އެއީ ހަމައެކަނީ ކައްކާ އެއްޗެހި ދޮވެ އިސްތިރިކޮށް ގޭތެރެ ސާފުކުރާ މީހެއްގެ ގޮތުގައެވެ. ކުރުކޮށް ބުނާނަމަ ޙަލާލު މެއިޑެއް ގޮތުގައެވެ. ފިރިއަކު ނަމަ ބެލެވެނީ ދިރިއުޅުމަށް ބޭނުންވާ ފައިސާ ހޯދުމާއި ގޭތެރޭ މަސައްކަތް ކުރަން ގެންގުޅޭ މަސައްކަތު މީހެއްގެ ގޮތުގައެވެ. ބައިވެރިއެއްގެ ގޮތުގައި އެކަކު އަނެކަކާއިމެދު މުޢާމަލާތުކޮށް ޢަމަލުތައް ނުބެހެއްޓެއެވެ.  މިހެންވުމުގެ ސަބަބުން އެކަކު އަނެކަކަށް އަބަދުވެސް ފެންނާނީ އަނެއްކާގެ ކުށެވެ. އަނެކާ ކުރާ މަސައްކަތާއި އެކަމުގެ ބުރަކަށް ވަޒަންކޮށް ޝުކުރުކުރުން އޮންނަނީ ވަރަށް ދުރުކަމަކަށް ވެފައެވެ. މީގެ ނަތީޖާއަކަށްވަނީ ލޯބިން ހޯދި ބައިވެރިޔާ ޙަޔާތުގެ ބައިވެރިކަށްނުވެ ވަކިވާންޖެހުމެވެ. 

ޙަޔާތުގެ ބައިވެރިޔަކަށް ވެވޭނީ ދެމަފިރިންވެސް އެކަކު އަނެކަކަށް ދެމީހުންގެ މަސައްކަތްތަކުގައިވެސް ވީވަރަކުން އެހީތެރިވެ ބައިވެރިވެގެންނެވެ. އަދި އަބަދުވެސް އަނެކާ ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރުވެރި ވެގެންނެވެ. އަދި ދެމީހުންނަކީވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރާ ބަޔަށްވެގެންނެވެ. 

މިސާލަކަށް ބުނާނަމަ، ފިރިމީހާއަކީ ދިރިއުޅުމަށްޓަކައި ފައިސާ ހޯދާ މީހާކަމުގައިވީނަމަވެސް އޭނާވެސް ގޭގައި ހުންނަ ވަގުތު ތަކުގައި އަނބިމީހާ ކުރާ މަސައްކަތްތަކުގައި ބައިވެރިވެވިދާނެއެވެ. އަދި ފިރިމީހާގެ މަސައްކަތަކީ އަނބިމީހާ އަށްވެސް އެހީތެރިވެވޭފަދަ މަސައްކަތްތަކެއް ކަމުގައި ވާނަމަ އޭނާގެ މަސައްކަތުގައި އެހީތެރިވެވިދާނެއެވެ. މިކަންކަން ކުރަންޖެހޭނީ ވަގުތު ވުމަކުން ނޫނެވެ. ވަގުތު ހޯދައިގެންނެވެ. އެކަންކަމަށް ވަގުތު ހުސްކޮށްގެންނެވެ. އަދި ކޮންމެ ދުވަހަކީވެސް އެކަކު އަނެކަކަށް ކުރާ މަސައްކަތުގެ ވާހަކަ އާއި އެދުވަހެއްގެ ކަންކަން ހިނގާދިޔަގޮތް ހިއްޞާ ކޮށްލާ ދުވަހަކަށް ހެދިދާނެއެވެ. ސަބަބެއް ނެތަސް ގުޅާލާ ނުވަތަ މެސެޖްކޮށްލުމަށް ފަހު ބައިވެރިޔާ އުފާވާ އެއްޗެއް ބުނެލެވިދާނެއެވެ. އަދި ދެމީހުންނަށް އެކަކު އަނެކަކު ކުރާކަންތަކަށް ތައުރީފުކޮށް ހިތްވަރު ދެވިދާނެއެވެ. މިހެންވެއްޖެނަމަ ކޮންމެ މީހެއްގެވެސް ހުންނާނީ ޙަޔާތުގެ ބައިވެރިއެކެވެ.

އެހެންނަމަވެސް ހިތާމައަކީ މިއަދު އެއްގޭތެރޭގައި ދިރިއުޅެމުން ދިޔަނަމަވެސް "ސްޓްރޭންޖަރސް" ފަދައިން ދިރިއުޅެމުންދާ މީހުން ވަރަށް ގިނައެވެ. މަސްތައް ފާއިތުވެގެން ދާއިރު އެކަކު އަނެކަކަށް އަނގައި ބުނެލާ ހިނިތުން ނުވެވޭ އެތައް ދެމަފިރިންނެއް އުޅެމުން ދެއެވެ. ދިރިއުޅުމެއް އުފާވެރި ކުރެވޭނީ ދެފަރާތުންވެސް އިސްނަގާ އެކަމަށްޓަކައި މަސައްކަތް ކޮށްގެންނެވެ. ޙަޔާތުގައި ހުންނަނީ ބައިވެރިޔަކު ކަމުގައި ހަދާށެވެ. އޭނާއާއި ބައިވެރިވާށެވެ. އަދި އޭނާ ބައިވެރިކުރާށެވެ.

















No comments:

Post a Comment